02 ޑިސެމްބަރ 2023 - 23:08

މާލެ އާއި އައްޑޫގައި ހިންގި ގޭންގު މާރާމާރީތަކާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ހާއްސަ މަސައްކަތެއް ފަށާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ގްރޫޕު މާރާމާރީތައް ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އޮތުމަށްފަހު މިދިޔަ ހަފުތާގައި އެ ހަމަލާތައް ވަނީ އިތުރުވެފަ އެވެ.
މާލޭގައި ޗީބޯ ކެފޭ ކައިރީގައި މިދިޔަ ބުދަ ދުވަހު ގްރޫޕު މާރާމާރީއެއް ހިންގުމުގައި ބައިވެރިވި ތިން މީހަކު ހައްޔަރުކުރި އެވެ. އޭގެ ދަހުން، އައްޑޫ ހިތަދޫގައި ދެ ގްރޫޕެއް ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 30 އަހަރުގެ ފިރިހެނަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވެ އެވެ.
އެކަންކަމާ ގުޅިގެން، ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ މާރާމާރީތަކާ ގުޅިގެން މާލެ އާއި އައްޑޫގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ހާއްސަ މަސައްކަތްތަކެއް ފަށައި، މާލެއިން އައްޑުއަށް އިތުރު ފުލުހުންގެ ޓީމުތައް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
"އައްޑޫ ސިޓީގައި ހިންގި މާރާމާރީއާ ގުޅުންހުރި ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައިި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ވާހަކަ ދަންނަވަމެވެ." ބަޔާނުގައި ބުންޏެވެ.