އެއް ދުވަހުގެ ތެރޭ ގާޒާއިން 700 މަރު
އެއް ދުވަހުގެ ތެރޭ ގާޒާއިން 700 މަރު

އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން ދިޔަ ހަމަލާތައް، ނޮވެމްބަރު 24 ން 31 އަށް މެދުކަނޑައިލުމަށް ފަހު، ޑިސެމްބަރު 1 ވަނަ ދުވަހު އަލުން ހަމަލާތައް ދޭން ފެށި ފަހުން، މިހާތަނަށް އެންމެ ވަރުގަދަ ހަމަލާތަކެއް ދިނީ ޑިސެމްބަރު 2 ވަނަ ދުވަހު އެވެ. އެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ، ޣައްޒާގެ ދެކުނުކޮޅުގެ މެދުތެރޭގައި އޮންނަ ޚާން ޔޫނުސް ސަހަރަށެވެ.

ޚާން ޔޫނުސްއަކީ ޣައްޒާގެ އުތުރުކޮޅުގައި ތިބި މީހުން އެ ސަރަހައްދުން ފައްސައިލުމަށް ފަހު، އަމާން ސަރަހައްދުގެ ގޮތުގައި އިޒްރޭލުން ބުނަމުން އައި ސަރަހައްދުގެ މެދުތެރެ އެވެ. ޚާން ޔޫނުސްގެ ވަށައިގެންވާ ސަރަހައްދުން ފައިބައިގެން ދިއުމަށް، ހުކުރު ދުވަހުގެ ރޭ އިޒްރޭލު ސިފައިން އިންޒާރު ދިނުމަށް ފަހު، ހޮނިހިރު ދުވަހުން ފެށިގެން އަންނަނީ އެ ސަރަހައްދަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އިޒްރޭލު ސިފައިންގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތްތަކަށެވެ. ބާރު ގަދަ މިސައިލްތަކާއި ބޮންތަކުން ޚާން ޔޫނުސްގެ އިމާރާތްތައް ބިމާ ހަމަކުރަމުން ދާއިރު، ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނާ ގޮތުގައި ހޮނިހިރު ދުވަހުގެ ހަމަލާތަކުގައި 700 އަށް ވުރެ ގިނަ މީހުން ޝަހީދުވި އެވެ.

ހޮނިހިރު ދުވަހުގެ ހަމަލާތަކުގައި ޚާން ޔޫނުސްގެ މެދުތެރެ އާއި އުތުރުކޮޅުގެ އިތުރުން ދެކުނުގައި އޮންނަ ރަފަހް ސަހަރަށް ވެސް ވަރުގަދަ ހަމަލާތަކެއް ދިނެވެ. ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި އިޒްރޭލު ސިފައިންގެ ހަމަލާތަކުގައި މަރުވި މީހުންނަށް ވުރެ މާ ގިނަ އަދަދެއްގެ މީހުން ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ.

"ހޮސްޕިޓަލުގެ ކޮންމެ ދިމާއަކަށް ބެއްޔަސް ފެންނާނީ ޒަޚަމްވެފައިވާ ކުޑަކުދިން. ގިނައީ ތިން ވަނަ ދަރަޖައިގައި (ނުރައްކާތެރި މިންވަރަކަށް) ފިހިފައިވާ ކުދިން. މިސައިލްތަކާއި ބޮމާއި ބޮޑުބަޑީގެ އުންޑަތަކުން ބުރައިގެންދާ ދަނގަޅުކޮޅުތައް ހަށިގަނޑަށް ވަދެފައިވާ ކުދިންނާއި ސިކުނޑި ޒަޚަމްވެފައިވާ ކުދިންނާއި ކަށިތައް ބިނދިފައިވާ ކުދިންތައް މަދެއް ނޫން،" ޔުނިސެފްގެ ގްލޯބަލް ސްޕޯކްސްޕާސަން ޖޭމްސް އެލްޑާ، އަލް ޖަޒީރާ ޓީވީގައި ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޣައްޒާގެ ކޮންމެ ހިސާބެއް މިހާރު ފެންނަނީ މަރުގެ ސަރަހައްދެއްގެ ގޮތުގަ އެވެ. އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވެގެން ގެންނަ މީހުންނަށް، އެކަށީގެންވާ ފަރުވާ ދެވޭ ފަދަ ވަސީލަތްތައް ނެތުމުގެ ސަބަބުން އެކަށޭނަ ފަރުވާ ނުދެވިގެން ވެސް އެތައް ބަޔަކު ދަނީ ކޮންމެ ދުވަހަކު ޝަހީދުވަމުންނެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި 1200 އަށް ވުރެ ގިނަ މީހުން މަރާލައި 240 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ ގުޅިގެން އިޒްރޭލުން، ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށީ، ހަމާސް ޖަމާއަތް ނައްތައިލުމުގެ ބަހަނާގަ އެވެ. ނަމަވެސް އިޒްރޭލު ސިފައިންގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރަނީ ފަލަސްތީނުގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތްތަކަށެވެ.

ޚާން ޔޫނުސް އަކީ ހަނގުރާމައިގެ ނުރައްކާތެރި ސަރަހައްދެއް ކަމަށް ކަނޑައަޅައި، އެ ސަރަހައްދުން މީހުން ފޭބުމަށް އަންގައި އިޒްރޭލު ސިފައިން އިއްޔެ ވެސް ވަނީ އެ ސަރަހައްދަށް ލިޔުންތަކެއް އަޅައިފަ އެވެ. އެ ލިޔުންތަކުގައި އަންގާފައި އޮންނަނީ، ޚާން ޔޫނުސް ދޫކޮށް މެޑްޓެރޭނިއަން ކަނޑުގެ އައްސޭރި ފަށަށް ނުވަތަ މިސްރާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ރަފަހް އަށް ދިއުމަށެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ޣައްޒާ އަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ޣައްޒާގެ ބޮޑު ސަރަހައްދެއް ވަނީ ސުންނާފަތި ކޮށްލައިފަ އެވެ. އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު 15600 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އޭގެ ތެރެއިން 10700 އަށް ވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އިޒްރޭލުގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވުމުގެ ސަބަބުން ނުވަތަ އެ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 7600 އަށް ވުރެ މަތިވެފަ އެވެ.