02 ޑިސެމްބަރ 2023 - 15:02

އައްޑޫ، ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ހިންގި މާރާމާރީގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި ޒަހަމްވި މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ބުނެ އެވެ.
މާލޭގައި ވެސް މި ދުވަސްކޮޅު އަންނަނީ މާރާމާރީތައް ހިންގަމުންނެވެ. މާލޭގައި ހިންގި މާރާމާރީތަކުގައި މީހަކަށް ބޮޑު އަނިޔާއެއް ނުވެ އެވެ. އެކަމަކު ތިން ޒުވާނަކު ވަނީ އެ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފަ އެވެ.