މަޖިލިހުގެ މި ދައުރު މި މަހުގެ 18 އާ ހަމައަށް ދަންމާލައިފި
މަޖިލިހުގެ މި ދައުރު މި މަހުގެ 18 އާ ހަމައަށް ދަންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ދަންމާލަން މަޖިލީހުގެ އިދާރާ އިން ދެ ވަނަ ފަހަރަށް ނިންމައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާން ކުރެއްވި ގޮތުގައި މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް މި ދައުރު ކުރިއަށް ގެންދާނެ އެވެ.

ދައުރު ދަންމާލަން ނިންމީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކުރުން ހިމެނޭ ގޮތަށް މުހިންމު މަސައްކަތްތަކެއް އަދިވެސް ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ މިއަދު ވޯޓު ގަޑީގައި އެކަމަށް ވޯޓަށް އެހުން އޮންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މިއީ ތިން ވަނަ ދައުރު ދަންމާލި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ދައުރު އިތުރުކުރީ މި މަހުގެ ހަތް ވަނަ ދުވަހާ ހަމައަށެވެ.

މަޖިލީހުގެ މި ދައުރުގެ ބޮޑުބައި ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ނުގެންދެވި އެވެ.

އެ މައްސަލަ ތާވަލު ނުކުރުމާއި މަޖިލީހުގައި އޮތް އިހުތިޖާޖުތަކާ ހެދި މަޖިލީހުގައި އިތުރު އެއްވެސް މަސައްކަތެއް ކުރިއަކަށް ނުގެންދެވުނެވެ.

ނަމަވެސް މަޖިލިހުގެ ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވައި އެ މަގާމާ އަސްލަމް ހަވާލުވި ހިސާބުން މަޖިލިހުގެ މަސައްކަތްތަކުގެ ސްޕީޑް ވަނީ އަވަސްކޮށްފަ އެވެ.