01 ޑިސެމްބަރ 2023 - 21:24

ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަތަމަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލު ކުރައްވައި، އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިކުރަން ހާއްސަ ކޯ ގްރޫޕެއް އެކުލަވާލަން ނިންމައިފި އެވެ.
ރައީސް މުއިއްޒު އާއި މޯދީ ބައްދަލު ކުރެއްވީ ދުބާއީގައި މިހާރު ކުރިޔަށް ދާ މޫސުމާ ބެހޭ ސަމިޓް، ކޮޕް28 ގެ ހަވާސާގެ ތެރެއިން މިއަދުގެ ވަގުތެއްގަ އެވެ. އެ ދެ ބޭފުޅުން ބައްދަލުވުމާ ބެހޭ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް އިންޑިއާ ސަރުކާރުން ބުނިގޮތުގައި ދެ ބޭފުޅުންގެ މަޝްވަރާތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެކަމަށްޓަކައި ދެ ގައުމު ހިމެނޭ ގޮތަށް ކޯ ގްރޫޕް އެކުލަވާލަން ދެ ބޭފުޅުން އެއްބަސްވެ ވަޑައިގަތް ކަމަށް އިންޑިއާ ސަރުކާރުން ބުންޏެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖެ އާއި އިންޑިއާއާ ވަރަށް ގާތް ގުޅުމެއް އޮތް ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ފަރާތުން އިންތިހާބުވި ރައީސް މުއިއްޒުގެ ކެމްޕެއިންގެ ތެރޭގައި އެންމެ ގަދަ އަށް ދެއްކެވި ވާހަކައަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލަ އާއި މިނިވަންކަން ނެތް ކަމަށް ބުނާ މައްސަލަ އެވެ.
އެހެންވެ، ރައީސް މުއިއްޒު އިންތިހާބުވުމާ ގުޅިގެން އެމަނިކުފާނުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު އިންޑިއާއަށް ވުރެ ޗައިނާ އާ ގާތް ވާނެ ކަމަށް އިންޑިއާ އާއި ބޭރުގެ އެހެން މީޑިއާތަކުން ބުންޏެވެ.
ރައީސް އިބޫ ހުވާ ކުރެއްވި ރަސްމިއްޔާތަށް މޯދީ ރާއްޖެ ވަޑައިގަތް ނަމަވެސް ރައީސް މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތަށް އެ ގައުމުން ފޮނުވީ މިނިސްޓަރެކެވެ.
ރައީސް މުއިއްޒު ވެސް ވަނީ ސަރުކާރާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް އެ ގައުމަށް ރަސްމީކޮށް އަންގައިފަ އެވެ.