10 ފެބުރުއަރީ 2017 - 06:20

މި އަހަރު އަޅުވާ ފުރަތަމަ ދިވެހި އާ ފިލްމަކަށް ވާނީ އަންނަ މަހުގެ ދޭއްގައި ރިލީޒް ކުރާ "މަލިކާ" އެވެ. ފިލްމުގެ ޓިކެޓް ވެސް މިހާރު އަންނަނީ ވިއްކަމުންނެވެ.

އަހުމަދު ނާސިރު (މައްލާ) އާއި އިބްރާހީމް ރަޝީދު (މަހުރަބު އިއްބެ) ޕްރޮޑިއުސްކޮށްފައިވާ "މަލިކާ" އަކީ ކޮންމެހެން ވެސް ބަލާލަން ޖެހޭ ކަހަލަ ފިލްމެކެވެ. މިއީ އާއިލީ ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ، ހިތާ ކުޅެލާ ކަހަލަ ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ. ފިލްމުގެ ޓްރެއިލާތަކުން ވެސް ވަނީ އެކަމަށް ބާރު ދީފަ އެވެ.

މިއީ މުޖުތަމައުގެ މިހާރުގެ ހާލަތާ ވަރަށް ގުޅޭ ކަހަލަ ފިލްމެކެވެ. އެހެންވެ "މަލިކާ" އަކީ އިބުރަތްތެރި ގިނަ މެސެޖްތަކެއް، ލިބިގެން ދާނެ ފިލްމެކެވެ. މިއީ ޒަމާންގަނޑަކަށް ފަހު، އާއިލީ ފިލްމެއް ސްކްރީނަށް އަންނަ ފުރަތަމަ ފަހަރު ވެސް މެ އެވެ.

އެހެންވެ ފިލްމް ބަލާލަން ޖެހޭ ބައެއް ސަބަބުތަކަށް ދަމާ ހިނގާށެވެ.
"މަލިކާ" ހާއްސަވާ، އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ފިލްމުގެ ސްކްރީން ރައިޓަރެވެ. މިއީ ބިންމާ އިބްރާހީމް ވަހީދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.
ބިންމާގެ އެއްޗެކޭ ބުނެފި ނަމަ، އެއާ ދޭތެރޭ ޝައްކެއް ކުރާނެ ޖާގައެއް ނޯންނާނެ އެވެ. ފެންވަރު ރަނގަޅު ވާނެ އެވެ. ހާދިސާތައް ސާދާވެފައި، ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ގޮތެއް ހުންނާނެ އެވެ. އަޑު އަހާލަން ފަސޭހަ، ހާލަތާ ގުޅޭ ގޮތަށް ޑައިލޮގްތައް ގެނެސްފައި ހުންނާނެ އެވެ.
އެފަދަ ބައެއް މިސާލުތަކަށްދާ ނަމަ ބިންމާގެ ވާހަކަތަކަށް ހެދި "ފަތިސްހަނދުވަރު" އާއި "ހައްގު" ނެގި ދާނެ އެވެ.
އޭނާގެ ސްކްރިޕްޓަކަށް އެންމެ ފަހުން ހެދި ފިލްމަކަށް ސްކްރީނުން ފެނުނީ މިދިޔަ އަހަރު ރިލީޒް ކުރި އެމްއެންޑީއެފްގެ "ހާދަރު" އެވެ.
"މަލިކާ" ގެ ވާހަކައަކީ އާއިލީ ކަންތައްގަނޑެއް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގެ ވާހަކަ މައިގަނޑު ގޮތެއްގައި އަމާޒުވާނީ ބައްޕައަކާއި ދަރިންތަކެއްގެ މައްޗަށެވެ.
"މަލިކާ" އަކީ އަލީ މުސްތޮފާ (ސެމީ) ގެ ފަސް ވަނަ ފީޗާ ފިލްމެވެ. އޭނާ ކުރިން ވެސް ވަނި ބިންމާގެ ވާހަކައަކަށް ފިލްމެއް ހަދައިފަ އެވެ. އެއީ "ހިތްހެޔޮ ކުރާތި" އެވެ. ސެމީ ކުރިން ހަދާފައި ހުރި ފިލްމުތަކަކީ އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބުނު ފިލްމުތަކެވެ.
އޭގެ ތެރޭގައި އޭނާގެ ފުރަތަމަ ފިލްމް "އެ ތޫފާނީ ރޭ" އާއި "އުމުރަށް" ފާހަގަކޮށްލެވެ އެވެ.
"މަލިކާ" އަކީ ޑައިރެކްޝަނާ ވަރަށް ގިނަ ދުވަހު ދުރުގައި ހުރުމަށް ފަހު، ސެމީ ޑައިރެކްޓް ކުރި ފުރަތަމަ ފިލްމެވެ. އެހެންވެ ޒަމާންގަނޑެއްކޮށްފައި އޭނާ މި ގެނެސްދޭ ފިލްމަކީ ކިހާ ވަރެއްގެ ފިލްމެއްތޯ ބަލާލުމުގެ ޝައުގުވެރިކަން ވެސް ބޮޑެވެ.
ކާސްޓަށް ބަލައިފި ނަމަ "މަލިކާ" އަކީ ތަޖުރިބާކާރު އެކްޓަރުންނާ އެކު ޒުވާން ބައެއް ތަރިން ވެސް ފެނިގެން ދާނެ ފިލްމެކެވެ. މި ފިލްމުގެ ހާއްސަވާ އެއް ކަމަކީ ފިލްމުގެ ޓައިޓްލް ރޯލް މުޅިން އަލަށް ތައާރަފުވާ ބަތަލާއެއް ކަމަށްވާ ނުޒުހަތު ޝުއައިބް (ނުޒޫ) ލައްވައި ކުޅުވުމެވެ.
އެހެންވެ ފިލްމެއްގެ ބޮޑު ރޯލަކުން މުޅިން އާ ބަތަލާއަކު ފެނިގެން ދިއުމަކީ ވެސް ފިލްމް ޝައުގުވެރިކޮށްދޭ ކަމެކެވެ. މި ފިލްމުގައި ނުޒުހަތުގެ ކޯ-އެކްޓަރަކީ މިހާރު އެންމެ ވިދާ އެކްޓަރު ޖުމައްޔިލް ނިމާލް (ޖުމަލް) އެވެ.
އެހެންވެ މި ދެ މީހުންނަށް ދެއްކެނީ ކިހާ ވަރެއްގެ ކެމިސްޓްރީއެއްތޯ ބަލާލުމަކީ ވެސް "މަލިކާ" ބަލާލަން ޖެހޭ ސަބަބެކެވެ.
ފިލްމުގެ އިތުރު ކާސްޓުންނަށް ބަލާ އިރު، ދެން އެންމެ ވަރުގަދަ އެއް ރޯލް ކުޅެނީ ބައްޕައެއްގެ ރޯލް ކުޅޭ އިސްމާއީލް ޒާހިރެވެ. އޭނާއަކީ ކުރިން ބައެއް ފިލްމްތަކާއި ޑްރާމާތަކުން ފެނިފައިވާ އެކްޓަރެކެވެ. "މަލިކާ" އަކީ ޒަމާންތަކެއްކޮށްފައި ޒާހިރު އެނބުރި ސްކްރީނަށް އަންނަ ފިލްމް ވެސް މެ އެވެ.
މި ފިލްމުގެ ކާސްޓުންގެ ތެރޭގައި މަރިޔަމް ޝަކީލާ، އަލީ ފާރޫގް، ނީނާ ސަލީމް ފަދަ ތަޖުރިބާކާރު އެކްޓަރުންނާ އެކު، އަހުމަދު އާސިމް، ސުޖީތާ އަބްދުﷲ (ސުޖީ)، އަލީ އާޒިމް (ދޮން އައްޔަ)، ފާތުމަތު އާޒިފާ (އަޒޫ) އަދި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ފެނިގެން ދާނެ އެވެ.
އަޒޫއަކީ އެންމެ ފަހުން ބޭއްވި ގައުމީ ފިލްމް އެވޯޑްސްގައި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް އެވެ.
ސެމީއާ އެކު "މަލިކާ" ގައި ޓެކްނިކަލް މަސައްކަތްތައް ކުރަން އޮތީ ވަރަށް ވަރުގަދަ ޓީމެކެވެ. މި ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރަކީ މަޝްހޫރު އެކްޓަރު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އެވެ.
ފިލްމުގެ ކެމެރާމަނަކީ މޫމިން ފުއާދެވެ. އޭނާގެ އިތުރު ތައާރަފަކަށް ބޭނުމެއް ނުވާނެ އެވެ. މޫމިން އެންމެ ފަހުން ޑައިރެކްޓް ކުރި "ލޫދިފާ" އަކީ ހަތް ވަނަ ގައުމީ ފިލްމް ފެސްޓިވަލްގައި 10 އެވޯޑް އުފުލައިލި ފިލްމެކެވެ.
"މަލިކާ" ގެ ޓީމްގައި މޫމިން ހިމެނުމަކީ ފިލްމް ރަނގަޅު ވާނެ ކަމަށް ޔަގީން ކުރެވޭ އެއް ސަބަބެވެ. އަނެއްކޮޅުން ލ. އަތޮޅާއި މާލޭގައި މަންޒަރުތައް ނެގި މި ފިލްމަކީ މޫމިންގެ ސިނަމޮޓޯގްރަފީން ފިލްމަށް ވަރަށް ބޮޑު ފުރިހަމަ ކަމެއް ގެނެސް ދޭނެ ކަމެކެވެ.
ދެން އޮތީ "މަލިކާ" ގެ މިއުޒިކްގެ ވާހަކަ އެވެ. ފިލްމުގައި މާ ގިނަ ލަވަތަކެއް ހުންނާނެ އެވެ.
ފިލްމުގެ ބެކް މިއުޒިކް ހެދީ މުހައްމަދު ފުއާދު (ފޯޑް) އެވެ. އޭނާއަކީ ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސްގައި އެންމެ މޮޅު މޮޅު ބެކްގްރައުންޑް ސްކޯ އާއި އެންމެ މޮޅު އޮރިޖަނަލް ސޯންގް އެވޯޑް އުފުލައިލި ހުނަރުވެރިޔާ އެވެ.
"މަލިކާ" އެޑިޓްކޮށްފައި ވަނީ އެކްޓަރު އާސިމެވެ. އޭނާއަކީ ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސްގައި އެންމެ މޮޅު އެޑިޓިން އަށް "ލޫދިފާ" ވާދަ ކުރި މީހެކެވެ.
މި ސަބަބުތަކާ ހުރެ "މަލިކާ" އަކީ ފެންވަރު ރަނގަޅު އަދި ރީތި ފިލްމެއް ބަލާލަން ބޭނުންވާ މީހުން އެއްގޮތަކަށް ނުބަލައި ދޫކޮށްލަން ޖެހޭ ވަރުގެ ފިލްމެއް ނޫނެވެ. އަހަރުގެ ފުރަތަމަ ފިލްމުގައި ހުރި ވަރެއް ވެސް އެނގޭނީ "މަލިކާ" ބަލައިލުމުންނެވެ.
މި ފިލްމް އޮލިމްޕަހުގައި ޕްރިމިއާ ކުރުމުގެ ކުރިން، ދިވެހި އެހެން ފިލްމުތަކުން މީގެ ނުކުރާ ކަމެއް މި ފަހަރު ކުރާނެ އެވެ.
އެއީ އާންމުންނަށް ފިލްމް ދައްކާލުމުގެ ކުރިން މީޑިއާތަކާއި ކްރިޓިކުންނަށް ފިލްމް ދައްކައިލުމެވެ. އެކަން އޮންނާނީ މާޗް 1 ގަ އެވެ.