05 ޑިސެމްބަރ 2023 - 20:48

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، މި އަހަރު 50 މީހަކު ހިލޭ ހައްޖަށް ފޮނުވަން ނިންމައިފި އެވެ.
ހައްޖަށް ފޮނުވުމުގެ ވައުދުގެ ރައީސް ވެވަޑައިގަތީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ފުރަތަމަ ބުރުގެ ކެމްޕެއިނަށް މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މުލަކުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ވައުދާ ގުޅޭ ތަފްސީލްތައް ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ، މި އަހަރު މިކަން ފަށައިގަންނާނީ 50 މީހުންނަށް ފުރުސަތު ދެމުން ކަމަށާއި އެކި އަހަރު އެކި އަދަދަށް މީހުން ހައްޖަށް ފޮނުވައި 1،000 މީހުން ހަމަކުރާނެ ކަމަށެވެ.
ސަރުކާރުން މީހުން ހައްޖަށް ފޮނުވުމުގައި އަމަލުކުރާނީ، ގައުމުގެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ކަނޑައެޅޭ އުސޫލެއްގެ މަތިން ކަމަށާއި މި އުސޫލު ގެޒެޓުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ފަސް އަހަރު މި ކަން ކުރެއްވުމަށް ފަހު ހުއްޓޭ ކަމަކަށް ވުމުގެ ބަދަލުގައި މިއީ ދާއިމީ ގޮތެއްގައި ކުރެވޭނެ ކަމަކަށް ބަދަލު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.
މިހާރު އާންމުކޮށް ރާއްޖެ އަށް ކޮންމެ އަހަރަކު ލިބޭ 1،000 ހައްޖު ކޯޓާގެ އިތުރަށް 1،000 ކޯޓާ ހަމަޖެއްސުމާއި ހައްޖާއި އުމްރާއާ ގުޅޭ މަސައްކަތްތައް ހަރުދަނާކުރުމަކީ ވެސް އާ ރައީސް ޑރ. މުއިއްޒުގެ ވައުދެކެވެ.