06 ޑިސެމްބަރ 2023 - 08:54

ޣައްޒާގެ އެންމެ އުތުރު ސަރަހައްދުގައި ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންގެ ފަރާތުން ދެމެދު ވަރުގަދަ ރައްދު ހަމަލާތަކެއް ކުރިމަތިވެ، އިޒްރޭލު ސިފައިން އެ ސަރަހައްދުން ފަހަތަށް ޖެހެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އަލް ޖަޒީރާ ޓީވީން ބުނި ގޮތުގައި އިޒްރޭލު ސިފައިންނާއި ހަމާސްގެ ހަނގުރާމަވެރިންނާ ދެމެދު އިއްޔެގެ ހަތަރުދަމު ވަރަށް ވަރުގަދަ އަށް ހަމަލާތައް ބަދަލުކުރި އެވެ. ޣައްޒާގެ އުތުރު ސަރަހައްދުން އިއްޔެ އެންމެ ހިނދުކޮޅަކަށް ވެސް ބަޑީގެ އަޑު ކަނޑައިގެން ނުދޭ ކަމަށްވެ އެވެ.
އިޒްރޭލު ސިފައިން ޣައްޒާގެ އުތުރުން ފަހަތަށް ޖެހެން މިފެށީ، އެންމެ 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުގެ އަސްކަރީ 28 އުޅަނދެއް ހަލާކުކޮށްލެވިފައިވާ ކަމަށް، ހަމާސްގެ އަސްކަރީ ތަރުޖަމާނު އަބޫ އުބައިދާ އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޣައްޒާގެ އުތުރުގައި ތިބި ޔަހޫދީ ސިފައިންނަށް ހަމާސްގެ މުޖާހިދުން އިއްޔެ ހަމަލާތައް ދީފައިވަނީ، އަތްފޯރާހާ ކައިރިންނެވެ.
އަބޫ އުބައިދާ ވިދާޅުވީ އިޒްރޭލުގެ އުޅަނދުތަކަށް ދިން ހަމަލާތަކުގައި މުޅިން ވެސް ބޭނުންކުރި ހަމާސްގެ އަސްކަރީ އިންޖިނޭރުން ފަރުމާކޮށް އުފައްދާފައިވާ ހަތިޔާރުން ކަމަށެވެ. އިޒްރޭލު ސިފައިން ޣައްޒާގެ އުތުރުގައި ޖަމާވެ ތިބި ތަންތަނަށް، ހަމާސްގެ މުޖާހިދުން އިއްޔެ ދިން ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ ބަޔަކު މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޣައްޒާގެ އުތުރުގައި ތިބި އިޒްރޭލު ސިފައިން ހަނގުރާމައިގެ މައިދާނުން ފަހަތަށް ޖެހެން ފަށާފައިވާ އިރު، ޣައްޒާގެ އުތުރުގައި މިހާރު ބާކީ ތިބި އިޒްރޭލު ސިފައިންނަށް މިއަދު ވެސް ވަރުގަދަ ހަމަލާތަކެއް ދެވުނު ކަމަށް ފަލަސްތީނުގެ މުޖާހިދުން ބުންޏެވެ. އަލް ޖިހާދުލް އިސްލާމީގެ އަސްކަރީ ގޮފި ސަރާޔާ އަލް ގުދުސް އިން ބުނި ގޮތުގައި ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ހައްޔުއް ޝުޖާއިއްޔާ އަވަށުގައި، އިޒްރޭލު ސިފައިންނާއި ސަރާޔާ އަލް ގުދުސްގެ ހަނގުރާމަވެރިންނާ ދެމެދު މިއަދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގި އެވެ.
އެ ހަމަލާތަކުގައި އިޒްރޭލުގެ އަސްކަރީ އުޅަނދުތަކެއް ހަލާކުކޮށްލައި ބައެއް ސިފައިން މަރައިލެވުނު ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ. ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި ކަތާއިބުލް ގައްސާމް އިން ބުނި ގޮތުގައި ޚާން ޔޫނުސް ފޭލިގެ އަވަށުގެ ރަށްބޭރު ސަރަހައްދުގައި، އެ ޖަމާއަތުގެ މުޖާހިދުން މިއަދު ވަނީ އިޒްރޭލު ސިފައިންނަށް ވަރުގަދަ ހަމަލާތަކެއް ދީ އަސްކަރީ އުޅަނދުތަކެއް ހަލާކުކޮށްލައިފަ އެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ އިތުރުން، ލުބްނާންގެ ދެކުނު ސަރަހައްދުގައި ތިބި ހިޒްބުﷲގެ ހަނގުރާމަވެރިން ވެސް މިއަދު ވަނީ އިޒްރޭލު ސިފައިންގެ މަގާމުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އިޒްރޭލުން ހިފާފައިވާ ލުބްނާންގެ ޝިބްއާ ދަނޑުބިންތަކުގައި ތިބި ޔަހޫދީ ސިފައިންނަށް އަމާޒުކޮށް، ދެކުނު ލުބްނާންގެ ތެރެއިން މިއަދު ހެނދުނު ވެސް 10 ރޮކެޓް ފޮނުވައިލި އެވެ.
ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ ދެކުނު ލުބްނާންގައި ހިޒްބުﷲގެ ހަނގުރާމަވެރިން ތިބި ކަމަށް ބެލެވޭ ތިން ތަނަކަށް ބޮން އަޅައިފަ އެވެ. އަދި ދެކުނު ލުބްނާންގެ ބައެއް ތަންތަނަށް ބޮޑުބަޑިން ވެސް ހަމަލާ ދިން ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެ އެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 60 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 16000 އަށް ވުރެ މަތިވެފަ އެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު 42000 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 7800 އަށް ވުރެ މަތިވެފަ އެވެ.
އިޒްރޭލުން ޣައްޒާއާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި ހަނގުރާމަ އިއުލާން ކުރީ، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެއްގަމާއި ކަނޑާއި ވައިގެ މަގުން، ޔަހޫދީ އާބާދީތަކަށް އެ ދުވަހު އަރައިގަނެ ދިން ހަމަލާތަކުގައި 1200އެއްހާ މީހުން މަރައިލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި "އެކަތައިގެ ކަނޑިތައް" ނަމުގައި ފެށި ހަނގުރާމައިގެ އަމާޒަކީ ހަމާސް ޖަމާއަތް ނައްތައިލުމެވެ.