09 ފެބުރުއަރީ 2017 - 15:59

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން، ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އާ ކުންފުންޏެއް އުފައްދަވައިފި އެވެ.
މި މަހުގެ އެކެއްގައި ރައީސް ނެރުއްވި އަދި ގެޒެޓުގައި މިއަދު ޝާއިއުކުރި ގަރާރެއްގައިވާ ގޮތުން، ރައީސް ވަނީ މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑް ލިމިޓެޑުގެ ނަމުގައި ކުންފުންޏެއް އުފައްދަވައިފަ އެވެ. ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް އުފެއްދެވި މި ކުންފުނީގެ މަގުސަދަކީ، ގަރާރުގައިވާ ގޮތުގައި، ރާއްޖޭން ބޭރުގައި ޓޫރިޒަމް އިޝްތިހާރު ކުރުމާއި އެ ސިނާއަތަށް އަންނަމުން ދާ ބަދަލުތައް ދެނެގަނެ، ދިރާސާކޮށް އަދި ހަރުދަނާ ކުރުމެވެ.
ޓޫރިޒަމް އިޝްތިހާރު ކުރަން އާ ކުންފުންޏެއް ރައީސް އުފެއްދެވިއިރު، އެ މަސައްކަތް މިހާރު ކުރަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ) އިންނެވެ. އެއީ ވެސް، އޭގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދިޔަ ޓޫރިޒަމް ޕްރޮމޯޝަން ބޯޑު އުވާލުމަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދި ސަރުކާރުގެ ކުންފުންޏެކެވެ.
އެކަމަކު، ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ގޮސް ގުޅެނީ އެމްއެމްޕީއާރުސީއާ އެވެ. އެ ގޮތުން، އެ ކުންފުނި މެދުވެރިކޮށް ރަށްރަށާއި ފަޅުތައް ވިއްކައިގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ މަނިކުފާނާ ގުޅިފައިވާ ބަޔަކު ވަނީ 79 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަގަށް ނަގައިފަ އެވެ.
އެ ވައްކަމާ ގުޅިފައިވާ ގިނަ މައްސަލަތަކެއްގެ ތަހުގީގު އަދިވެސް ކުރިއަށް ދާއިރު، އޭގެ ތެރޭން ބައެއް މައްސަލަތަކުގައި އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ ޖަލަށް ލަައިފަ އެވެ. އަދި އެ ދެ ބޭފުޅުންނަށް ދައުވާ ލިބޭ އިތުރު މައްސަލަތަކެއްގެ ޝަރީއަތް ކޯޓުގައި މިހާރު ވެސް ކުރިއަށް އެބަ ދެ އެވެ.
ޓޫރިޒަމް އިޝްތިހާރު ކުރަން ރައީސް އާ ކުންފުންޏެއް އުފެއްދެވުމުން، އެމްއެމްޕީއާރުސީ އަށް ވާނެ ގޮތެއް އަދި ނޭނގެ އެވެ.