06 ޑިސެމްބަރ 2023 - 05:59

އާދިއްތަ ދުވަހާ ގުޅޭ
"އޭ މަޑުކޮށްބަލަ!" އާދިލް ބުންޏެވެ. "އަންވަރު ގުނަން ތި ފަށަނީ، އަންވަރު ވެސް ލައިފަ، ދެން ހުރި މީހާއަށް ދޭއް ކިޔާފައެއްނު! އަނެއްކާ ނިންމަމުން ވެސް އަންވަރު ލާފަ ތި ބުނަނީ ހަތެކޭ!"
ވެގެންއުޅޭ ގޮތް އެންމެނަށް ވެސް ވިސްނުނީ އެ ހިސާބުންނެވެ. މީހަކު އިތުރެއް ނޫނެވެ. އަންވަރަށް ގުނުނު ގޮތް ގޯހީއެވެ. އެހެން މީހަކަށް ކުރިން އެ ކަން ފާހަގަ ނުކުރެވުނީއެވެ. އެންމެން އެއްތަނުގައި ތިއްބަސް، އެކި މީހުންގެ ސިކުނޑީގައި އެނބުރުނީ އެކި ކަންތައްކަމުގައިވީތީއެވެ. މައްސަލަ ހައްލުވެ، އެންމެން އެންމެނަށް ސަމާސާކޮށް، ހުނުމަށް ފަހު، ސާމާނުތައް ހިފައިގެން ހަ މީހުން ވަލަށް ވަނެވެ. އެ ތާކު މަގެއް ނެތެވެ. ހިނގީ ގަސްތަކުތެރެއިންނެވެ. ހަ މީހުން ފައްޗަކަށް ތިބި އިރު، ދިއްލަނީ އެންމެ ކުރީގައި ހުންނަ މީހާގެ ފޯނު އެކަންޏެވެ. ބެޓެރި ސަލާމަތްކުރަން ޖެހޭތީއެވެ. އެއީ އުނދަގޫ، ދިގު ދަތުރެކެވެ. އަޑުގަދަކޮށްފިއްޔާ، ކުރަންދިޔަ ކަންތައް ކާމިޔާބު ނުވެދާނެތީ، ވާހަކަދެއްކުން މަނައެވެ. އެއްޗެއް އެހުން ވެސް މަނައެވެ. އެއްވެސް ވާހަކައެއް ނުދައްކައި މަޑުމަޑުން ހިނގީއެވެ. ގަސްތަކު ތެރެއަށް ވަނުމުން، ދެވެނީ ރަނގަޅު ދިމާއަށްކަމެއް އެކަކަށް ވެސް ނޭނގެއެވެ. ކުރީގައި ހުރި މީހާ ދެއްކި މަގުން ހިނގީއެވެ.
އެކަކު ވެސް އެންމެ ފަހަތުގައި ހުންނާކަށް ބޭނުމެއް ނޫނެވެ. އެހެނަސް، ކޮންމެވެސް އެކަކު ފަހަތުގައި ހުންނަންޖެހެއެވެ. އެ ކަމުގައި އިސްނެގީ އާދިލެވެ. ގިނަ ވަގުތު އާދިލަށް ބެލެނީ ފަހަތެވެ. ފަހަތުން އެއްޗެއް އަންނަހެން ހީވާތީއެވެ. ބަލައިލާ އިރު ފަހަތުގައި އެއްވެސް އެއްޗެއް ނުހުރެއެވެ. ވަކި ހިސާބަކުން، އެންމެ ކުރީގައި ހުރި މީހާގެ ފޯނު ވެސް ނިއްވައިލަންޖެހުނެވެ. އަލި ފެންނަންޏާ ވެލާ ނާރާނެކަމަށް ފައިރޫޒު ބުނެގެންނެވެ. ދެން ވެރިވީ ކަނުއަނދިރިކަމެވެ. ކުރިމަތީގައި ހުރީ ގަހެއްކަމެއް، ރުކެއްކަމެއް ނޭނގެއެވެ. ބިރުވެރި ފިލްމެއްގައި ގަބުރެއް ހިނގާހެން އަތްހޫރުވަމުން، މަޑުމަޑުން ހިނގީއެވެ. ގަސްތަކުތެރެއިން އަޑުއަޑުއިވެއެވެ. ހަމްދާން ހިތަށްއެރިއެވެ. ދެން ދުވަހަކު ވެސް އެ ފަދަ ދަތުރެއް ނުކުރާނަމެވެ. ވެލާ ބިސްއަޅާ މަންޒަރު ޓީވީން ފެނުނަސް، އެ ކަމަށް ޓަކައި ކިހައި ވަރެއްގެ މަސައްކަތްތަކެއް ކުރަންޖެހޭކަމެއް ހަމްދާނަށް ވިސްނިފައެއް ނެތެވެ. ގާތްގަނޑަކަށް ތިރީސް މިނެޓު ހިނގަންޖެހުނެވެ. ނަސީބަކުން، ބޭނުންވާ ދިމާއަށް ނުކުމެވުނެވެ. އެކަމަކު، އެ ތާކު ވެލައެއް ނެތެވެ.
"އަރާނެ އަރާނެ!" ބަދީއު ވައިއަޑުން ބުންޏެވެ. ""ވާހަކަނުދައްކާ ތިބޭ!"
ވެލިގަނޑުމަތީ ޖައްސައިލުމުން އެންމެން ވެސް ލޮޑުވިއެވެ. ނިދިއައެވެ. ސިއްރުން ވާހަކަދައްކައިގެން ޚަބަރެއް ނުވެގެން ބަލައިލާ އިރު އަނެކަކަށް އޮންނަނީ ނިދިފައެވެ. ނިދިފިލުވަން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ބައިގަޑިއިރު ވިއެވެ. އެއްގަޑިއިރު ވިއެވެ. އެ ހިސާބުން ހިޔާލު ބަދަލުވާން ފެށިއެވެ. ރަށަށް އެނބުރިދާން އެކަކު ލަފާދިނެވެ. އެންމެނަކަށް އެއްބަހެއްނުވެވުނެވެ. އިރުއަރަންދެން ތިބެން އެއްބަޔަކު ބޭނުންވިއެވެ. އެއްވެސް ކަމެއްގައި އެންމެން އެއްގަލަކަށް ނޭރެއެވެ.
"އަހަރުމެން އަންނަ އިރު ބިސްއަޅަން ވެލާތައް ރެޑީވެގެނެއް ނުތިބޭނެއްނު!" ކެމެރާމަނަކަށް އައި އަންވަރަށް ފެނުނު ހިޔާލު އަންވަރު ދިނެވެ. "މި ހުންނަނީ ހާދަހާ ވަގުތެއް ހޭދަކުރަންޖެހޭ ކަންކަމޭ! ޑިސްކަވަރީ، ނެޝަނަލް ޖޯގްރަފިކް ކަހަލަ ތަންތަނުން ޑޮކިއުމެންޓްރީ ހަދާ އިރު، އެ މީހުން އަންނާނީ ހަފުތާއަކަށް ނޫނީ ދެތިން ހަފުތާއަށް. އެހެންވެ އެހާ ސަޅި ޝޮޓް ލިބެނީ. އަހަރުމެން މިއުޅެނީ ދެތިން ގަޑިއިރު މަޑުކޮށްނުލެވިގެން. އަހަންނަށް ފެންނަނީ އިރުއަރަންދެން ތިބެން. މާދަމާ ރޭ ވެސް އަންނަން. ކާއެއްޗެހި ވެސް ހިފައިގެން، ނިދިފިލުވަން ހޫނު ކޮފީ ވެސް ބޮވޭ ގޮތަށް ރެޑީވެގެން އަންނަންވީ. މީ އަހަރެންގެ ހިޔާލު."
ގަޑިން ދަންވަރު ތިނެއްޖެހިއެވެ. އެކި މީހުން ވިސްނީ އެކި ދިމާއަށެވެ.
"އަތިރިމަތިން ހިނގާލަން ހިނގާބަލަ!" ޖަލީލު ބުންޏެވެ. "އޭރުން ނިދި ވެސް ފިލާނެ."
"އިރުއެރީމަ ރަށަށް ދާން ނައްޓާލާނީ!" ބަދީއު ބުންޏެވެ. "އޭރުން ފަހަރެއްގަ އިންޖީނު ހުއްޓުނަސް، ހެދޭނެ އިތުރު ގޮތްތައް ހުންނާނެ."
ވެރިޔަކީ ހަމްދާނެވެ. ފޯނު ގެއްލުނީ ހަމްދާންގެއެވެ. ރުއީ ވެސް އޭނައެވެ. ދިރިހުރުމުގެ އުންމީދު ކަނޑައިލީ ވެސް އޭނައެވެ. ސިކުނޑި ވަރުބަލިވުމުގެ އިތުރުން ހަމްދާންގެ ހިތްވަރެއް ވެސް ނެތެވެ.
"ހިނގާ ރަށަށް ދަމާ!" ހަމްދާން ތެދުވަމުން ބުންޏެވެ.
އެންމެން ތެދުވިއެވެ. އެކުގައި ދާން ހިނގައިގަތެވެ. ވަލަށް ވަނެވެ. އެ ފަހަރު އެންމެންގެ ފޯނުން އަލިކުރިއެވެ. ފޯނު ނެތީ ހަމްދާން އަތުގައި އެކަންޏެވެ. އަޑުގަދަކޮށް ވާހަކަ ވެސް ދެއްކިއެވެ. އާދަޔާހިލާފު ގޮތެއް ވެސް ވާން ފެށިއެވެ. އާނއެކޭ ބުނެވާ ކަހަލަ ގޮތަކަށް އެކަކު ވެސް ސުވާލެއްކޮށްފި ނަމަ، އާނއެކޭ ބުނާ އަޑުއިވެނީއެވެ. ބައެއް ފަހަރު ތަންކޮޅެއް ލަހުން، ބައެއް ފަހަރު އަވަހަށް ވެސް އެ އަޑުއިވެއެވެ. ހީވަނީ އާނ ކިޔާފައި ހަޅޭއްލަވައިގަންނަހެންނެވެ. އެކި ދިމަދިމާއިން އެ އަޑު އާދެއެވެ. ދެ ފަހަރަކު މަތިން ވެސް އައެވެ. އެއީ ކޯޗެއްހެއްޔެވެ؟ އެ ވަނީ ކިހިނެއްހެއްޔެވެ؟ އެންމެން ވެސް އެހެން ހިތަށްއެރިއެވެ. އެކަކަށް ވެސް އޭގެ ޖަވާބެއް ނޭނގެއެވެ. އަލިކުރިޔަސް، ދެތިން ފޫޓަށް ވުރެ ދުރެއް ނުފެނެއެވެ. އެ ހާލެއްގައި ގޮސް ބޮއްކުރާ އޮތް ދިމާއަށް ނުކުމެވުނެވެ. ހަމްދާން ހީކުރީ ބޮއްކުރާ ނޯންނާނެކަމަށެވެ. އެކަމަކު އޮތެވެ. އޭރު ވެސް އިރުގެ އެއްވެސް އަލިކަމެއް ނެތެވެ. ފަތިސްވާން ލައްކަ އިރު އޮތެވެ. ބޮއްކުރައަށް އަރައިގެން، ބޮއްކުރާ ފުންކުރަން ހިނގަމުންދަނިކޮށް، ކުރިން އިވުނު އަޑު އަނެއްކާ ވެސް އިވުނެވެ. އެ ފަހަރަކު މީހަކު ސުވާލެއް ނުވެސް ކުރެއެވެ.
"އެ ފެންނަނީ ކޯޗެއް؟" އާދިލް ބުނި އަޑުއިވުނެވެ.
އެންމެން އެ ދިމާއަށް ބަލައިލިއެވެ. އަނދިރި ނަމަވެސް އެ އެތި ފާޅުވާން ހުއްޓެވެ. އެއީ ކަރު ދިގު އެއްޗެކެވެ.
"ކޯޗެއް އެއީ؟" އަންވަރު ވެސް އެހިއެވެ.
"މާކަނައެއްތަ؟" ހަމްދާން ބުންޏެވެ.
"ކައިރިނުވާތި! އެއީ އަސްލު އެއްޗެއް ނޫން!" ޖަލީލު އިންޒާރުދިނެވެ. "ހިނގާ އަވަހަށް މި ތަނުން ބަޗަމާ! އެ އުޅެނީ ގޯސްވާން. އިރުކޮޅަކުން މުޅި ތާނގަ އޮންނާނީ އޭގެ އެއްޗެހި."
"އޭ! ހަމަ މާކަނައެކޭ އެއީ!" އަންވަރު ބުންޏެވެ. "ކަލޯ އެއީ މަސް މީރު އެއްޗެއް! ހިނގާ ހިފައިގެން ގެންގޮސް ފިހެލަމާ!"
"ނޫނެކޭ!" ޖަލީލު ތަންކޮޅެއް ބާރަށް ބުންޏެވެ. "ކަލެއަކަށް އޭގެ ސައިޒެއް ނުފެނޭތަ؟ އެހާ ބޮޑެތި މާކަނާ އުޅޭތަ؟ އެހެރީ ދިގުކަންވާ ވަރު. މިހާރު ހީވޭ ކުރިޔަށް ވުރެ ވެސް ދިގުހެން. ބަލާބަލަ އެހެރަ ހިނގާ ގޮތް."
"ޖަލީލުގެ ބަހަށް އެކަކު ވެސް ތާއީދެއްނުކުރިއެވެ.
"މާކަނާގެ މަހަކީ މީރު އެއްޗެއް،" އާދިލް ބުންޏެވެ. "އަހަރެން ކެއިން. އެކަމަކު އެ ވަރުގެ މާކަނައެއް އަހަރެން ދުވަހަކު ވެސް ނުދެކެން. އެޔޮއް ހުޅުވައިލީ ފިޔަގަނޑު. ކަލޯގަޔާ! އަހަރެން ބުނާނީ ފިޔަގަނޑުގަ ވިއްސަކަށް ފޫޓު ހުންނާނޭ."
"އެއީ ހީވާ ގޮތް،" އަންވަރު ބުންޏެވެ. "ހިނގާބަލަ ހިފަމާ!"
"ވާނެ ވީޑިޔޯކޮށްލަން ވެސް." ހަމްދާން އެދުނެވެ.
"ވީޑިޔޯކޮށް، ކާންދީ، ގައިގަ ފިރުމާ.. އެ ހުރިހާ ކަމެއް ކުރާކަށް ޓައިމެއް ނުލިބޭނެ،" އަންވަރު ބުންޏެވެ. "ހިފަންޏާ ހިފަންވީ! ވީޑިޔޯކުރަންޏާ ވީޑިޔޯކުރާނީ."
ހަމްދާނަކަށް ގޮތެއް ނުނިންމުނެވެ. ޖަލީލު ނޫން އެހެން އެންމެން ނިންމީ ހިފާށެވެ. އެއްވެސް ކަމެއްނުވި ދަތުރަކަށް ދަތުރު ނުހެދުމަށް ޓަކައެވެ. އެހެނަސް އެއް ސުވާލު އޮތެވެ.
"ކިހިނެއް ހިފާނީ؟" ބަދީއު އެހިއެވެ.
ކަންކުރާނެ ގޮތް ރޭވީ އާދިލެވެ.
"ތި ކަމުގަ އަހަންނެއް ބައިވެރިއެއް ނުވާނަން،" އާދިލް ބުންޏެވެ. "އެކަމަކު އައިޑިޔާއެއް ދީފާނަން. މިއޮތީނު ރިތެއް. އެކަކު ހުރޭ އެ ހިފައިގެން. ދެން މަޑުމަޑުން ގޮސް އޭއްޗާ ކައިރިކޮށްލާނީ! އަލި ފޯރާ ވަރަށް ކައިރިވީމަ ފޯނުން އޭގެ ލޮލަށް އަލިކޮށްލާ! އޭރުން އޭއްޗަކަށް ނޭނގޭނެ އުދުހިގަންނާކަށް. ހަމަ އެ ވަގުތު ދަނޑިން އޭގެ ބޮލުގަޖަހާ!"
ރޭވުން ވަރަށް ފުރިހަމައެވެ. އެ ކަން ކުރާކަށް އުނދަގުލެއް ވެސް ނޫނެވެ. ކާމިޔާބުވާނެހެން ވެސް ހީވިއެވެ. އަލިކުރަން ހަވާލުވީ ފައިރޫޒެވެ. ދަނޑި ހިފައިގެންހުރީ އަންވަރެވެ. ކައިރިވާ ވަރަކަށް އަންވަރުގެ ހިތުވިންދު އަވަސްވަމުންދިޔައެވެ. އެ އެތި ފެންނަނީ މާނަކައެއްހެންނެވެ. އެކަމަކު އަންވަރު ވެސް އެހައި ބޮޑު މާކަނައެއް ކުރިން ނުދެކެއެވެ. އަންވަރަކީ ދިގު މީހެކެވެ. އެހެނަސް، އަންވަރަށް ވުރެ ވެސް އެ މާކަނާ ދިގުވާނެކަމަށް އަންވަރު ލަފާކުރިއެވެ.
"މީ ކީއްކުރަން ކުރާ ކަމެއް،" ވައިއަޑުން ޖަލީލު ބުންޏެވެ. "އަހަރުމެން އައީ މާކަނާ ހިފާކަށް ނޫނެއްނު! ތިއޭ ގޯސްވާ ކަމަކީ. އަހަންނަކަށް ނުފެނޭ ތި ކަން ކުރާކަށް. އޭތި އަހަރުމެންނަށް ގޯނާއެއް ކުރީކީ ނޫން."
އެކަކަށް ވެސް އެ އަޑު އިވުނުހެނެއް ހިޔެއްނުވެއެވެ. މަޑުމަޑުން ކައިރިވަމުން ގޮސް، އަލި ފޯރާ ހިސާބަށް ދިޔުމާއެކު ފައިރޫޒު އަލިކޮށްލިއެވެ. މާކަނާ ގަނޑުވި ކަހަލައެވެ. އަންވަރު ދަނޑި ހިފައިގެން ދުއްވައިގަތެވެ. އެ ވަގުތު ފައިރޫޒު އަރިއަޅައިލިއެވެ. މާކަނާގެ ލޮލުން، ސިކުންތަކަށް އަލި ކަސިޔާރުވިއެވެ. ކުއްލިއަކަށް ފިޔަގަނޑު ދަމާލައިފައި މާކަނާ ނިކަން ބާރަށް ގޮވާލައިފައި އުދުހިގަތެވެ. އެންމެންގެ ލޮލަށް ވެލިޖަހައިފައެވެ. އޭގެ ފިޔަގަނޑުގައި އެހައި ވައި ހުއްޓެވެ. މާކަނާ ގޮސް އޮބައިލިއެވެ.
"އަރިއަޅާލީއޭ!" ފައިރޫޒު ބުންޏެވެ.
"އެހައި ކައިރިވެފައޮއްވާ!" އަންވަރަށް ބުނެވުނެވެ. "ނަސީބު ހަމަ ދެރައީ!"
"މަ ބުނާނީ އަހަރުމެން ނަސީބުގަދައީއޭ!" ޖަލީލު ބުންޏެވެ. "އެއީ މާކަނައެއް ނޫން! އޭގަ ޖެހި ނަމަ، އަހަރުމެން ސަލާމަތެއް ނުވީސް."
އެއަކަށް އެކަކު ވެސް ތާއީދެއްނުކުރެއެވެ. ބޮއްކުރައަށް އަރައިގެން ރަށާ ދިމާއަށް މިސްރާބުޖެހިއެވެ. އިންޖީނާ މެދު އެކަކަށް ވެސް ޔަގީންކަމެއް ނެތެވެ. އެހެނަސް، އަމާން އޮމާން ދަތުރަކަށް ފަހު ބޮއްކުރާ ރަށަށް ލެފިއެވެ. ލެފުމާއެކު އަނެއްކާ އިންޖީނު ހުއްޓުނެވެ. އެންމެން ވެސް ނިންމީ އެއީ ބަދުނަސީބު ދަތުރެއްކަމުގައެވެ. އެކަކު ފިޔަވައެވެ. ހަމްދާން ދުށް ގޮތުގައި، ފުރާނަ ސަލާމަތްވިކަން އެއީ ނަސީބެކެވެ. ދަތުރުގެ ބާކީބައި ކެންސަލުކޮށްފައި، ޖެހިގެންއައި ދުވަހު އެންމެން މާލެއަށް އައެވެ. އެ ބިރުވެރިކަން ހިތުން ފިލުވައިނުލެވިގެން އެންމެ ގިނަ ދުވަހު އުޅެންޖެހުނީ ހަމްދާނަށެވެ.
-ނިމުނީ-