03 ޑިސެމްބަރ 2023 - 12:44

ފެނަކަ ކޯޕަރޭޝަންގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރަން އެ ކުންފުނީގެ މެނޭޖުމަންޓުން އަންގައިފި އެވެ.
އާ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ، ކުށުގެ ރެކޯޑު ސާފުކުރަން މުވައްޒަފުންނަށް އެންގީ، ކުރީގެ ސަރުކާރުތަކުގައި އެ ކުންފުންޏަށް މުވައްޒަފުން ނަގާ އިރު ކުށުގެ ރެކޯޑު ސާފު ނުކުރާތީ ކަމަށެވެ.
"މިކަން މި ކުރަނީ ހުރިހާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް،" މިދިޔަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެނަކައިގެ އެމްޑީ ކަމަށް މިދިޔަ މަހު އައްޔަންކުރި މުއާޒް ވިދާޅުވި އެވެ.
މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް ވިދާޅުވީ، ފެނަކަ އިން މީހުންނަށް ވަޒީދާ ދޭއިރު، ކުށުގެ ރެކޯޑު ސާފު ނުކުރާތީ، މަރުގެ މައްސަލައެއްގައި ވެސް އެ ކުންފުންޏެއްގެ މުވައްޒަފަކު ބައިވެރިވެފައިވާ ކަން ހާމަވެފައިވާ ކަމަށެވެ. އެހެންވެ، އެފަދަ ކަންކަން ނުހިނގާނެ ގޮތަކަށް ކުންފުނީގެ ކަންކަން ހަމަޖެއްސުމަށް މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރަން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
މުއާޒް ވިދާޅުވި ގޮތުގައި، ކުށުގެ ރެކޯޑް ސާފުކުރުން މި ހަފުތާގައި ނިމޭނެ އެވެ.
ޖިނާއީ ކުށެއް ސާބިތުވާ މުވައްޒަފުންނާ މެދު ލީގަލް ޑިޕާޓްމެންޓުން ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ފެނަކަ އަކީ އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ސަރުކާރު ހިއްސާވާ ކުންފުންޏެވެ.
މުއާޒް ވިދާޅުވީ، ފެނަކައިގައި 8،000 އެއްހާ މުވައްޒަފުން މިހާރު އުޅޭ އިރު އެއީ ބޭނުންވާ އަދަދަށް ވުރެ މާ ގިނަ މީހުންނެވެ. އެކަންކަން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ކުންފުނީގައި ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި 2،000 މުވައްޒަފުން މަސައްކަތް ކުރެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒާއި މި ސަރުކާރުގެ އިސްވެރިން ގެންދެވީ ފެނަކަ އަށް ބޭނުން ނުވާ ވަރަށް ވުރެ ގިނަ މީހުންނަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ކުންފުނިން ވަޒީފާ ދިން މައްސަލަ ފާހަގަކުރައްވައިފަ އެވެ.