ރާއްޖެ- އިންޑިއާ ގުޅުން ބަދަހިކުރަން ކޯ ގްރޫޕެއް ހަދަނީ
ރާއްޖެ- އިންޑިއާ ގުޅުން ބަދަހިކުރަން ކޯ ގްރޫޕެއް ހަދަނީ

ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ކޯ ގްރޫޕެއް އެކުލަވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު އިއްޔެ އެއްބަސްވެފައިވާ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

އެގޮތަށް ނިންމާފައި ވަނީ ދުބާއީގައި މިހާރު ކުރިއަށްދާ މޫސުމާ ބެހޭ ސަމިޓް، "ކޮޕް28" ގެ ހަވާސާގެ ތެރެއިން ރައީސް ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައި، ކުރެއްވި މަޝްވަރާގެ ތެރެއިންނެވެ.

އެ ބައްދަލުވުމާއި ގުޅޭގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު، އަރިންދަމް ބަގްޗީ ވިދާޅުވީ ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމުން ރައީސް މުއިއްޒަށް މަރުހަބާ ވިދާޅުވެ، ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އޭނާ ވިދާޅުވީ އިގްތިސާދާއި ތަރައްގީ އާއި ތިމާވެއްޓާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރެއްވި ކަމަށެވެ.

"ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅިގެން ވެސް މަޝްވަރާ ކުރައްވާފައި. އޭގެ ތެރޭގައި ކޯ ގްރޫޕެއް އެކުލަވާލުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައިވޭ." އެކްސްގައި ކުރެއްވި ޕޯސްޓުގައި އަރިންދަމް ވިދާޅުވި އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން އެކްސްގައި މޯދީ ދިވެހި ބަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒާ އެކު ބޭއްވީ ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ.

"އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަން ފުޅާކުރެވޭނެ ތަފާތު ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަޅުގަނޑުމެންގެ އުއްމީދަކީ ދެ ގައުމުގެ ރައްޔިތުންގެ ލާބައަށްޓަކައި އެއްބާރުލުން އިތުރުކޮށް ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތްކުރުމެވެ.." މޯދީގެ ޕޯސްޓުގައިވެ އެވެ.

މޯދީ ވިދާޅުވީ ދެ ގައުމުގެ ރައްޔިތުންނަށް މަންފާވާނެ ގޮތަށް ގުޅިގެން ކަންކަން ކުރުމަށް އުއްމީދުކުރައްވާ ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެ ވަޑައިގަތް އެންމެ ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމެވެ. ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ވަނީ އިންޑިއާގެ ކިބައިން އެކަމަށް އެދިވަޑައިގެންފަ އެވެ. އިންޑިއާގެ ބައެއް ނޫސްވެރިން އިއްޔެ ދުބާއީގައި ވަނީ އެކަމާ ބެހޭ ގޮތުން ރައީސްއާ ސުވާލުކޮށްފަ އެވެ. އެކަމަކު އިންޑިއާ ސިފައިންގެ ސުވާލަށް ޖަވާބު ނުދެއްވައި ވިދާޅުވީ "އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތީ ބަދަހި ގުޅުމެއް" ކަމަށެވެ.