ޑިމޮކްރެޓްސްގެ ފުރަތަމަ ފިޔަވަޅު ޑިމޮކްރެސީ އާ ދުރަށް!
ޑިމޮކްރެޓްސްގެ ފުރަތަމަ ފިޔަވަޅު ޑިމޮކްރެސީ އާ ދުރަށް!

ގިނަ ބަޔަކު ބައިވެރިވި ވާދަވެރި އިންތިހާބެއްގައި ވޯޓުލުމާއި ގުނުން ވެސް ނިމުނުތާ 24 ގަޑިއިރު ވީއިރު އެއްވެސް ނަތީޖާއެއް އިއުލާން ނުކޮށް ވޯޓު ލީ މީހުން "ވާނުވާ" އެއްގައި ބައިތިއްބައިފި ނަމަ އެކަމާ މެދު ސުވާލާއި ޝައްކު ނުއުފައްދާނެ މީހަކު މަދުވާނެ އެވެ. އެއީ ހަމަ ގައިމުވެސް ދެ ފުށް ފެންނަ ޑިމޮކްރަސީގެ ރީތި އުސޫލެކޭ ބުނާނެ މީހަކު ނުވާނެ އެވެ.

ޑިމޮކްރެޓްސްގެ ފުރަތަމަ ފިޔަވަޅު ޑިމޮކްރެސީ އާ ދުރަށް!
ޑިމޮކްރެޓްސްގެ ފުރަތަމަ ފިޔަވަޅު ޑިމޮކްރެސީ އާ ދުރަށް!

އެކަމަކު ރާއްޖެ ޑިމޮކްރަސީގެ މަގަށް ގެނައުމުގައި އިސްކޮށް އުޅުއްވި ގިނަ މެންބަރުންތަކެއް އުފެއްދެވި "ދަ ޑިމޮކްރެޓްސް" ޕާޓީ އިން ފުރަތަމަ ފަހަރަށް ބޭއްވި އެތެރޭގެ ވާދަވެރި އިންތިހާބުގައި ކަންކަން ހިނގީ އެގޮތަށެވެ.

ޑިމޮކްރެޓްސްގެ ފުރަތަމަ ފިޔަވަޅު ޑިމޮކްރެސީ އާ ދުރަށް!
ޑިމޮކްރެޓްސްގެ ފުރަތަމަ ފިޔަވަޅު ޑިމޮކްރެސީ އާ ދުރަށް!

މީހުންނަށް ސިފަވީ އެއީ އެއް ބަޔަކު އަޑީގައި ތިބެ "ސިއްރުން ހިންގި ޖަރީމާ" އެއް ގޮތުގަ އެވެ، ބައެއް އެހެން މީހުން ބުނަނީ ޑިމޮކްރަސީގެ މިސާލު ދައްކަން ނިކުތް މީހުން ކުރީ އެ އުސޫލުތަކަށް މަލާމާތެއް ކަމަށެވެ.

ޑިމޮކްރެޓްސްގެ ފުރަތަމަ ފިޔަވަޅު ޑިމޮކްރެސީ އާ ދުރަށް!
ޑިމޮކްރެޓްސްގެ ފުރަތަމަ ފިޔަވަޅު ޑިމޮކްރެސީ އާ ދުރަށް!

މި ހިތްހަމަނުޖެހުމާއި ފާޑު ކިޔުންތައް އަންނަނީ އެހެން ޕާޓީއަކުން ނޫނެވެ. ޑިމޮކްރެޓްސްގެ ތެރެއިން ވެސް އެ ކަންބޮޑުވުން އެބަހުއްޓެވެ. ހާއްސަކޮށް ޕާޓީގެ ޒުވާން މެންބަރުންގެ މެދުގަ އެވެ.

ޑިމޮކްރެޓްސްގެ ފުރަތަމަ ފިޔަވަޅު ޑިމޮކްރެސީ އާ ދުރަށް!
ޑިމޮކްރެޓްސްގެ ފުރަތަމަ ފިޔަވަޅު ޑިމޮކްރެސީ އާ ދުރަށް!

މައިގަނޑު ސަބަބަކީ ރައްޔިތުންގެ ހިޔާލާއެކު ވެރިން ހޮވަން ބާއްވާ އިންތިހާބުގެ ކަންކަން ދެފުށް ފެންނަ ގޮތަށް އަދި އެއާ މެދު ޝައްކެއް ނުއުފެއްދޭ ފަދަ ގޮތަކަށް ގެންދިޔުމަކީ އެއީ ޑީމޮކްރަސީގެ އެންމެ މުހިންމު އަސާސް ކަމަށް ވާތީ އެވެ.

ޑިމޮކްރެޓްސްގެ ފުރަތަމަ ފިޔަވަޅު ޑިމޮކްރެސީ އާ ދުރަށް!
ޑިމޮކްރެޓްސްގެ ފުރަތަމަ ފިޔަވަޅު ޑިމޮކްރެސީ އާ ދުރަށް!

ނަމަވެސް ޑިމޮކްރެޓްސް އިން އެންމެ ފުރަތަމަ ފިޔަވަޅު އެޅީ ޑީމޮކްރެސީ އާ މާ ދުރަށެވެ. އަދި އެކަމާ ގުޅިގެން އެތެރޭގައި ކުނި ޖެހި ބައެއް ފަރާތްތަކުން ދަނީ މުޅި ޕާޓީގެ މުސްތަގުބަލާ މެދު ވެސް ސުވާލު އުފައްދަމުންނެވެ.

"މެންބަރުން އަނދިރީގައި ނުގެންގުޅެވޭނެ. ރެއިން ރެއަށް ނަތީޖާ އިއުލާން ނުކުރި ހިސާބުން ތި އޮތީ ގޯސް ހަދާފައި،" ޑިމޮކްރެޓްސްގެ ރައީސްގެ މަގާމްގެ އިންތިހާބުގެ ނަތިޖާ އާ މެދު ހިތްހަމަ ނުޖެހި މީހަކު ސޯޝަލް މީޑިއާގައި ކުރި ކޮމެންޓެއްގައި ބުންޏެވެ.

އިންތިހާބުގެ ވޯޓު ލާ ނިމުނުތާ މާ ގިނަ އިރުތަކެއް ނުވެ އެންމެ ވާދަވެރިކޮށް އޮތް ރައީސްގެ މަގާމަށް ވާދަ ކުރެއްވި ދެ ކެންޑިޑޭޓުން ވެސް ނަތީޖާ އިއުލާން ކުރެއްވި އެވެ. އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފް ވިދާޅުވި ގޮތުގައި އޭނާ މާ ބޮޑުތަނުން ވެސް އިންތިހާބު ކާމިޔާބު ކޮށްފި އެވެ. އެސްޓީއޯގެ ކުރީގެ އެމްޑީ އަކަށް ހުންނެވި ހުސެއިން އަމްރު ވިދާޅުވީ އޭނާ ވެސް އެ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރެއްވި ކަމަށެވެ.

ނަމަވެސް ވޯޓުލުން ނިންމާލުމަށް ފަހު އެ ރޭ 9:00 ގައި ވެސް އެއްވެސް ނަތީޖާއެއް ނުނިކުތެވެ. އެއްވެސް ބަޔަކަށް ވާނުވާއެއް ނާނގަ އެވެ. އަދި އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ މެންބަރުންނަކަށް ވެސް ވާނުވާ އެއް ސާފެއް ނުވެ އެވެ.

ކުއްލިއަކަށް ޕާޓީން އިއުލާން ކުރީ އެއް ދުވަސް ފަހުން ނަތީޖާ އިއުލާން ކުރާނެ ވާހަކަ އެވެ. އޭގެ 24 ގަޑިއިރު ފަހުން ޕްރެސްއެއް ބާއްވައި "ދިމާ ނުވާ" ހިސާބުތަކެއް ވިދާޅުވުމަށް ފަހު ނިންމެވީ އެ އިންތިހާބު ޑިމޮކްރެޓްސް އުފެއްދެވި ހަސަން ލަތީފް ކާމިޔާބު ކުރެއްވި ކަމަށެވެ.

ޑިމޮކްރެޓްސް އިން އާންމު ކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ޕާޓީގެ މި އިންތިހާބުގައި 32 މަގާމަކަށް 70 މީހުން ކުރިމަތިލި އެވެ. އަދި އެ ޕާޓީގައި ރަޖިސްޓާ ކޮށްފައިވާ 5883 މީހުންގެ ތެރެއިން 3209 މެންބަރުން އެ އިންތިހާބުގައި ބައިވެރިވެ ވޯޓު ލި އެވެ. އެއީ އަލަށް ފަށައިގެން އުޅޭ ޕާޓީއެއްގެ އެތެރޭގެ އިންތިހާބަކާ އަޅާ ބަލާއިރު ކުޑަ އަދަދެއް ނޫނެވެ. މުޅި ޕާޓީގެ 54 ޕަސެންޓު ވޯޓުލުމެވެ.

މިހާ ގިނަ ބަޔަކު ބައިވެރިވި މި އިންތިހާބަކަށް އަމާޒުވި އެންމެ ބޮޑު ފާޑުކިޔުމަކީ ނަތީޖާ އިއުލާން ކުރުން މާ ބޮޑަށް ލަސް ކުރުމެވެ. އާންމު މެންބަރުންނަށް ކަންކަން ފޮރުވައިގެން ގެންގުޅުމެވެ.

އެ މައްސަލާގައި ޝަކުވާ ކުރައްވައި، ރައީސްގެ މަގާމަށް ވާދަ ކުރެއްވި އަމްރު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ އޭނާ އެ ޕާޓީ އަށް ވި ގުރުބާނީތައް ޑިމޮކްރެޓްސްގެ ވެރިންނަށް ހަނދާން ކޮށްދެއްވައިފަ އެވެ.

"ފާއިތުވި 15 އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު އަޅުގަނޑާ އެކު ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑަކީ، ދޫދޭން ޖެހޭ ތަންތާނގައި ބޮޑުކޮށް ދޫ ދޭ މީހެއްކަން."

އޭނާ އެ އިޝާރާތް ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާއި ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީ އަށް ވެސް ވާދަ ނުކުރައްވާ އޭނާ ދޫކޮށްލެވި ވާހަކަ އެވެ. އަދި މިފަހަރު ރައީސްގެ މަގާމަށް ވާދަ ކުރައްވާ އިރު ފެއާ ޗާންސެއް ލިބެން ޖެހޭ ވާހަކަ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން ވެސް އަމްރު ވަނީ އެ މައްސަލާގައި ބޮޑެތި ކަންބޮޑުވުންތައް ހުރި ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ނަތީޖާ ނުކުންނަން އެހާ ގިނަ އިރުވުމުން ނަތީޖާ ދެން ގަބޫލު ކުރަން ވެސް ދަތި ވާނެ އެވެ.

އެއީ ހަމައެކަނި އަމްރުގެ ވިސްނުމެއް ނޫނެވެ. އޭނާ އާއެކު ކެމްޕެއިންގައި އިސްކޮށް އުޅުއްވި އެމްޑީޕީގެ އެކްޓިވިސްޓުން ވެސް ވަނީ ނަތިޖާ ލަސްވަމުން ދިޔުމުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އަދި ސޯޝަލް މީޑިއާ އަށް ވެސް އެ މައްސަލަތައް އޮތީ ބޭރުވެފަ އެވެ.

"ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ވެސް އެރޭ 9:00 ކުރިން ލިބުނު! އެެއީ އަދި މުޅި ރާއްޖޭ އާއި އެކިއެކި ގައުމުތަކުގަ ބެހެއްޓި ފޮށިތަ! ބަލައިނުގެނެވޭނެ! މިރޭ ވާނެ ވަގުތު ނަތީޖާ އިއުލާން ކުރަން މިހާރުވެސް މާ ލަސްވެެއްޖެ!" އެކްޓިވިސްޓަކު ބުންޏެވެ.

އެ ޝަކުވާތަކަށް ޖަވާބު ދެއްވަމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސް އަކީ ތަރުތީބު ވެގެން އިންތިޒާމް ވެގެން ސިޔާސީ ހަރަކާތް ހިންގާ ޕާޓީއެކެވެ. އެއް ފަހަރާ އެތައް ބަޔަކު ބައިވެރިވި އެ ޕާޓީގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި ފެނިގެން ދިޔައީ ރަނގަޅު އުފާވެރި މަންޒަރެއް ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި 70 މެންބަރަކަށް ވޯޓު ލާން ޖެހޭ އިރު ކޮންމެ މީހަކަށް މަދުވެގެން ތިން ވޯޓު ކަރުދާސް އަދި ގިނަވެގެން 10 ވޯޓު ކަރުދާސްކޮޅު ލިބުނެވެ. އެހެންވެ ވޯޓު ލާ ނިމުމަށް ފަހު ވެސް ރަސްމީ ނަތީޖާ އިއުލާން ކުރަން ވަރަށް އުނދަގޫވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވޯޓު އިއުލާން ކުރިން. ވޯޓު ފޮށި ބަންދު ކުރުމުގެ ކުރިން ކޮންމެ ވޯޓު ފޮއްޓއް ކައިރީ ހުރި މަންދޫބުން ވޯޓު ފޮށި ހުޅުވައި އިއުލާން ކުރި،" އޭނާ ވިދާޅުވި އެވެ.

ދިމާވި އަނެއް ކަމަކީ، އާޒިމް ވިދާޅުވި ގޮތުގައި ބޮޑެތި ޝަކުވާތަކެއް ހުރުމެވެ. މިހާތަނަށް އިންތިހާބާ ގުޅޭ ގޮތުން 16 ޝަކުވާއެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ވެސް އިއުލާން ކުރުން މަޑު ކުރި އެއް ސަބަބު ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަވަސް އަރުވާލާފައި އަޅުގަނޑުމެން މުސްކުޅި ޕާޓީ [އެމްޑީޕީ]ން ހެދިގޮތަށް އަޅުގަނޑުމެން ނަހަދާނެ،" އާޒިމް ވިދާޅުވި އެވެ.

އެހެން ނަމަވެސް ވަރަށް ގިނަ އިންތިހާބުތަކުގައި ވަރަށް އިސް ސަފުގައި މަސައްކަތް ކުރެއްވި ބޭފުޅަކު ނަން ނުޖަހާ ގޮތަށް "މިހާރު" އަށް ވިދާޅުވި ގޮތުގައި ދެ ފުށް ފެންނަ ގޮތަށް އިންތިހާބެއްގެ ހުރިހާ މަރުހަލާއެއްގައި ކަންކަން ހިނގުމަކީ އެންމެ ޑިމޮކްރެޓިކް ގޮތެވެ. މީހުންނަށް ނޭނގި 24 ގަޑިއިރު ހިނގުމަކީ އެއީ ވޯޓުލާ މީހުންގެ އިތުބާރު ވެސް ގެއްލޭނެ ކަމެކެވެ. އަދި ޑިމޮކްރަސީ އާ ވަރަށް ބީރައްޓެހި ގޮތެކެވެ.

ޑިމޮކްރެޓްސްގެ އިންތިހާބުގައި 3200 މީހުން ވޯޓުލާފައި ވާތީ ނަތީޖާ ނެރެން 24 ގަޑިއިރު ނެގި ކަމަށް އާޒިމް ވިދާޅުވާ އިރު ރިޔާސީ އިންތިހާބެއްގައި 200,000 ވޯޓު ލައިގެން ނަތީޖާ ނުކުންނަން ފަށަން ހަތަރު ގަޑިއިރު ވެސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކިން ހާއްސަކޮށް އެއް ފަރާތަކަށް ބުރަ ވެފައި ނެތް، ވާދަވެރި އިންތިހާބުތަކުގައި އެފަދަ ކަންކަން ފެނުމަކީ އެ ޕާޓީއަކަށް ކުރާ އިތުބާރު ކުޑަވެ ސިޔާސީ ނިޒާމް ވެސް ކިލަނބުވާ ކަމެއް ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

"މިއީ މީގެ ރައީސް މައުމޫން ވެރިކަމުގައި އަންނަ ކަހަލަ ފާޑު ކިޔުން. އެއީ މި ޒަމާނަށް ފެތޭ ކަހަލަ މައްސަލަތަކެއް ނޫން." އޭނާ ވިދާޅުވި އެވެ.

އާންމުކޮށް ސިޔާސީ ޕާޓީތަކުން ހިންގާ މިފަދަ އެތެރޭގެ އިންތިހާބުތަކުގެ ނަތީޖާ ވަރަށް ސާފު ވާނެ އެވެ. އެ ޕާޓީއެއްގެ އެ ވަގުތު ހުންނެވި ލީޑަރެއް ކާމިޔާބު ކުރައްވާނެ އެވެ. ނަމަވެސް މިފަހަރު ޑިމޮކްރެޓްސްގައި ކުރިޔަށް ދިޔައީ ހަގީގަތުގައި ވެސް އެ ޕާޓީން މިސާލު ދެއްކެން އޮތް ވަރުގެ މުހިންމު އިންތިހާބެކެވެ.

އެމްޑީޕީގައި ތިއްބެވި 13 މެންބަރަކު އެ ޕާޓީން ވަކިވެ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދީ ވެސް އެ ސަބަބާ ހުރެ އެވެ. އެމްޑީޕީން ޑިމޮކްރަސީގެ އެންމެ އާދައިގެ އަސާސްތަކާ ވެސް ހިލާފުވާތީ އެވެ.

އެހެން ނަމަވެސް އާ ޕާޓީ ކޮޅަށް ނަގަން ބޭއްވި އެންމެ މުހިންމު އަދި ފުރަތަމަ އިންތިހާބުގައި ދެއްކީ ޑީމޮކްރަސީ އާ ވަރަށް ދުރު ނަމޫނާ އެކެވެ.