09 ފެބުރުއަރީ 2017 - 13:37

ރިއޯ ޑި ޖަނޭރޯ، ބްރެޒިލް (ފެބްރުއަރީ 9) - މެންޗެސްޓާ ސިޓީގެ ދެ ފޯވާޑުން ކަމަށްވާ އާޖެންޓީނާގެ ސާޖިއޯ އަގުއޭރޯ އާއި ގަބްރިއެލް ޖީސަސް އެކުގައި ޓީމުގެ ފުރަތަމަ އެގާރައި ކުޅެފިނަމަ ތަފާތު ދައްކާނެ ކަމަށް އެ ޓީމަށް ކުރިން ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު އެލާނޯ ބުނެފި އެވެ.
ސިޓީއާ މިދިޔަ މަހު ގުޅުމަށް ފަހު ޖީސަސް އަންނަނީ މިހާތަނަށް ކުޅުނު މެޗުތަކުގައި އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. ސިޓީގެ ފުރަތަމަ އެގާރައިން ޖީސަސް އަށް ފުރުސަތު ލިބޭއިރު، އަގުއޭރޯ އިންނަނީ ބެންޗުގަ އެވެ. އަގުއޭރޯގެ މުސްތަގުބަލާ ގުޅުވައިގެން މީޑިއާގައި ތަފާތު ވާހަކަތަކެއް ދެކެވެމުން އަންނައިރު، އެލާނޯ ބުނީ މި ދެ ކުޅުންތެރިން އެކުގައި ކުޅުވައިފިނަމަ ސިޓީއަށް ކުރާނެ ފައިދާ ބޮޑު ކަމަށެވެ.
"ޖީސަސްގެ އުމުރުން އަދި 19 އަހަރު އޭނާ ގިނަ ކަންތައްތަކެއް ދަސްކުރަން ޖެހޭ. އެކަމަކު މި ފެނުނީ މަދު މެޗުތަކެއްގައި ދެއްކި ތަފާތު މޮޅު ކުޅުމެއްގެ ސަބަބުން އޭނާ ވިދާލިތަން. ޖީސަސް އަކީ މުސްތަގުބަލު އޮތް މޮޅު ކުޅުންތެރިޔެއް،" އެލާނޯ ބުންޏެވެ.
"އަަހަރެންގެ ނަޒަރުގައި އަގުއޭރޯ އާއި ޖީސަސް އެކުގައި ބޭނުން ކޮށްފިނަމަ ތަފާތު ދައްކާނެ." އޭނާ ބުންޏެވެ.
ފާއިތުވި އަހަރުތަކަށް ބަލާއިރު ޕްރިމިއާ ލީގުގައި އެންމެ ސްކޯރިން ރަނގަޅު އެއް ފޯވާޑަކީ އަގުއޭރޯ އެވެ. އަގުއޭރޯ ހޯދަން ޔޫރަޕްގެ ގިނަ ޓީމުތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނައިރު، ސިޓީން ދަނީ އަގުއޭރޯ ނުވިއްކާނެ ކަމަށް ބުނަމުންނެވެ.
"އަގުއޭރޯ ކައިރިން ޖީސަސް އަށް ދަސްކުރެވިދާނެ. އެއީ އަގުއޭރޯގެ އެބަހުރި ޔޫރަޕްގެ އެންމެ ވަރުގަދަ ދެ ލީގު ކަމަށްވާ ސްޕެނިޝް ލީގާއި ޕްރިމިއާ ލީގުގެ ތަޖުރިބާ. ޖީސަސް މޮޅު ކުޅުންތެރިޔަކަށް ހަދަން އަގުއޭރޯގެ އެހީ ހޯދިދާނެ،" މިދިޔަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލި އެލާނޯ ބުންޏެވެ.
އެލާނޯ ވަނީ 2007 ވަނަ އަހަރު ޝަހުތަރު ޑޮނެސްކް ދޫކޮށް މެންޗެސްްޓާ ސިޓީ އަށް ބަދަލުވެ، އެ ޓީމަށް ދެ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސިޓީގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން 2009 ވަނަ އަހަރު ގަލަސަތަރޭ އިން ވަނީ ބޮޑު އަގުގައި އެލާނޯ ގެންގޮސްފަ އެވެ.