03 ޑިސެމްބަރ 2023 - 13:31

ހުކުރު ހުތުބާ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސި ބަހުން ކިޔުމުގެ ބަދަލުގައި، މިހާރެކޭ އެއްގޮތަށް ދިވެހި ބަހުން ކުރިއަށް ގެންގޮސް ހުތުބާގެ ތަރުޖަމާ ނެރެ، ޓީވީން ލައިވްކުރާއިރު އިނގިރޭސިން ސަބްޓައިޓްލް އަރުވާ ގޮތަށް ނިންމައިފި އެވެ.
އިނގިރޭސިން ހުތުބާ ކިޔުމާ މެދު އާއްމުންގެ ހިޔާލަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހުޅުވާލެއްވީ ރާއްޖޭގައި ވަރަށް ގިނަ ބިދޭސީ މުސްލިމް މަސައްކަތްތެރިން ތިބޭތީ އެ މީހުންނަށް އަމާޒުކޮށްގެންނެވެ. އާއްމުންގެ ހިޔާލުތަކަށް ބަލައި އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ސީނިއާ މެނޭޖްމަންޓުގެ ބޭފުޅުން މަޝްވަރާކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ނިންމީ މިހާރެކޭ އެއްގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ދިވެހި ބަހުން ހުތުބާ ކިޔުން ކުރިއަށް ގެންދިއުމަށެވެ. އެކަމަކު ހުތުބާގެ ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ލިބޭނެގޮތް ހަދާނެ ކަމަށާއި ހުތުބާ ލައިވްކޮށް އިނގިރޭސިން ސަބްޓައިޓަލް އަރާ ގޮތައް ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެެރިން އިޖްތިމާއީ އަހުލާގާ ގުޅޭ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެ ގައުމުތަކުގެ އިދާރާތަކާ ގުޅިގެން ޕްރޮގްރާމްތައް ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހުތުބާގެ ތަރުޖަމާ ނެރެނީ ކޮން ބަސްތަކަކުން ކަމެއް އަދި ނުނިންމާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެކަމަކު ރާއްޖޭގައި ބިދޭސީ މަސއްކަތްތެރިންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް އާއި އިންޑިއާގެ މީހުންނެވެ.
މިދިޔަ އަހަރުގެ ބޯހިމެނުމުން ދެއްކި ގޮތުގައި ރާއްޖޭގައި 97،164 ބިދޭސީން އުޅެ އެވެ. އޭގެ ތެރެއިން 32,470 މީހުން ދިރިއުޅެނީ މާލޭގަ އެވެ.