ޒޯޔާ އަޚްތަރުގެ "ގަލީ ބޯއި"ގައި އާލިއާ އާއި ރަންވީރު
ޒޯޔާ އަޚްތަރުގެ "ގަލީ ބޯއި"ގައި އާލިއާ އާއި ރަންވީރު

ރަންވީރު ސިންގް އާއި އާލިއާ ބަޓް އަކީ އަލަށް ފިލްމު ކުޅެން ފެށި އެކްޓަރުން ހިމެނެނީ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގަ އެވެ. އެހެންކަމުން މި ދެ ތަރިން އެކުގައި ކުޅޭ ފިލްމެއް ބަލާލުމަކީ ހިންދީ ފިލްމަށް ލޯބިކުރާ ގިނަ ބައެއްގެ އުންމީދެކެވެ. މިކަން ހަގީގަތަކަށް ވާނެކަން މިހާރު ވަނީ ޔަގީން ވެފަ އެވެ.

ޒޯޔާ އަޚްތަރު އަލަށް ފަށާ "ގަލީ ބޯއި" ގައި ލީޑް ރޯލު ކުޅެނީ އާލިއާ އާއި ރަންވީރުކަން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ފަރްހާން އަޚްތަރު އާއި ރިތޭޝް ސިދްވާނީގެ އެކްސެލް އެންޓަޓައިންމަންޓުންނެވެ. މިދިޔަ އަހަރު ވެސް މި ފިލްމުގެ ވާހަކަތައް ފެތުރުނެވެ. އެގޮތުން ފުރަތަމަ ދެކެވުނު ވާހަކަ އަކީ އާލިއާ އާއި ރަންވީރަށް މި ފިލްމަށް ވަގުތު ދެވެން ނެތިގެން ފިލްމުން ވަކިވި ވާހަކަ އެވެ.

ފިލްމުގެ ބަތަލާއަކަށް ރަންވީރާ އެކު ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ ދަރިފުޅު ސާރާ އަލީ ޚާން ހަމަޖެހުނު ވާހަކައެއް ވެސް މީޑިއާތަކުން މިދިޔަ އަހަރު ފެނުނެވެ.

ނަމަވެސް އާލިއާ އާއި ރަންވީރާ އެކު މި ފިލްމު ރަސްމީކޮށް އިއުލާންކުރުމާ އެކު މި ހުރިހާ ވާހަކަތަކަށް ވަނީ ނިމުން އައިސްފަ އެވެ. ފިލްމުގައި ރަންވީރުގެ އިތުރުން ދެ ވަނަ ބަތަލެއް ވެސް އުޅެ އެވެ. ނަމަވެސް އަދި އެ ރޯލަށް އެކްޓަރަކު ނުހޮވަ އެވެ. ބައެއް ރިޕޯޓުތައް ބުނަނީ ފަހަރެއްގައި އެ ރޯލު ފަރްހާން އަޚްތަރު ކުޅެފާނެ ކަމަށެވެ.

"ގަލީ ބޯއި" އަކީ މުމްބައި ގައި ދިރިއުޅޭ ރެޕް ލަވަކިޔުންތެރިންގެ ދިރިއުޅުމުގެ މައްޗަށް ބިނާކުރާ ފިލްމެކެވެ.