ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައިފި
ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައިފި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވާތީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައިފި
ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައިފި

އެނގިފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓް މޯލްޑިވްސް އިމިގްރޭޝަނުން ހަ މަސް ދުވަހުގެ މުއްދަތަށް ހިފެހެއްޓީ ފުލުހުން އެދިގެންނެވެ.

ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައިފި
ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައިފި

ބައްސާމްގެ ޕާސްޕޯޓް ހިފެހެއްޓި އިރު، އެފްއޭއެމް އަށް ބައިނަލްއަގުވާމީ އިދާރާތަކުން ފޮނުވާ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ. އޮކްޓޯބަރު 22 ގައި ފުލުހުން އެފްއޭއެމްގެ އިދާރާ ރެއިޑްކޮށް ތަހުގީގެއް ފެށީ ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އަންގަވައިގެންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕީޖީ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝަމީމް ވިދާޅުވީ އެފްއޭއެމްގެ މައްސަލައިގައި "ޕްރައިމް ސަސްޕެކްޓަކީ" ބައްސާމް ކަމަށާއި ދައުވާކުރަން ކޯޓަށް ފޮނުވާނެ ކަމަށެވެ. ދައުވާ ކުރަން ފޮނުވުމުގެ ކުރިން، މިހާރު ކުރިއަށްދަނީ އިތުރަށް ބަލާލަން ޖެހޭ ކަންތައްތައްކަމަށް ޝަމީމް ވިދާޅުވި އެވެ.

"އެ މައްސަލައިގައި ތުހުމަތު ކުރެވެނީ އެފްއޭއެމްގެ ހިންގެވުމާ ހަވާލުވެ ތިއްބެވި ބޭފުޅުންނަށް. ޕްރައިމް ސަސްޕެކްޓަކަށް އަޅުގަނޑުމެންނަށް މިހާތަނަށް ފެންނަން އޮތީ އެފްްއޭއެމްގެ ރައީސް ބައްސާމް،" ޕްރެސްގައި "މިހާރު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަމީމު ވިދާޅުވި އެވެ.

އޭނާ އަށާއި އެފްއޭއެމްގެ އެހެން ވެރިންނަށް ކުރެވޭ ތުހުމަތުތައް ވެސް ބައްސާމް ދޮގު ކުރައްވަ އެވެ. "މިހާރު" ގެ މެދު ސޮފުހާ އަށް ދެއްވި އިންޓަވިއުގައި ބައްސާމް ވިދާޅުވީ އޭނާ ވެސް އަދި އެފްއޭއެމްގެ އެކްސްކޯ މެންބަރަކު ވެސް އަދި މުވައްޒަފަކު ވެސް ފައިސާ އަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށެވެ.

އެކަމަކު ޝަމީމް ވިދާޅުވީ އެފްއޭއެމްގެ ގިނަ އަދަދެއްގެ ފައިސާ ނަމަހަމަ ގޮތްގޮތަށް ބޭނުންކޮށްފައި ހުންނަތަން ތަހުގީގަށް ފެނިފައިވާ ކަމަށެވެ. އެފްއޭއެމްގެ ބައެއް ވެރިން ބޭރަށް ކުރާ ދަތުރުތަކުގައި ފައިސާ ހަރަދުކޮށްފައި ހުންނަ ގޮތް ފެންނަން ހުންނަ ކަމަށް ޝަމީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ދަތުރުތަކުގައި ގޮސް ފައިސާ ހަރަދުކޮށްފައި ހުންނަނީ ކޭޝް ކާޑުން ކަމަށްވާތީ އެ މައުލޫމާތުތައް ފެންނަން ހުންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ ކޮންތާކުން ކޮންތާކަށްކަން ދިޔައީ ވެސް. ކޮން ހޮޓަލަކުން ކޮން ހޮޓަލަކަށްކަން ދިޔައީ، ކޮން މޯލަކަށް ކަން ދިޔައީ. ވަނީ ކޮން ފިހާރައަކަށްކަން ގަތީ ކޯއްޗެއްކަން. މިހުރިހާ މައުލޫމާތެއް ނިޒާމެއްގައި ރައްކާކުރެވިފައި އެބަ ހުރޭ،" އެފްއޭއެމްގެ ވެރިން ބޭރު ދަތުރުތަކުގައި ގޮސް ހަރަދުކޮށްފައި ހުންނަ ގޮތް ފެންނަން ހުންނަކަން ފާހަގަކޮށް ޝަމީމު ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، ބޭރުގެ އިދާރާތަކުން ފޮނުވާ ފައިސާއާ މެދު އަމަލުކުރެނެ އުސޫލުތަކެއް ރާއްޖޭގައި ހުންނަ ކަމަށެވެ. ފީފާއިން އެފްއޭއެމަށް އެ ފައިސާ ފޮނުވިޔަސް، އެއީ ދިވެހި ރައްޔިތުންނަށް ފޮނުވާ ފައިސާ ކަމަށް ޝަމީމް ވިދާޅުވި އެވެ.