06 ޑިސެމްބަރ 2023 - 12:04

ކޮވިޑަށް ފަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ފުރަތަމަ ފަހަރަށް 1.7 މިލިއަނަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 1.5 މިލިއަން ޓޫރިސްޓުންނެވެ. އަދި އަހަރު ނިމުނު އިރު އައި ޓޫރިސްޓުންގެ އަދަދު އުޅުނީ 1.6 މިލިއަންގަ އެވެ.
އެހެންވެ، 1.5 މިލިއަނަކީ މިދިޔަ އަހަރު އައި ޓޫރިސްޓުންގެ ޖުމްލަ އަދަދަށް ވުރެ އެއް ލައްކަ އިތުރު އަދަދެކެވެ.
މި އަހަރުގެ ބަޖެޓުގައިވާ ޓާގެޓަކީ 1.8 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ. އެހެން ނަމަވެސް ކުރީ ސަރުކާރުގެ އަމާޒަކަށްވީ މި އަހަރު 1.9 މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެ އަމާޒަށް ދެވޭނީ މި މަހު ދެ ލައްކަ ޓޫރިސްޓުން ހަމަވެގެންނެވެ.
މިއަހަރު އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ 12 ޕަަސެންޓް އިތުރުވެފަ އެވެ. އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައީ ރަޝިއާއިންނެވެ. އެގައުމުން 190،000 ޓޫރިސްޓުން ރާއްޖެ އަ އެވެ.
އިންޑިއާއިން 180،000 ޓޫރިސްޓުން އައިއިރު، ތިން ވަނަ އަށް އެންމެ ޓޫރިސްޓުން އައީ ޗައިނާއިންނެވެ. އެ ގައުމުން ވަނީ 170،000 ޓޫރިސްޓުން ރާއްޖެ އައިސްފަ އެވެ.
ރާއްޖެއަށް އެވްރެޖުކޮށް 5،000 ޓޫރިސްޓުން އާދެ އެވެ. އަދި އެވްރެޖުކޮށް ހަތް ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ.