04 ޑިސެމްބަރ 2023 - 11:05

މާލޭގެ މަގެއްގެމަތީގައި އޮތް ބުޅަލެއްގެ ގަޔަށް ވަޅި ހަރައި، މަރާލި މައްސަލާގައި ހައްޔަރުކުރި މީހާ އިތުރު ބުޅަލަކަށް ހަމަލާދޭން އުޅުނު ކަމަށް ބުނެ މީހަކު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފި އެވެ.

އެ ބުޅަލަށް އެ މީހާ އަނިޔާ ކުރިކަން އެނގުނީ ވަޅި ހަރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ. އަދި ވަޅި ހެރުމުގެ ސަބަބުން އެ ބުޅާ ވަނީ މަރުވެފަ އެވެ.
އެ މައްސަލާގައި އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އޭރު އޭނާގެ ބަންދަށް 15 ދުވަސް ޖެހި އެވެ. އިއްޔެ އަނެއްކާ އޭނާގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމުމަށް ގެންދިއުމުން ވަނީ އިތުރު 10 ދުވަސް ޖަހައިފަ އެވެ.
އެ މީހާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބެއް ކަމަށް ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވުމެވެ. އެގޮތުން ސީސީޓީވީ ފޫޓޭޖް އާއި އެ ބުޅަލަށް ހަމަލާ ދިނުމަށްފަހު އެތާ ކައިރީ އޮތް އެހެން ބުޅަލަކަށް ހަމަލާދޭން އުޅުނު ކަމަށް ބުނެ މީހަކު ބަޔާން ދީފައިވާ ކަމަށް ވެސް އަމުރުގައިވެ އެވެ.
އޭނާގެ މައްޗަށް ކުރަނީ ޖަނަވާރަކަށް އަނިޔާވެރިވުމުގެ ތުހުމަތެވެ. އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެކެވެ.
އާއްމުވި ވީޑިއޯ އިން ފެންނަނީ މަގުމަތިން ހިނގާފައި އައި ފިރިހެނަކު، އިމާރާތެއްގެ ކައިރީގައި އޮށޯވެލައިގެން އޮތް ބުޅަލެއްގެ ކައިރި އަށް ތިރިވުމަށް ފަހު ކުއްލިއަކަށް އެ ބުޅަލުގެ ގަޔަށް ވަޅި ހަރާ މަންޒަރެވެ. އަދި ވަޅި ހެރުމާ އެކު އެ ބުޅާ ވަރަށް ބާރަށް އެތަނުން ދުއްވައިގަނެ އެވެ. އެއީ ނަސަންދަރު ފުރަގަހުގައި، އަމީރު އަހްމަދު މަގުގައި ހުންނަ އިމާރާތެއްގެ ކުރިމަތީގައި އޮތް ބުޅަލެކެވެ.
އެ ބުޅަލަކީ ބަނޑު ބޮޑު ބުޅަލެއް ކަމަށްވެ އެވެ. ގާނޫނުލް އުގޫބާތު ބުނާގޮތުން ޖަނަވާރުންނަށް އަނިޔާވެރިވުމަކީ ކުށެކެވެ. އަދި މި ކުށް ސާބިތުވެއްޖެ ނަމަ، އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.