އޮނިގަނޑުން ބޭރުން ވެސް ދާއިމީ މުވައްޒަފުން އެބަތިބި، އެކަމަކު ވަތްކެއް ނުކުރާނަން: ފެނަކަ
އޮނިގަނޑުން ބޭރުން ވެސް ދާއިމީ މުވައްޒަފުން އެބަތިބި، އެކަމަކު ވަތްކެއް ނުކުރާނަން: ފެނަކަ

ވަޒީފާގެ އޮނިގަނޑުން ބޭރުން ވެސް ދާއިމީ މުވައްޒަފުން ނަގާފައި އެބަތިބި ކަމަށާއި ނަމަވެސް، އެއިން އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކި ނުކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދަރަނިވެރިވެ އޮވެމެ އެންމެ ގިނަ ބަޔަކަށް ކެމްޕެއިނާ ދިމާކޮށް ވަޒީފާ ދިން އެއް ކުންފުނި، ފެނަކައިގެ ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހެޅި އެވެ.

އެ މައްސަލާގައި ބަހުސް ކުރައްވަމުން މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެންބަރުން ވަނީ ފެނަކައިގެ މުވައްޒަފުން ވަކިކުރާ ނަމަ، ސަރުކާރުގެ މިނިސްޓަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

އެކަމާ ގުޅިގެން ފެނަކަ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތް އޮޅުވާލައި ޒިންމާދާރުކަމެއް ނެތި ފަތުރާ ވާހަކަތަކެއް ކަމަށެވެ.

"ކުންފުނީގެ ޑިރެކްޓަރުންގެ ފާސްކޮށްފައިވާ މުވައްޒަފުންގެ އޮނިގަނޑުން ބޭރުން ވެސް ގިނަ އަދަދެއްގެ
މުވައްޒަފުން ނަގައި ދާއިމީކޮށްފައި ވާއިރު، އެއްވެސް ދާއިމީ މުވައްޒަފަކު ވަޒީފާ އިން ވަކިކުރުމަކީ ކުންފުނީގެ އަދުގެ މެނޭޖްމަންޓުން ކުރުމަށް ނިންމާފައިވާ ކަމެއް ނޫން،" ބަޔާނުގައި ބުންޏެވެ.

ނަމަވެސް، މަސައްކަތެއް ނެތް "ކޮންޓްރެކްޓް ސްޓާފުން" ގެ މުއްދަތު ހަމަވުމުން، އެފަދަ މުވައްޒަފުންގެ އެއްބަސްވުން އާ ނުކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ. ވަރަށް ގިނަ މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް މިދިޔަ މަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.

ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާއިރު، އެ ސައިޓެއްގައި ކުރާނެ މަސައްކަތެއް ނެތް ނަމަ އެ މުވައްޒަފެއްގެ ކޮންޓްރެކްޓް މުއްދަތު އިތުރު ނުކުރާ ކަމަށެވެ.

"މިސާލަކަށް އިންޖީނުގެއެއް އަޅަން ނަގާފައި ހުރި މީހެއް. އެ ތަނުގެ ކޮންޓްރީޓް މަސައްކަތަށް ނަގާފައި ހުރި ސްޓާފަކު، ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމުގައިވާ ނަމަ އެ ކޮންޓްރެކްޓެއް އާ ނުކުރާނެ. އެކަން [ކޮންޓްރެކްޓް މުއްދަތު އާ ނުކުރަނީ] ކުރަނީ ޓެކްނިކަލް މުވައްޒަފުން ލަފާ ދެއްވާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

ފެނަކަ ކުންފުނީގައި ވަކި މަސައްކަތަކަށް ހާއްސަ ކޮށްގެން "ކޮންޓްރެކްޓް ސްޓާފުން" ގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ 2،000 މީހުން ނަގައިފަ އެވެ. އޭގެ ތެރެއިން 1،800 މީހުން ނަގާފައި ހުރީ ކުދިކުދި ޕްރޮޖެކްޓްތަކަށް ކަމަށް މުއާޒު ވިދާޅުވި އެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެއްވެސް މަސައްކަތެއް ނެތް ރަށްރަށުގައި ނަގާފައިވާ ބައެއް މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރުމަށް ނިންމި ނަމަވެސް ވީވަރަކުން ވަގުތީ ގޮތުން ނަމަވެސް ކޮންޓްރެކްޓް އާކުރުމަށް މިހާރު ފެނަކައިގެ މެނޭޖްމެންޓަށް ދަންނަވާފައިވާނެ ކަމަށެވެ.

"އެ މަސައްކަތް އެބަ ކުރިއަށް ގެންދޭ. އެ ބޭފުޅުން ދޫކޮށްލީ އެއްވެސް މަސައްކަތެއް ނެތް ރަށްރަށުގެ މުވައްޒަފުން، ޕްރޮޖެކްޓެއް ވެސް ނެތް ރަށްރަށް. އެއީ ކެމްޕެއިނަށް ނެގި މީހުން ކަމަށް ބެލެވެނީ،" ރައީސް ވިދާޅުވި އެވެ.

ކުންފުންޏަށް މާލީ ގޮތުން އެއްގޮތަކަށް ވެސް ކުޅަދާނަ ނުވަންޏާ އެ މުވައްޒަފުން ދޫކޮށްލަން މަޖުބޫރުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.