04 ޑިސެމްބަރ 2023 - 12:40

ސައްހަ ނޫން އެއްބަސްވުމެއްގައި ދައްކައިގެން ދެ މީހަކަށް އެޕާޓްމެންޓް ކުއްޔަށް ދީ އޮޅުވާލި މައްސަލައެއްގައި މީހެއްގެ މައްޗަށް ނުވަ މަހުގެ ޖަލު އަދަބާ އެކު ބަދަލުގެ ގޮތުގައި ހަތް ލައްކަ ރުފިޔާ ނަގައިދޭން ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު މި ހުކުމް އިއްވީ ޅ. ހިންނަވަރު އަންބަރީގޭ އިބްރާހިމް ނަޒީދުގެ މައްޗަށެވެ.
ހުކުމްގައިވާ ގޮތުން ނަޒީދު ވަނީ އެހެން މީހެއްގެ ގެއެއްގެ ދެ ފްލޯ އަކީ އޭނާއަށް ދިގު މުއްދަތަކަށް ކުއްޔަށް ދީފައިވާ ދެ ފްލޯކަން ދެއްކުމަށް ސައްހަ ނޫން އެއްބަސްވުމެއް ހަދައިފަ އެވެ. އަދި އެ އެއްބަސްވުން ދައްކައިގެން ދެ މީހަކަށް އެ ތަން ވަނީ ކުއްޔަށް ދޫކޮށްފަ އެވެ.
ކުއްޔަށް ދޫކުރި އެކަކު ވަނީ އެޕާޓްމެންޓް އަށް އަހަރު ދުވަހަށް ކުއްޔަށް ނެގުމަށް އިބްރާހިމް ނަޒީދު އަށް 624،000ރ. ދީފަ އެވެ. ދެވަނަ މީހާ ވަނީ އެއް އަހަރުގެ މުއްދަތަށް އެޕާޓްމެންޓް ކުއްޔަށް ނަގަން 150،000ރ. ނަޒީދު އަށް ދީފަ އެވެ.
މި މައްސަލާގައި ނަޒީދުގެ މައްޗަށް ދައުލަތުން ޓެކުމުގެ ދައުވާ އުފުލުމުން އޭނާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އަދި، ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމަކަށް އެއްބަސްވެ، ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ދައުވާއަށް އިއުތިރާފުވެ، ޝަރީއަތުގައި ނަޒީދު އިތުރު ވާހަކައެއް ވެސް ދައްކާފައެއް ނުވެ އެވެ.
ކްރިމިނަލް ކޯޓުން ވަނީ ނަޒީދުގެ މައްޗަށް އެއްބަސްވެފައިވާ ޖަލު ހުކުމް އިއްވައިފަ އެވެ. އަދި، ނަޒީދުގެ އޮޅުވާލުމުގެ ސަބަބުން އެޕާޓްމެންޓް ކުއްޔަށް ނެގި ދެ މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދީ، އެއީ ނަޒީދުގެ މައްޗަށް އޮތް ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅައިފަ އެވެ.
ބަދަލުގެ ގޮތުގައި އެކަކަށް ނަގައިދީފައި ވަނީ 624،000ރ. އެވެ. އަދި ދެވަނަ މީހާ އަށް ނަގައިދީފައި ވަނީ 87،500ރ. އެވެ.
ނަޒީދުގެ މައްޗަށް މީގެކުރިން ވެސް ކްރިމިނަލް ކޯޓުން މިފަދަ މައްސަލަައެއްގައި ހުކުމްކޮށްފައިވެ އެވެ. އެއީ ސައްހަ ނޫން އެއްބަސްވުމެއް ބޭނުންކޮށްގެން އެއް ފަހަރާ ގިނަ އަދަދެއްގެ ފައިސާ މީހެއްގެ އަތުން ނަގައިގެން އެޕާޓްމެންޓެއް ހަތަރު އަހަރު ދުވަހަށް ކުއްޔަށް ދިން މައްސަލައެކެވެ.
އެ މައްސަލާގައި ވެސް ނަޒީދު ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އޭރު ކޯޓުން އިއްވީ އޭނާގެ މައްޗަށް 12 މަސް ދުވަހުގެ ޖަލު ހުކުމަކާއި 92،216ރ. ޖޫރިމަނާއެއް އަދި، ގެއްލުންވި މީހާއަށް ބަދަލުގެ ގޮތުގައި 266،000ރ. ނަގައިދިނުމަށެވެ.