09 ފެބުރުއަރީ 2017 - 17:26

ރައީސް އަބްދުﷲ ޔާމީން މިދިޔަ ހޯމަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި، ގައުމުގައި ހުރި ކަންބޮޑުވުންތަކާއި އެކަން ކަމަށް ހައްލު ހޯއްދެވުމާ ގުޅޭ ގޮތުން އެއްވެސް ވާހަކަފުޅެއް ހިމަނުއްވާފައި ނުވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ބޭބޭފުޅު މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރިޔާސީ ބަޔާނުގައި، ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރަން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަންކަން ހިމަނުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެކަމަކު، މި އަހަރުގެ ރިޔާސީ ބަޔާން ނިންމާލެއްވިއިރު ވެސް ގައުމުގެ ހާލަތު ރަނގަޅު ކުރަން ކުރައްވަން ފެނިވަޑައިގަންނަވާ އެއްވެސް ކަމެއް ވިދާޅުު ނުވުމަކީ ޕީޕީއެމްގެ އާއްމު މެމްބަރުންނާއި ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ގައުމުގެ މަސްލަހަތު ހިމެނޭ ބޮޑެތި އެތައް ކަމެއް ހިނގަމުން ދާއިރު، އެއިން އެއްވެސް ކަމަކަށް ރިޔާސީ ބަޔާނުގައި އެއްޗެއް ވިދާޅުވެފައި ނުވުމަކީ ވެސް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
"މިސާލަކަށް ގައުމުގައި ކޮރަޕްޝަނާއި ފަސާދަ މީގެ ކުރިން ދުވަހަކު ވެސް އިތުރުވަމުން ނުދާ ވަރަށް އިތުރުވަމުން ދާއިރު ވެސް މި ކަމަށް ރިޔާސީ ބަޔާނުގައި އަޅިއަޅުއްވާލައްވާފައެއް ނުވެ އެވެ،" ބަޔާނުގައި މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި، ސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތު ސަރުކާރުގައި ތިއްބެވި އިސް ވެރިންގެ ބޮލުގައި އެޅި، އެ މައްސަލަތައް ބެލުމުގައި ފަސް ޖެހިފައިވާ ކަމަކީ މީޑިއާތަކުގައި އެންމެ ގިނައިން ދައްކާ އެއް ވާހަކަ އެވެ. ރާއްޖޭގެ ފަޅުތަކާއި ފަރުތައް އަދި ފަޅުރަށްތައް، ވާނުވާއެއް ނޭނގި ވިއްކަމުން ދިއުމަކީ ވެސް ރައްޔިތުން އިންތިހާ އަށް ކަންބޮޑުވާ މައްސަލައަކަށް ވާއިރު، އެ ކަމަށް ބަޔާނުގައި އަލިއަޅުއްވާލައްވާފައި ނުވުމަކީ ހިތާމަ ކުރަން ޖެހޭނެ ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
ރައްޔިތުންގެ ކުރިއެރުމަށް ބޭނުންވާ ހަމަހަމަ ފުރުސަތުތައް ތަނަވަސްވެފައި އޮތް ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، ވަކި ބަޔަކަށް ސަރުކާރުގެ ޕްރޮޖެކްޓުތައް ލިބޭ ވާހަކަ އަކީ ވެސް އާއްމު ވާހަކައެއް ކަމަށް ބަޔާނުގައިވެ އެވެ.
"އެކި މަޝްރޫއުތަކަށް ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި ނަގާފައިވާ ބޮޑެތި ލޯނުތަކުގެ ސަބަބުން ދިވެހިރާއްޖޭގައި ދަރަނި ބޮޑުވަމުން ދާ މައްސަލަ އަކީ މިއަދު ދިވެހި ރައްޔިތުން ކަންބޮޑުވާ މައްސަލަ އެކެވެ. އަދި ދައުލަތުގެ ދަރަނި އަހަރުން އަހަރަށް ބޮޑުވަމުން ދާ މައްސަލަ އަކީ ވޯލްޑް ބޭންކުން ވެސް ފާހަގަކޮށް، ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލަ އެކެވެ،" ބަޔާނުގައި މައުމޫން ވިދާޅުވި އެވެ.
މި ހާލަތު އޮތްއިރު، މިދިޔަ އަހަރު ނިމުނުއިރު 4.7 ބިލިއަން ރުފިޔާގެ ފަސް ލޯނެއްގައި ސޮއިކޮށްފައިވާ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވުމަކީ، މައުމޫން ދެކެވަޑައިގަންނަވާ ގޮތުގައި، ރައްޔިތުންނަށް އިތުރު ތަކުލީފުތަކެއް ލިބޭނެ ކަމެކެވެ.
އެއާ އެކު، އެކި މަޝްރޫއުުތަކަށް ފައިސާ ހޯދަން މި އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައި ވަނީ ބޮޑެތި އަދަދުތަކުން ލޯނު ނަގައިގެން ކަމަށް ބަޔާނުގައިވެ އެވެ. އެ ލޯނުތައް ދައްކާނެ ގޮތްތަކެއް ރައްޔިތުންނަށް ސާފު ނުވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ދިރިއުޅުމުގެ ހަރަދު ބޮޑުވެ، އަތް ނުފޯރާ ފަށަށް ތަކެތީގެ އަގުތައް މައްޗަށް ގޮސްފައި ވާއިރު، މި ކަންކަމަކީ ވެސް ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ އަށް އޮތް މައްސަލަތަކެކެވެ. ނަމަވެސް، މި ކަންތައްތައް ހައްލުވާނެ ދުވަހެއް ނުވަތަ އެކަން ހައްލު ކުރަން މަސައްކަތްޕުޅު ކުރައްވާ ކަމުގެ އިޝާރާތެއް ވެސް ރިޔާސީ ބަޔާނުގައި ނެތް ނުދެއްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން މިހާތަނަށް 64،000 ވަޒީފާ އުފައްދާފައިވާ ކަމަށް ރައީސް ވިދާޅުވެފައި ވާތީ އެ ކަމަށް ވެސް މައުމޫން ވަނީ ފާޑުވިދާޅުވެފަ އެވެ. އެ މަނިކުފާނު ވިދާޅުވީ އެ އަދަދަށް ވަޒީފާ އުފެދިއްޖެތޯ ސުވާލު އުފެދޭ ކަމަށެވެ.
"އެސްއީޒެޑް ގާނޫނެއް ހަދައިގެން އެތައް އިންވެސްޓްމަންޓުތަކެއް ގެންނަވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައި ވާއިރު، މިއަދު އެ ގާނޫނުގެ ދަށުން ގެނެވުނީ ކިތައް އިންވެސްޓްމަންޓުތޯ އާއި އެކަމާ ގުޅޭ އެއްވެސް ވާހަކަފުޅެއް ވިދާޅުވެފައި ނުވާ ކަން ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ.
ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ހޯދައިދިނުމާ އެކު، ރާއްޖެ އަކީ ގާނޫނުއަސާސީ އާއި ގާނޫނުތައް ތަންފީޒު ކުރެވޭ، އަދުލު އިންސާފު ހަމަހަމަ އަށް ގާއިމްކުރެވޭ، ތިން ބާރު ވަކިވެފައިވާ ނިޒާމެއް ގާއިމްކުރެވިފައި އޮތް ގައުމެއްކަން ރައްޔިތުން މިއަދު ގަބޫލުކުރޭތޯ ވެސް މައުމޫން ވަނީ ސުވާލު އުފައްދަވައިފަ އެވެ.
"މީގެ އިތުރުން، ސަރުކާރުން ގެންދަވަނީ ޕީޕީއެމްގެ މައިގަނޑު އުސޫލުތަކާއި އެއްގޮތަށް ކަންކަން ކުރައްވަމުންތޯ އާއި އަދި ހަމަ އެހެންމެ 2013 ގެ ރިޔާސީ ކެމްޕޭނުގައި އިއުލާންކޮށްފައިވާ ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯގައިވާ ވައުދުތައް ފުއްދަވަމުންތޯ ވެސް ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ އިތުރުން، އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ރިޔާސީ ބަޔާނަށް ފާޑުކިޔައިފަ އެވެ. އިދިކޮޅު އެމްޑީޕީން ދެކޭ ގޮތުގައި ރިޔާސީ ބަޔާނުގައި ވަނީ ދޮގާއި އޮޅުވާލުންތަކެވެ.