ނާމާން ފަޅުރަށް
ނާމާން ފަޅުރަށް

ބުދަ ދުވަހާ ގުޅޭ

ކުއްލިއަކަށް އިވުނީ އިންޖީނު އިސްޓާޓުވި އަޑެވެ. މުޅި ތަނަށް ހަމަހިމޭންކަން ވެރިވިއެވެ. އެންމެންގެ ޒުވާބު ނިމި، ހަމްދުކޮށް ޝުކުރުކުރަން ފެށިއެވެ. އެންމެން ނޭވާހިފާއްޓައިލައިގެންތިއްބައި، މަޑުމަޑުން ބޮއްކުރާ ގޮސް ރަށުގެ ނިވަލަށް ވަނެވެ. އޮއިގަނޑުން ނެއްޓި، ދެން ހަދަންވީ ގޮތަކާ މެދު ވިސްނައިލަން ފުރުސަތުލިބުނެވެ.

"ކޮބާ ކޮން ދިމާއަކަށް ދާންވީ؟" މަޑުމަޑުން ފަޅުރަށާ ދިމާއަށް ދުއްވަމުން ބަދީއު ގޮވައިލިއެވެ. "ރަށަށްތަ ފަޅުރަށަށްތަ؟"

އެއްބަޔަކު ބޭނުންވީ ރަށަށް ދާށެވެ. އެ ހިސާބުން ދަތުރު ނިންމައިލާށެވެ. އަނެއް ބަޔަކު ބޭނުންވީ، އެހައި ހިސާބަށް އާދެވުނީތީ ދެން ފަޅުރަށަށް ގޮސް، ކުރަންއައި ކަންތައް ނިންމާފައި ރަށަށްދާށެވެ. އިސްމީހަކަށް ހުރީ ހަމްދާނެވެ. ހަރަދުކުރާ މީހަކީ އެއީއެވެ.

"ރަށަށް ދާނީ. ބޮޑަށް ކައިރީ ވެސް ރަށްހެން އަހަންނަށް ހީވަނީ،" ހަމްދާން ފަހުބަސް އިއްވިއެވެ. "މި ކަހަލަ ބޮއްކުރައަކު މި ކަމެއް ނުވާނެ. މިހާރު އަހަރުމެން މިތިބީ މާ ބޮޑަށް ވަރުބަލި ވެސް ވެފަ. އަލުން ދަތުރު ރާވައިގެން މާދަމާ ރޭ އަންނާނީ. ހިނގާދަމާ!"

"އަހަންނަށް މައްސަލައެއް ނެތް ރަށަށްދިޔަސް،" ތިން މީހުންގެ ޓީމުގެ އެހީތެރިޔެއް ގޮތުގައި އައި އާދިލް ބުންޏެވެ. "ޔޫ އާ ދަ ބޮސް. އެކަމަކު އަހަރެން ނަމަ ފަޅުރަށަށް ދާނީ. އިންޖީނު އެހެރީ ހެދިފަ. އަހަންނަށް ހީވަނީ ފަޅުރަށްހެން ކައިރީ ވެސް. ކީކޭ ކަލޭމެން ބުނަނީ؟"

ފަޅުވެރިން އެކަކު އަނެކަކަށް ވާހަކަދެއްކުމަށް ފަހު، އެ ތިން މީހުން އެއްގަލަކަށްއެރިއެވެ. އަންވަރު ވިސްނި ގޮތުގައި އެއީ ވިޔަފާރި ނިންމުމެކެވެ. ދަތުރު އެ ހިސާބުން މެދުކަނޑައިލައިފިއްޔާ އެމީހުންނަށް ލިބޭ އުޖޫރަ މަދުވާނެއެވެ.

"އަންވަރު ކީކޭ ބުނަނީ؟" ހަމްދާން އެހިއެވެ. "މިރޭ މާ ބޮޑަށް ލަސް ވެސް ވެއްޖެ ނޫންތަ؟"

"ކޮންމެ ގޮތެއް ވެސް އަހަންނަށް އޯކޭ،" އަންވަރު ވަކި ކޮޅަކަށް ނުޖެހުނެވެ. "މި ތިބެވުނީ ގާތްގަނޑަށް ދެ ރަށް މެދުގައޭ އަހަރެން ބުނާނީ. ފަޅުރަށަށް ގޮއްސިއްޔާ މި ދަތުރު ވެސް ބޭކާރެއް ނުވާނެ. އަހަރުމެން ބޭނުންވާ ވީޑިޔޯކޮޅު ލިބިއްޖެއްޔާ ދެން އަލުން އަންނާކަށް ވެސް ނުޖެހޭނެ. ޓައިމް އެންޑް މަނީ ވެސް ސޭވްވާނެ."

ހަމްދާން ވަކި ގޮތަކަށް ނުނިންމައެވެ. ބޮއްކުރާ އޭރު މިސްރާބުޖަހާފައިހުރީ ފަޅުރަށާ ދިމާއަށެވެ. އެއްފަހަރުން މަސައްކަތް ނިމިއްޖެ ނަމަ، ހަމްދާނަށް ވެސް އެ ގޮތް ރަނގަޅެވެ. މައްސަލައަކީ އިންޖީނު، އަނެއްކާ ވެސް ހުއްޓިދާނެތީއެވެ.

"ދެން އިންޖީނެއް ނުހުއްޓޭނެތަ؟" ހަމްދާން ސުވާލުކުރިއެވެ. "ގެރެންޓީތަ؟"

އެކަކު ވެސް އެއްޗެއް ބުނި އަޑެއް ނީވެއެވެ. އެ ބުނެވުނީ ވެސް އެއްޗެކެވެ. އެ އިންޖީނަށް އިތުބާރުކުރެވޭ މީހަކު ނެތީއެވެ.

"ދެން ނުހުއްޓޭނެ!" ބަދީއު ޔަގީންކަންދިނެވެ.

ދެން ވެސް ހަމްދާން ވަކި ގޮތެއް ނުނިންމައެވެ. ބޮއްކުރާ ދިޔައީ ފަޅުރަށާ ދިމާއަށެވެ. ބަރާބަރަށް ހިސާބުކޮށް ބުނާ ނަމަ، ރަަށަށް ވުރެ ފަޅުރަށް ކައިރި ވެސް ވެއްޖެއެވެ. އޭރު ހަނދުވަރުގެ އަލިކަން ގެއްލި، ހަނދު ވެސް ގެއްލިއްޖެއެވެ. މަޑުމަޑުން ދަތުރުކުރަމުން ގޮސް ފަޅުރަށާ ފަންސާހަކަށް ފޫޓު ކައިރިވި ތަނާ، އަނެއްކާ އިންޖީނު ހުއްޓުނެވެ.

"ކޮބާ ހީވޭ؟" ހަމްދާން ވަގުތުން ބުންޏެވެ. "އޭރު ވެސް މަ ބުނިން ދޯ ރަށަށް ހިނގާށޭ! އަންވަރު ބުނެފި ފަޅުރަށަށޭ ދާނީ!"

"ހޯހޯ!" އަންވަރު ގޮވައިލިއެވެ. "އަހަންނެއް ނުބުނަން. އަހަރެން ބުނީ ހަމްދާނޭ ގޮތް ނިންމާނީ! އަހަރެން ބޮލަށް ކަނޑާނުލާ!"

"ކައްޕި ބުނެފި އިންޖީނު ދެން މައްސަލައެއް ނުޖެހޭނޭ!" ހަމްދާން އެނބުރުނީ ބަދީއުއާ ދިމާއަށެވެ. "ދެން ކިހިނެއްހަދަނީ؟"

"މީ ކަކޫތާފެން ހުންނަ ހިސާބެކޭ ރަންކޮޅާ!" ބަދީއު ބުންޏެވެ. "ފައިބައިގެން ދިޔައިމަ ނިމުނީނު! ކޮން ކަމަކާ ހާސްވާންވީ؟ ރަށަށް އަރާ، ކުރަންއައި ކަންތައް ނިންމާފަ، ބަޔަކަށް ގުޅައިގެން ދޯންޏެއް ގެންނާނީ."

އެންމެން އެ ގޮތަށް އެއްބަސްވިއެވެ. އެކަމަކު ކަންދިމާވި ގޮތުން، ބޮއްކުރައަށް ފަޅުރަށާ ކައިރިކުރެވުނީ ނުބައި ކޮޅަށެވެ. ދާންވީ ފަޅުރަށުގެ އިރަށްކަމަށް ވަންޏާ، ކައިރިވީ ހުޅަނގަށެވެ. ދިމާ އިދިކޮޅަށެވެ. އެންމެން ބޮއްކުރައިން ފޭބިއެވެ. ލޮނުގަނޑުހުރީ ކަކުލާ ހަމައަށެވެ. ހަމްދާން ހުރީ ކަރުއެލިފައެވެ. ފޯނު ގެއްލުމުގެ މައްސަލައިގައެވެ.

"އެ ފޯނު ނެގޭނެތަ؟" ހަމްދާން އެހިއެވެ. "ވަރަށް މުހިންމު އެއްޗެހި އޭގަ.."

"ވެއްޓުނު ހިސާބެއް ވެސް ނޭނގެއެއްނު!" އަންވަރު ބުންޏެވެ. "އިހަށް ހިނގާ މި ކަމާ އުޅެމާ!"

"މި ވީ ވަރަަށް ސަކަރާތް ގޮތެއް،" ކުރިން ޑިންގީގައި އިން ފައިރޫޒު ބުންޏެވެ. "ރަށުގެ އެއްފަރާތް ވަރަށް ބޮޑަށް ގިރާފަ އޮންނާނީ. ސާމާނުތައް ހިފައިގެން އެ ދިމާއަކުން ނުހިނގޭނެ. ވަލުތެރެއިން ލާފަ ދެން އަނެއް ކޮޅަށް ދާންޖެހޭނީ."

"ދެން ވަލުތެރެއިން ދާނީ،" އާދިލް ބުންޏެވެ. "ކޮބާ މައްސަލައަކީ؟"

ފަޅުވެރިން ވަކި އެއްޗެއް ނުބުންޏެވެ. ހަމްދާނާއި، އަންވަރާއި، އާދިލް ތިބީ ހައިރާންކަމެއްގެ ތެރޭގައެވެ. ދެން ވާހަކަދެއްކީ ބަދީއުއެވެ. ބޮއްކުރާ ދުއްވިމީހާއެވެ.

"އަސްލު މީ ވަރަށް ނާމާން ރަށެކޭ،" ބުނަން ނުބުނަންހުރެފައި ބަދީއު ބުންޏެވެ. "އެހެންވެ މީހުން އާންމުކޮށް ނާންނަނީ ވެސް. ވަލުތެރެއަށް މި ގަޑީގަ ވަންނަން ހެޔޮނުވާނެ."

އެ ޖެހުނީ އަނެއް ކަންތަކެވެ. މައްސަލައަކީ ކުރިން އެ ވާހަކަ ބުނެފައި ނެތްކަމެވެ. މޫދުގައި ތިބެ ބަހުސު ކުރިޔަށްގެންދިޔައެވެ.

"ކީއްވެ ކުރިން ނުބުނީ؟" ހަމްދާން އެހިއެވެ. "މާލޭގަ ތިބެފަ ފުރަތަމަ ގުޅި ފަހަރު ވެސް ބުނިން މި ރަށަށޭ ދާން ބޭނުންވަނީ."

"ކިހިނެއް ނާމާންވަނީ؟" އާދިލް އެހިއެވެ. "ކޮބާ ޕްރޫފް؟"

"ބިސް ނަގާ، ވެލާ ފަޅާ ކަންތައްކުރަން މީހުން މި ރަށަށް އަރާނެ،" ފައިރޫޒު ބުންޏެވެ. "ވަގަށް އަރާނީ. އަނެއް ދުވަހު އޭނަ ރަށުތެރޭގަ އެނބުރޭނެ މޮޔަވެގެން. އެ ހިސާބުން ފަޅާއަރަނީ ވެސް. ވެލާކަމަށް ހީކޮށް އެހެން އެއްޗެއްގަ ބައްދަނީ. ގައިގެ އެތައްމިތަން ނޮޅާލާފަ ހުންނާނީ. ދެން ފަންޑިތަހަދާ އެގޮތްމިގޮތްހަދައިގެން ރަނގަޅުވަނީ. އެ ވާހަކަ އަހަންނަށް ގަބޫލެއް ނުކުރެވޭތީ ނުދެއްކީ."

"ރަށްރަށަކަށް ފުރޭތައެއް ނާރާނެ. ހިއްޕޯއެއް ކަހަލަ، ރަށުމީހުންނަށް ނަން ނޭނގޭ އެއްޗެއް އަރާފާނެ،" އަންވަރު ބުންޏެވެ. "އެކަމަކު ދެން އެ ވާހަކަދެއްކުމުގެ ބޭނުމެއް ނެތް. މި ތިބީ އާދެވިފަ. ރަށަށް އަރަންޏާ އަރަންވީ، ނާރަންޏާ ދާންވީ. މި ތާ ތިބޭނެކަމެއް ނެތް."

"ކިހިނެއް ދަނީ؟" ހަމްދާން އެހިއެވެ. "އިންޖީނު ހުއްޓިފައޭ އެހެރީ!"

"މިހާރު އަހަރެން މިހިރީނު،" އިންޖީނުގެ ތަޖުރިބާކާރު ފައިރޫޒު ބުންޏެވެ. "ހަދައިގެން ރަށަށް ނައްޓާލަންވީތަ؟ ވިއްސަކަށް މިނެޓު ތެރޭ އިންޖީނު އިސްޓާޓުކުރާނަން. އެކަމަކު ދަތުރު ބޭކާރުވީ އިނގޭ! ރަށް އެ އޮތީ އަތުޖެހޭ ހިސާބުގަ."

ކުޑަ މަޝްވަރާއަކަށް ފަހު، ރަށަށްއަރާ ގޮތަށް ނިންމުނެވެ. އިރުކޮޅަކު ހިނގާފައި ގޮސް ބޮއްކުރާ ހައްޔަރުކޮށްފައި، ސާމާނުތައް އެއްގަމަށް އެރުވިއެވެ. އެއީ ރުށް މަދު، ގަސް ބޯ، ހަނިދިގު ރަށެކެވެ. އެއްފަރާތް އޮތީ ގިރާފައެވެ. ހިކިފަހުގައި ފައިޖެހުމުން ހަމްދާންގެ މޫޑު ރަނގަޅުވިއެވެ. އެކަމަކު އެ ހިސާބުން އަންވަރުގެ ހިތުގައި ވަހުމެއް އުފެދެން ފެށިއެވެ. އަނދިރިކަމުން އެންމެން ވެސް ފެންނަނީ ހިޔަންޏެއްހެންނެވެ. އަންވަރު ހިތަށްއެރިއެވެ. މީހުން ތަންކޮޅެއް ގިނަ ނޫންބާއެވެ؟ އެ ވަގުތު، ވަރަށް އެހެން ކަހަލަ މީރުވަހެއްދުވިހެން އަންވަރަށް ހީވިއެވެ. ފިނިރޯޅިއެއްޖެހިލިހެން ވެސް ހީވިއެވެ. އެ ވަހުމު އުފެދުމުން، ހިތުން އަންވަރު ގުނައިލިއެވެ. ތިބެންޖެހެނީ ހަ މީހުންނެވެ. ފަޅުވެރިންގެ ތިން މީހުންނަކީ، ބޮއްކުރާ ދުއްވި ބަދީއުއާއި، ބަދީއުގެ ބޭބެ ފައިރޫޒާއި، އެމީހުންގެ އެހީތެރިޔާ ޖަލީލެވެ. ދެން ތިބީ ހަމްދާނާއި، އަންވަރާއި، އާދިލެވެ.

"ދެން ކީއްވެބާ ހަތެއް މި ވަނީ؟" އަންވަރު ހިތަށްއެރިއެވެ.

އެ ވާހަކަ ނުދައްކައި އަންވަރު އެތައް ފަހަރަކު ގުނިއެވެ. ކޮންމެ ފަހަރަކު ވެސް ޖުމުލަ ހަތެއް ހަމަވެއެވެ. އެކަކު އިތުރުވީ ކިހިނެއް، ކޮން ހިސާބަކުންކަމެއް އަންވަރަކަށް ނުވިސްނުނެވެ. އަންވަރު ހިތަށްއެރިއެވެ. އެންމެނަށް އަޑުއިވޭ ވަރަށް އެ ވާހަކަ ބުނަންވީބާއެވެ؟ ދެނަހުރިކަމަށް ނަހަދަންވީބާއެވެ؟ ސާމާނުތައް ހިފައިގެން ވަލަށް ވަންނަން ހަމަ ހިނގައިގަތުމާއެކު އަންވަރު އެ މައްސަލަ ފެންމަތިކުރިއެވެ.

"މަޑުކޮށްބަލަ!" އަންވަރު ބުންޏެވެ. "އަހަރެން އެބަ ޖެހޭ މި ވާހަކަ ބުނަން. އެކަކު އެބަ ގިނަވޭ!"

އެންމެން ހުއްޓުނެވެ. އަންވަރު ވަރަށް ފަރުވާތެރިކަމާ އެކުގައި ގުނިއެވެ. އެންމެނަށް އަޑުއިވޭ ވަރަށެވެ. ހަމަ އެކަކު ގިނަވެއެވެ.

"މާތްކަލާކޯ!" ބިރުގެންފައިވާ އަޑަކުން ޖަލީލު ބުންޏެވެ. "މަ އޭރު ވެސް ބުނިން މީ ނާމާން ރަށެކޭ ދާނެކަމެއް ނެތޭ! އެކަކު ވެސް ގަބޫލެއް ނުކުރި. ކިހާ ޖޯކެއް ޖެހި؟ ރީތިވެއްޖެއްނު! މި ފަހަރު އެކަކު ވެސް ސަލާމަތެއް ނުވާނެ."

"އަހަރެންގެ ރައްޓެއްސަކަށް މި ކަހަލަ ކަމެއް ދިމާވި. އޭނަ ބުނި ގޮތް ހަދަންތަ؟ ދުރަށްޖެހިލާ!" އަންވަރު އެދުނެވެ. "މަ ހުންނާނަން މިތާ! ކަލޭމެން އެންމެން ތަންކޮޅެއް ދުރަށްޖެހިލާ!"

އަންވަރު އެދުނު ގޮތަށް އެންމެން ކަންތައްކުރިއެވެ. އަންވަރުގެ ކުރިމަތީގައި އެންމެން އެތުރުނެވެ. އަނދިރިކަމުން މީހުންގެ މޫނު ވަތްކެއް ނުވެއެވެ. ކާކުކަން ދަނެގަންނަނީ މުޅި މީހާގެ ބައްޓަމުންނެވެ.

"އަޑުއަހާ!" ކަރުކެހިލާފައި އަންވަރު ބުންޏެވެ. "އިތުރު މީހަކު ހުރިކަން އަހަރުމެންނަށް އެނގިއްޖެ! އެ މީހާ ގާތުގަ މި ބުނަނީ، ކަލޭ ހަމަ މިހާރު، އައި ތާކަށް ދޭ! ކޮންމެހެން އަހަރުމެންނާ ގުޅޭނެކަމެއް ނެތް. ކަލޭމެން އުޅޭ ތަންތާކަށް އަހަރުމެނެއް ވެސް ނުދަމެއްނު!"

އެކަކު ވެސް ނުދިޔައެވެ. އަންވަރު ފޯނުން، ފަހަރަކު މީހެއްގެ މޫނަށް އަލިކުރިއެވެ. ހައްތާ ވެސް ތިބީ ދަންނަ މޫނުތަކެވެ. އިތުރުވާ މީހެއް ނޭނގުނެވެ. މޫނު ތަކުރާރެއް ނުވެއެވެ. އެކަމަކު ގިނަވެއެވެ. ހަތެއް ހަމަވެއެވެ.

"ފަހަރަކު މީހަކު ބިސްމި ކިޔާ!" އަންވަރު އެދުނެވެ.

އެންމެން ވެސް ކިޔެވެ. ދެން އަންވަރު އެދުނީ ސަލާންގޮވުމަށެވެ. އެންމެން ވެސް ގޮވިއެވެ.

"އެންމެން ބިސްމި ކިޔައިފި! ސަލާން ވެސް ގޮވައިފި!" އެންމެ ފަހުން ފައިރޫޒު ބުންޏެވެ. "ހުއްޓަސް ހުރީ ގޯސް އެއްޗެއް ނޫނެއްނު! ހުރެދާނެއްނު! ކޮން ފަދަ ކަމެއް؟ މީ ވެލާއަރާ ގަޑި. އެ ކަމާ އުޅެމާ ހިނގާ!"

"އޭ މަޑުކޮށްބަލަ!" އާދިލް ބުންޏެވެ.

-ނުނިމޭ-