03 ޑިސެމްބަރ 2023 - 08:53

އައްޑޫ، ހިތަދޫގައި ދެ ގުރޫޕެއްގެ މެދުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ހަތަރު މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންނެވެ.
އެ މާރާމާރީގައި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވެ އެވެ. ފުލުހުން ބުނި ގޮތުގައި ޒަހަމްވި މީހާ އަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް ކަމަށެވެ.
މާލޭގައި ވެސް މި ދުވަސްކޮޅު އަންނަނީ މާރާމާރީތައް ހިންގަމުންނެވެ. މާލޭގައި ހިންގި މާރާމާރީތަކުގައި މީހަކަށް ބޮޑު އަނިޔާއެއް ނުވެ އެވެ. އެކަމަކު ތިން ޒުވާނަކު ވަނީ އެ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފަ އެވެ.
މާލެ އާއި އައްޑޫގައި ހިންގި ގޭންގު މާރާމާރީތަކާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ހާއްސަ މަސައްކަތެއް ފަށާފައިވާ ކަމަށް ފުލުހުން ރޭ ބުންޏެވެ.