03 ޑިސެމްބަރ 2023 - 10:38

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ނައިބު ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް ބާއްވާ ޖަލްސާ މިރެއަށް އެޖެންޑާކޮށްފި އެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އީވާ އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދަނިކޮށް، ގަރާރަށް ޖަވާބުދާރީވެވަޑައިގަތުމަށް ފަހު އެވެ.
އީވާގެ އިސްތިއުފާގެ ސިޓީ ބަލައިގަތުމަށް ފަހު، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އާ ނައިބު ރައީސަކު އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ މިރޭ އަށެއް ޖަހާއިރު އޮންނާނެ ކަމަށެވެ.
އީވާ އިސްތިއުފާ ދެއްވުމާ ގުޅިގެން، ގަރާރުގެ މެދުތެރެއިން އިސްތިއުފާ ނުދެއްވޭނެ ކަމަށާއި ގަރާރު ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ބުނެ ނިޒާމީ ނުކުތާ ނަންގަވައި އެމްޑީޕީ މެންބަރުން ވަނީ އަޑުއުފުލައިފަ އެވެ.
ނަމަވެސް، އަސްލަމް ވިދާޅުވީ އިސްތިއުފާ ދެއްވާ ހާލަތުގައި އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އީވާ މަގާމުން ވަކިކުރަން ދެވަނަ ފަހަރަށް ހުށަހެޅީ 49 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.