04 ޑިސެމްބަރ 2023 - 11:03

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރުމަށް ރޭ ބޭއްވި ވޯޓުގެ ނަތީޖާއާ ގުޅޭ ގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ނުރުހުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އަޑުގަދަ ކުރައްވައިފި އެވެ.
ޖަލްސާ އަށް ޖާބިރު ވަޑައިގެންނެވި ގޮތަށް ތަޅުމުގައި އަޑުގަދަ ކުރައްވަން ފެއްޓެވި އެވެ. ރިޔާސަތުން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމަށް އިނގިލި ދިއްކުރައްވައި ޖާބިރު އަޑުގަދަ ކުރެއްވި އެވެ.
މަޖިލިހުގެ ނައިބު ރައީސް ކަމަށް ރޭ އިންތިހާބުކުރި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކައިރި އަށް ވަޑައިގެން ވެސް ޖާބިރުގެ ނުރުހުން ފާޅުކުރެއްވި އެވެ.
ޖާބިރުގެ ނަން އިއްވުމުގެ ކުރިން ރިޔާސަތުން ދެ ފަހަރަށް އޭނާ އަށް ނަސޭހަތް ދެއްވުމުން ޖާބިރު ބިންމަތީގައި އިށީނދެވަޑައިގަތެވެ. އަސްލަމް ތިން ވަނަ ފަހަރަށް ނަސޭހަތް ދެއްވުމަށް ފަހު، ޖާބިރުގެ ނަން އިއްވައި މަޖިލިސް ދޫކުރައްވަން އެންގެވި އެވެ.
އެ ވަގުތު މަޖިލިހުގެ ޖަލްސާގައި އިންނެވި މެންބަރަކު "މިހާރު" އަށް ވިދާޅުވީ ޖާބިރު އަމިއްލަ މޭޒުގައި ހުރި މައިކު އޭނާ އަމިއްލަ އަށް ބިންދާލާފައިވާ ކަމަށެވެ. ޖާބިރު ކަންބޮޑުވުން ފާޅުކުރެއްވީ ރޭގެ ވޯޓުގެ މައްސަލާގައި ކަމަށް ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބުގެ މަގާމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވީ ޖާބިރާއި ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އެވެ. އެކަމަކު، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނެގި ވޯޓު ކާމިޔާބު ކުރެއްވީ ސަލީމެވެ. ޖާބިރަށް ލިބިވަޑައިގަތީ ހަތަރު ވޯޓެވެ.
ނަމަވެސް ޕީޖީގެ ވިޕާ ހިލާފަށް ރޭ އެމްޑީޕީގެ މެންބަރު ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ޖާބިރުގެ ނަން ތަޅުމަށް ހުށަހެޅި އެވެ. މަޖިލިހުގެ ތަޅުމުގައި ނެގި ވޯޓުގައި ޖާބިރަށް ހޯއްދެވުނީ 23 ވޯޓެވެ. މަޖިލިހުގެ އާ ނައިބު ރައީސަކަށް ސަލީމް އިންތިހާބުކުރީ 51 ވޯޓުންނެވެ.
ވިޕާ ހިލާފުވި މައްސަލާގައި ޝިޔާން އާއި ޖާބިރަށް ފިޔަވަޅު އަޅަން އެމްޑީޕީން ވަނީ ނިންމައިފަ އެވެ.