ޔާމީން ޕީޕީއެމުން ވަކިވުމަކީ ރައީސަށް މާ ބޮޑު ގޮންޖެހުމެއް ނޫން!
ޔާމީން ޕީޕީއެމުން ވަކިވުމަކީ ރައީސަށް މާ ބޮޑު ގޮންޖެހުމެއް ނޫން!

ޕީޕީއެމްގެ ރައީސަކަށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ޕާޓީއާ ދުރަށް ޖެހިވަޑައިގެން، ވަކިން ޕާޓީއެއް އުފައްދަވައި ސިޔާސީ މަސައްކަތް ކުރައްވަން ފެއްޓެވުމަކީ އޭގެ ސަބަބުން ޕީޕީއެމް/ޕީއެންސީގެ އެތެރޭގައި މާ ބޮޑު ކަންތައްތަކެއްް އުފެދި ބަދަލުވެގެން ދާނެ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޔާމީން ޕީޕީއެމުން ވަކިވުމަކީ ރައީސަށް މާ ބޮޑު ގޮންޖެހުމެއް ނޫން!
ޔާމީން ޕީޕީއެމުން ވަކިވުމަކީ ރައީސަށް މާ ބޮޑު ގޮންޖެހުމެއް ނޫން!

ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު ފުރަތަމަ ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ކޮންމެ ސިޔާސީ ވެރިއަކު ވެސް ބޭނުންވާނީ ގައުމަށް އެންމެ ރަނގަޅު ގޮތް ވާން ކަމަށެވެ.

"ގައުމު އިސްކޮށްގެން ކުރިއަށް ދާން ބޭނުންވާ ކަމަށް ވަންޏާ ވަރަށް ރަނގަޅު ގޮތެއް އެއީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގައުމުގައި ތިއްބެވި ހުރިހާ ސިޔާސީ ވެރިން ވެސް ބޭނުންވާނީ ގައުމަށް ރަނގަޅު ގޮތް ވާން،" ރައީސް ވިދާޅުވި އެވެ.

ހުވާކުރެއްވުމަށް ފަހު ގައުމު އިސްކުރުމުގައި ބައިބައިނުވުމަށް އެދިވަޑައިގެން ދެއްކެވި ވާހަކަފުޅުގެ ހަނދާން އާ ކުރައްވައި ރައީސް ވިދާޅުވީ، ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެ ކަންކަމުގައި ގައުމީ ވިސްނުމާ އެކު ކުރިއަށް ވަޑައިގެންނެވޭނެ ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ [ޔާމީން ވަޑައިގެންނެވުމުން] އަޅުގަނޑުމެންގެ ތެރޭގައި މާ ބޮޑު ކަންތައްތަކެއް އުފެދިގެން ދާނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ގައުމީ ވިސްނުމުގައި ކުރިއަށް ދާން ތިއްބެވި ބޭފުޅުންނާ އެކު އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ޔާމީނާއި ޕީޕީއެމްގެ ލީޑަޝިޕާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ޕީޕީއެމުން ވަކިވެވަޑައިގެން އެމަނިކުފާނު ވަނީ އާ ޕާޓީއެއް އުފެއްދުމަށް ހުށަހަޅުއްވައިފަ އެވެ. ދަރިކަލުން ޒޭން ޔާމީންގެ މުއައްސިސް ކަމުގައި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން މިހާރު ވަނީ ދީފަ އެވެ.