09 ފެބުރުއަރީ 2017 - 14:53

ބޭރު މީހުންގެ ކައިވެނި ރިސޯޓްތަކުގައި ބޭއްވުމަކީ ދެކޮޅު ޖެހޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ބުނެފި އެވެ.
ރާއްޖޭގެ ރިސޯޓްތައް ހިންގާ ހުރިހާ ކުންފުނިތަކުން ބައިވެރިވާ ޖަމިއްޔާގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނީ ރިސޯޓްތަކުގައި ކައިވެނިތައް ބޭއްވުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް މަޓީގެ އެގްޒެކްޓިވް ކޮމިޓީން މިދިޔަ އަހަރުގެ މެއި 16 ވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް އެ ރިޕޯޓުގައި ހާމަކޮށްފައެއްނުވެ އެވެ.
ރިސޯޓުތަކުގައި ކައިވެނިކޮށް ބޭއްވުމާ މަޓީން ދެކޮޅު ހެދިއިރު ވަރަށް ގިނަ ރިސޯޓުގައި ޓޫރިސްޓުންގެ އަތުން ބޮޑު ފީއެއް ނަގައިގެން ރަމްޒީ ކައިވެނިކޮށްދެ އެވެ. އަދި ކައިވެނިކުރުން ރާއްޖޭގައި ބާއްވަން ބޭނުންވެގެން ގިނަ އަދަދެއްގެ ޓޫރިސްޓުން ކޮންމެ އަހަރަކު އަންނަކަން ރިސޯޓުތަކުން ފާހަގަކުރެ އެވެ.
ޓޫރިސްޓުންނަށް ހާއްސަ ވެޑިން ޕެކޭޖްތައް ބޮޑު އަގުގައި ވަރަށް ގިނަ ރިސޯޓްތަކުން ވިއްކަ އެވެ. އަދި ރާއްޖޭގެ ރިސޯޓްތަކުގައި ކައިވެނި ކުރުމަކީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލް ކަމެކެވެ.