06 ޑިސެމްބަރ 2023 - 13:59

ކަރަންޓުގެ އަގު ހެޔޮކުރެވެން އޮތީ އިޔާދަކުރަނިވި ހަކަތައަށް ގޮސްގެން ކަމަށާއި އެ ނޫން ގޮތަކަށް އެކަން ކުރަން ދަތިވާނެ ކަމަށް ސްޓެލްކޯގެ އާ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ފަހުމީ ވިދާޅުވީ، ކަރަންޓުގެ އަގު ކުޑަކުރެވޭނީ، ޔުޓިލިޓީ ކުންފުނިތަކަށް ފައިދާވާން ފެށުމުން ކަމަށެވެ. ފައިދާ ނުވާ ކުންފުނިތަކެއްގެ ގޮތުގައި ކަރަންޓުގެ ހިދުމަތް ދޭ ނަމަ ދައުލަތުން ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއް މޮޑެލް އަކީ ސްޓެލްކޯއިން އަގު ހެޔޮކޮށްދިނުމޭ. އެކަމަކު ސްޓެލްކޯ އަށް އަގު ހެޔޮކޮށްދެވޭކަށް ނެތެއް ނޫންތޯ. ފައިދާ ނުވަންޏާ ކިހިނެއްތޯ އެކަން ކުރާނީ. ގެއްލުން ވެގެންނެއް މިކަން ސްޓެލްކޯއަކަށް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ދެން އޮތް ގޮތަކީ ސަރުކާރުން ޕޮލިސީ ލެވެލްގައި އެކަން ކުރުން ކަމަށާއި އެފަދަ ކަމެއް ކުރާ ނަމަ، ދައުލަތުން ކޮންމެވެސް ސިފައެއްގައި ޓެކްސްއެއް ނަގަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ވަނީ އަންނަ އަހަރަށް ޓާގެޓް ކޮށްގެން، ބޭނުން ޖެހޭ މީހުންނަށް ސަބްސިޑީ ދޭން ފަށަން ނިންމައިފަ އެވެ. އެކަމަށް ހާއްސަކޮށް 600 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ.
ފަހުމީ ވިދާޅުވީ، ކަރަންޓުގެ އަގު ހަރަދު ކުޑަ ކުރުމަށް އެންމެ މުހިންމު ކަމަކީ ކަރަންޓު މަދުން ހޭދަވާ އިލެކްޓްރޯނިކް ސާމާނު ބޭނުންކޮށް، ކަރަންޓު އިސްރާފުކުރުން ގޭގެއިން ކުޑަކުރުން ކަމަށެވެ.
ކަރަންޓުގެ އަގު ހެޔޮކޮށް، ފްލެޓް ރޭޓެއް ކަނޑައެޅުމުގެ ވާހަކަ އެންމެ ގަދައަށް ދެކެވުނީ މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށެވެ. ކުރީ ސަރުކާރުން ވަނީ ކަރަންޓުގެ ހިދުމަތް ދޭން ފްލެޓް ރޭޓެއް ކަނޑައެޅުމަށް ނިންމައިފަ އެވެ.
އޭނާ ވިދާޅުވީ، ކަރަންޓުގެ ހިދުމަތަށް ފްލެޓް ރޭޓެއް ކަނޑައެޅުމާއި ބޭންޑްތަކެއް ކަނޑައެޅުމާ ގުޅޭ ގޮތުން ގޮތެއް ކަނޑައަޅާނީ ސަރުކާރުން ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ، ފްލެޓް ރޭޓަކަށް ދިއުމުގެ ބަދަލުގައި ބޭންޑްތަކެއްގެ ގޮތުގައި ކަރަންޓު ހިދުމަތް ދިނުމަކީ ގޯސް ގޮތެއް ނޫން ކަމަށެވެ. އެގޮތަށް ބޭންޑްތަކަކަށް ބަހާލައިގެން ކަރަންޓު ހިދުމަތް ދިނުމުން، އާމްދަނީ މަދުން ލިބޭ މީހުންނަށް ކަރަންޓު ހެޔޮ އަގުގައި ލިބެން މަގު ފަހިވާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.