ވޯލްޑް ކަޕުން ޔޫރަޕަށް 16 ޖާގަ ދޭން އެދިއްޖެ
ވޯލްޑް ކަޕުން ޔޫރަޕަށް 16 ޖާގަ ދޭން އެދިއްޖެ

ނިޔޯން، ފްރާންސް (ފެބްރުއަރީ 10) – ސާޅީސް އަށް ޓީމާ އެކު ބާއްވާ ވޯލްޑް ކަޕުން ޔޫރަޕަށް މަދުވެގެން 16 ޖާގަ ދޭން ޔުއެފާ އިން އެދިއްްޖެ އެވެ.

މިހާރު 32 ޓީމާ އެކު ބާއްވާ ވޯލްޑް ކަޕުން ޔޫރަޕަށް ދެނީ 13 ޖާގަ އެވެ. ފީފާ އިން މިދިޔަ މަހު ފާސްކުރި އާ ބަދަލާ އެކު 2026 ވަނަ އަހަރުން ފެށިގެން ވޯލްޑް ކަޕަށް ބޮޑު ބަދަލެއް އަންނާނެ އެވެ. އެގޮތުން 48 ޓީމަށް މުބާރާތުން ފުރުސަތު ދޭއިރު ގްރޫޕް ސްޓޭޖުގައި އޮންނާނީ ތިން ޓީމު ހިމެނޭ 16 ގްރޫޕެވެ. ނޮކްއައުޓް ބުރަށް ހޮވޭނީ ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމެވެ. ކުރިން 64 މެޗު ކުޅޭ މުބާރާތުގައި އާ ބަދަލާ އެކު 80 މެޗު ކުޅޭނެ އެވެ.

ޔުއެފާގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޖަމިއްޔާގެ ރައީސް އެލެކްސެންޑާ ކެފެރިން ވިދާޅުވީ ޔޫރަޕަށް 16 ޖާގަ ދިނުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި އެހެންވެ އެކަމަށް ފީފާގައި އެދޭނެ ކަމަށެވެ. އަދި ކޮންމެ ގްރޫޕެއްގައި ޔޫރަޕުން އެއް ޓީމު ހިމަނަން ވެސް އެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ބުރުން ޔޫރަޕުގެ ހުރިހާ ޓީމެއް ކޮލިފައިވުމަކީ އަހަރެން ބޭނުންވާ ގޮތް،" ކެފެރިން ވިދާޅުވި އެވެ.

އާ ބަދަލާ އެކު އެކި ބައްރުތަކަށް ވޯލްޑް ކަޕުން ދޭނެ ޖާގަތައް ފީފާ އިން ކަނޑައަޅާނީ މޭ މަހު ބަހުރޭނުގައި ބާއްވާ ބައްދަލުވުމުގަ އެވެ.

ފީފާ ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ބައްރަކީ ޔޫރަޕެވެ. އެގޮތުން ޔޫރަޕުގެ ގައުމުތަކުން ވަނީ މުބާރާތް 11 ފަހަރު ކާމިޔާބުކޮށްފަ އެވެ. ދެކުނު އެމެރިކާގެ ގައުމުތަކުން މުބާރާތް ކާމިޔާބުކޮށްފައިވަނީ ނުވަ ފަހަރެވެ. ޔޫރަޕުން ޖަރުމަނާއި އިޓަލީ ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާއިރު އިންގްލެންޑާއި ފްރާންސް އަދި ސްޕެއިން ވަނީ އެއް ފަހަރު މުބާރާތް އުފުލާލައިފަ އެވެ. މިދިޔަ 26 އަހަރަށް ބަލާއިރު 1994 އަދި 2002 ފިޔަަވައި ފަސް މުބާރާތް ކާމިޔާބުކޮށްފައިވަނީ ޔޫރަޕުގެ ގައުމުތަކުންނެވެ.