05 ޑިސެމްބަރ 2023 - 21:28

އެއްވެސް ބޭފުޅަކާ ޒާތީ ނުވާނެ ކަމަށާއި އެހެން ބޭފުޅެއްގެ ވާހަކައެއް ދައްކަވަން ވެސް ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަވާބު ދެއްވަން އިންކާރު ކުރަައްވައިފި އެވެ.
ރައީސްގެ ވެރިކަމަށް ހަފުތާއެއްވިތަނާ، ޕީޕީއެމްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޔާމީން ވަނީ އެ ޕާޓީން ކުއްލި ގޮތަކަށް ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. އަދި، ޔާމީނާ ރައީސް ގުޅުން ކަނޑާލައްވައި، ފޯނަށް ޖަވާބު ވެސް ނުދެއްވާ ކަމަށް ޔާމީންގެ އަރިސް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ރައީސަށް ސުވާލު އަމާޒުކުރި އެވެ. ނަމަވެސް، އެ ސުވާލުތަކަށް ސީދާ ޖަވާބެއް ނުދެއްވައި، ވަކި ބޭފުޅަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަކީ އެއްވެސް އިރަކު މިއަދާ ހަމައަށް އައިއިރު ވެސް އެއްވެސް ބޭފުޅެއްގެ ވާހަކަ ދައްކާ މީހެއް ނޫން. ނޯންނާނެ ދައްކާފައެއް މިހާތަނަކަށް ވެސް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ގައުމު ކުރިއަށް ގެންދަން އެމަނިކުފާނު ކުރައްވާ މަސައްކަތުގައި ހުރިހާ ސިޔާސީ ލީޑަރުންގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށާއި ގައުމުގެ މަސްލަހަތު އިސްކުރާ ހުރިހާ ލީޑަރުންނާ އެކު ވެސް މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން އެއްވެސް ސިޔާސީ ލީޑަރަކީ ގައުމު އިސް ނުކުރައްވާނެ ބޭފުޅެއް ކަމަކަށް. އަޅުގަނޑަކަށް ނެތް އެއްވެސް މައްސަލައެއް އެއްވެސް ބޭފުޅަކާ އެކު މަސައްކަތް ކުރުމުގެ. އަޅުގަނޑު ބޭނުން ވަނީ އެކަތިގަނޑަކަށްވެގެން ރިވެތި އުސޫލުގައި ވާހަަކަ ދެކެވިގެން ކުރިއަށްދާ ބަޔަކަށް ވާން،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނުފެނޭ އެއްވެސް މައްސަލައެއް ދިމާވާ ތަނެއް އެއްވެސް ބޭފުޅަކާ. އަޅުގަނޑުގެ ހިތަކު ނޯންނާނެ އެއްވެސް ޒާތީ މައްސަލައެއް، ހިތްހަމަނުޖެހުމެއް ވެސް. އަޅުގަނޑަށް ހަމަ ވަރަށް މުހިންމު ހުރިހާ ސިޔާސީ ލީޑަރުން ވެސް ގައުމު ކުރިއަށް ގެންދިޔުމުގައި."
ޔާމީން އާ ޕާޓީއެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް، ރައީސް ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުން ތިބީ ޕީޕީއެމް/ޕީއެންސީއާ އެކު އެވެ. އަދި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ ތިންބައިކޮށްފައި ދެބައިގެ މެޖޯރިޓީ ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.