04 ޑިސެމްބަރ 2023 - 12:24

ސްލޮވީނިއާގައި އިއްޔެ ނިމުނު ލި ނިންގް މެޑްވޯޑް ކަޕް 2023 ގައި 11 އަހަރުން ދަށުގެ އަންހެން ސިންގަލްސް ބައިން ތިންވަނަ، ރާއްޖޭގެ ލައިބާ އަހުމަދު މަހުލޫފް (އެލީ) ހޯދައިފި އެވެ.

މި މުބާރާތުގައި ލައިބާ ވަނީ 11 އަހަރުން ދަށުގެ ސިންގަލްސްގެ އިތުރުން 13 އަހަރުން ދަށުގެ ސިންގަލްސް އަދި 13 އަހަރުން ދަށުގެ އަންހެން ޑަބަލްސް އިވެންޓުގައި ވެސް ވާދަ ކޮށްފަ އެވެ.

އެގާރަ އަހަރުން ދަށުގެ ސިންގަލްސް އިވެންޓުގައި ލައިބާ ވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އޮސްޓްރިއާގެ ސަން އެމިލީއާ ވާދަކޮށް 14-21، 16-21 އިން ބަލިވެފަ އެވެ. އެމިލީ އަކީ މި އުމުރުފުރާގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިޔާ އެވެ. ދެވަނަ މެޗުގައި ސްލޮވީނިއާގެ ލެޖީސާ ޕިއާއާ ވާދަކޮށް 21-9، 21-10 އިން މޮޅުވިއިރު، ތިންވަނަ މެޗުން މޮޅުވީ ވޯކްއޯވާ ކޮށްގެންނެވެ.
މި ބައިން ތިންވަނަ ލިބުނީ ސެމީ ފައިނަލްގައި އޮސްޓްރިއާގެ ޒާން ޕިއާ އަތުން 21-10، 21-8 އިން ބަލިވުމުންނެވެ.
މިއީ ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ޖޫނިއާ ޕޫލްގައި ހިމެނޭ ލައިބާ، މިއަހަރު ހޯދި ހަވަނަ ބައިނަލްއަގުވާމީ މެޑަލް އެވެ. މިދިޔަ މަހު ޕޮލެންޑްގެ އިންޓަނޭޝަނަލް މުބާރާތުގެ ސިންގަލްސް ބައިން ވެސް ލައިބާ ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ. އޭނާ މިހާރު ތައްޔާރުވަނީ މިމަހު 8-10 އަށް އެސްޓޯނިއާގައި ބާއްވާ ޔޮނެކްސް އެސްޓޯިއަން ޔޫތު އިންޓަނޭޝަނަލް މުބާރާތަށެވެ.
ސްލޮވީނިއާ މުބާރާތުގެ 13 އަހަރުން ދަށުގެ ބައިގައި ގުރޫޕް ސްޓޭޖުގައި ލައިބާ އެއްވަނަ ހޯދި އެވެ. ސްލޮވީނިއާގެ ސްކާލް ޕިކާއާ ވާދަކޮށް ފުރަތަމަ މެޗުގައި 21-15، 15-21، 21-16 އިން ސެޓްތައް ގެންދިޔައިރު ވޯކްއޯވާ ކޮށްގެން ދެވަނަ މެޗު ލިބުނެވެ. ނަމަވެސް ނޮކައުޓް ބުރުގައި އޮސްޓްރިއާގެ މިކެލް އަލެކްސެންޑްރާ އަތުން ބަލިވީ 12-21، 21-14، 14-2 އިންނެވެ.
ތޭރަ އަހަރުން ދަށުގެ ޑަބަލްސް ބައިގައި ލައިބާގެ ޕާޓްނަރަކީ ސްލޮވީނިއާގެ މުސްޓާފިކް އިލްހާނާ އެވެ. ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސްލޮވީނިއާގެ ލެޖީސާ ޕިއާ އާއި ސްކެލްޕިކް ކަރީނާގެ ޕެއާއާ ވާދަކޮށް 21-15، 21-10 އިން މެޗު ކާމިޔާބު ކުރި އިރު، ދެވަނަ މެޗުގައި އޮސްޓްރިއާގެ މިކެލް އަލެކްސެންޑްރާ އާއި ވޫ ރޯޒީ އަތުން ބަލިވީ 16-21، 16-21 އިންނެވެ.
ލައިބާ އާއި އިލްހާނާގެ ޕެއާ ކުއާޓާ ފައިނަލަށް ދަތުރު ކުރި ނަމަވެސް، ސެމީ އަށް ނުގޮސް ކެޓީ ކްރޮއޭޝިއާގެ ކޮވިކް ޖެލީނާ އާއި ސްލޮވީނިއާގެ މިލިވޯޖެވިކް ޓިއޯޑޯރާއާ ދެކޮޅަށް ކުޅެ 9-21، 6-21 އިން ބަލިވެގެންނެވެ.