05 ޑިސެމްބަރ 2023 - 20:00

ސަރުކާރުން މަސްވެރިކަމަށް ހާއްސަކޮށް ހިންގާ މިފްކޯ، އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހަމަޖައްސާފައި އޮންނަތާ އަހަރުތަކެއް ފަހުން އަނެއްކާ ވެސް ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ކަނޑައަޅައިފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، މިފްކޯ އަކީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.
"އޭގެ ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް މަސްވެރިންނަށް ވެފައިވާ ވައުދުތައް ހާސިލުކުރުމުގައި މަގުފަހި ކުރުން. އެކަމުގެ ހުރިހާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ދާނެ. އަޅުގަނޑުމެން ނިންމާފައިވާނެ މަސްވެރިންނަށް ހާއްސަ ކޯޕަރޭޓިވްއެއް ގާއިމްކޮށް، އެ ކޯޕަރޭޓިވް އަކީ މިފްކޯގެ ހިއްސާދާރަކަށް ހަދަން ވެސް ނިންމާފައިވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރެވޭނީ މިފްކޯ ހަރުދަނާކޮށްގެން ކަމަށެވެ.
އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކޮށް ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަން ފެށީ 2016 ވަނަ އަހަރު އެވެ. އޭރު އެކުންފުނި އެސްޓީއޯގެ ދަށަށް ބަދަލު ކުރީ، ކުންފުނީގެ ދަރަނި ބޮޑުވެ، ހިންގުމަށް ދަތިވުމުގެ ސަަބަބުންނެވެ.
މިފްކޯ އެންމެ ފުރަތަމަ އުފެއްދީ 1993 ވަނަ އަހަރުގަ އެވެ. އެކުންފުނި އުފެއްދީ، އޭގެ ކުރިން ހިންގި މަސް ކުންފުނި އެފްޕީއައިޑީގެ ނަން ބަދަލުކޮށް، އެކުންފުނީގެ ދަރަންޏަށް ޒިންމާވާ ކުންފުންޏެއްގެ ގޮތުގަ އެވެ. އެ ކުންފުނި އޭރުން ފެށިގެން ހިންގީ ސަރުކާރުން ބޮޑު އަދަދަކުން ސަބްސިޑީ އާއި ލޯނު އެހީ ދީގެންނެވެ. އަންނަ އަހަރަށް ވެސް ބަޖެޓުގައި މިފްކޯއަށް 415 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
މިދިޔަ ސެޕްޓެމްބަރު ރިޔާސީ އިންތިހާބާ ދިމާކޮށް މަހުގެ އަގު ވަނީ އޭރުގެ ސަރުކާރުން 17ރ. އިން 25ރ. އަށް ބަދަލު ގެނެސްފަ އެވެ. އެހާ ބޮޑަށް މަހުގެ އަގު އުފުލުމުގެ ސަބަބުން ސަރުކާރުގެ ބަޖެޓުގައި ކަނޑައެޅި 250 މިލިއަން ރުފިޔާގެ އިތުރަށް 200 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެ އެވެ.