03 ޑިސެމްބަރ 2023 - 17:34

އައްޑޫ ހިތަދޫ ގެއަކަށް ވަދެ މީހެއްގެ ގަޔަށް މިއަދު ވަޅި ހަރައިފި އެވެ.
ފުލުހުން ބުނީ ދެ ގުރޫޕެއްގެ ދެމެދުގައި މަރާމާރީ ހިނގާފައިވާ ކަމުގެ ރިޕޯޓެއް މިއަދު މެންދުރު ފަހު 3:30 ހާއިރު ލިބިފައިވާ ކަމަށެވެ.
މި މާރާމާރީގައި އުމުރުން 20 އަހަރުގެ ޒުވާން ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އައްޑޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ޒަހަމްވި މީހާއަށް ހަމަލާދިނީ އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ކަމަށާއި އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔައިރު ހެޔެއް ނެތް ކަމަށެވެ.
އޭނާއަށް ފަރުވާދެމުން އަންނަނީ އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގަ އެވެ.
މިއީ އައްޑޫ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ދިން ރައްދު ހަމަލާއެއް ކަމަށް ބެލެވެ އެވެ.
އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ 30 އަހަރުގެ މީހަކު ޒަހަމްކޮށްލި ކަމުގެ ތުހުމަތަަށް ކޯޓު އަމުރެއްގެ ދަށުން އުމުރުން 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި ޒަހަމްވި މީހާ އަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް އެވެ.
މާލެ އާއި އައްޑޫގައި ހިންގި ގޭންގު މާރާމާރީތަކާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފުލުހުން ރޭ ބުންޏެވެ.