ވަހީ އަށް އީމާންވުމުގައި ބުއްދީގެ ދައުރު
ވަހީ އަށް އީމާންވުމުގައި ބުއްދީގެ ދައުރު

އިސްލާމްދީނުގެ ހާއްސަ ސިފަތަކުގެ ތެރެއިން އެއް ސިފައަކީ ވަޒަން ހަމަ ވުމެވެ. އެބަހީ ދީނީ ކޮންމެ ކަމެއްގައި ވެސް އެކަމުގައި ތަފާތު ދާއިރާތަކެއް ނުވަތަ އަރިމަތިތަކެއް ހިމެނޭ ނަމަ އެ އިން އެއްވެސް ވަކި ދާއިރާއަކަށް ނުވަތަ އަރިމައްޗަކަށް ބުރަ ނުވުމެވެ. ވަޒަން ހިފަހައްޓާ ކަންކަމުގެ ތެރެއިން އެއް ކަމަކީ މާތްﷲގެ ވަހީ އަށް އީމާންވާން ޖެހޭއިރު އަނެއްކޮޅުން އިންސާނާގެ ބުއްދީގެ ދައުރު މުޅިން އެއްފަރާތް ނުކުރުމެވެ.

ސަމާވީ ކޮންމެ ރިސާލަތެއްގެ ވެސް އަސާސަކީ މާތްﷲ ގެ ވަހީ އެވެ. އެ ރިސާލަތު އިންސާނުންނަށް ފޯރުކޮށްދޭ ރަސޫލެއްގެ އަމިއްލަ ފިކުރާއި ހިޔާލެއް ނޫނެވެ. އެހެނީ ނަބީންނާއި ރަސޫލުންނަކީ މާތްﷲގެ ސަފީރުންނެވެ. އެބޭކަލުން ފޮނުއްވިގެން ވަނީ މާތްﷲ ގެ ހަޒްރަތުން މީސްތަކުންނަށް އުފާވެރި ޚަބަރު ދެއްވައި އިންޒާރު ދެއްވާ ބޭކަލުންގެ ގޮތުގަ އެވެ. ކީރިތި ޤުރުއާނުގެ އައްޝުޢަރާއު ސޫރަތުގެ 193 ން 195 އަށް އޮންނަ އާޔަތްތަކުން އެނގޭ ގޮތުގައި ކީރިތި ރަސޫލާ ﷺ މީސްތަކުންނަށް އިންޒާރު ދެއްވާ ބޭކަލެއްގެ ގޮތުގައި ވެވަޑައިގަތުމަށްޓަކައި ޖިބުރީލުގެފާނު މެދުވެރި ކުރައްވައި މާތްﷲގެ ވަހީ، އާދެ ކީރިތި ޤުރުއާން، ބާވައިލެއްވުނެވެ. ނަޖްމު ސޫރަތުގެ ފުރަތަމަ އާޔަތްތަކުން އެނގޭ ގޮތުގައި ކީރިތި ރަސޫލާގެ ﷺ ބަސްފުޅު ތަކަކީ ޖިބުރީލުގެފާނު އުނގަންނަވައިދެއްވި ވަހީ އެވެ. އެކަލޭގެފާނުގެ އެދުންފުޅާ އެއްގޮތަށް ދައްކަވާ އަމިއްލަ ވާހަކަފުޅެއް ނޫނެވެ. އެއްވެސް ޝައްކެއް ނެތި ތާރީހުން އެނގޭ ގޮތުގައި ކީރިތި ރަސޫލާ ﷺ އަކީ ދުވަހަކު ވެސް އިތުރުފުޅެއް ހެއްދެވި ބޭފުޅެއް ނޫނެވެ. އަނެއްކޮޅުން އެކަލޭގެފާނު މީސްތަކުންނަށް ފޯރުކޮށްދެއްވި ވަހީ އަކީ އެކަލޭގެފާނު ފަދަ އުންމިއްޔަ ބޭކަލަކަށް އަދި ކިއެއްތަ، ކިތަންމެ މޮޅު އިންސާނަކަށް ވިއަސް ނުގެނެވޭ ފަދަ މަތިވެރި ވަހީ އެވެ. އެފަދަ އެންމެ ސޫރަތެއް ވިއަސް ތައްޔާރު ނުކުރެވޭނެ ކަމަށް ހުރިހާ އިންސީންނާއި ޖިންނީންނަށް ގޮންޖައްސަވާފައިވާ ވަހީ އެވެ.

ވީމާ ބުއްދީގެ ހަމަތަކުން ބެލިއަސް އަދި މާތްﷲ އަށާއި އެކަލާނގެ ރަސޫލާ އަށް އީމާންވާތީވެ، ނަޤުލީ ދަލީލުތަކަށް ބެލިއަސް ވަހީއަކީ ހައްގު ތެދުކަން ހަމަ ކޮންމެ މުސްލިމަކު ވެސް ގަބޫލުކުރާނެ އެވެ. މުސްލިމުން އިސްލާމްދީނުގެ އެންމެހައި ހުކުމްތައް ބަލައިގަނެ، އެ އަށް ކިޔަމަންވަނީ ވަހީ އަށް އީމާންވާތީ އެވެ. އެ މީހުންގެ މެދުގައި ހުކުމެއް ކުރުމަށް ﷲ އާއި ރަސޫލާ އަށް ރުޖޫއަވާން ގޮވާލެވިއްޖެ ހިނދެއްގައި އެ މީހުންގެ ބަހަކީ "ތިމަންމެން އަހައިފީމުއޭ، އަދި ތިމަންމެން ކިޔަމަންވެއްޖައީމުއޭ" އެވެ. (އައްނޫރު 51). އަދި ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފި ނަމަ މުއުމިނު ފިރިހެނަކަށް ވެސް އަދި މުއުމިނު އަންހެނަކަށް ވެސް އެބައިމީހުންގެ އެކަމުގައި އެހެން އިހުތިޔާރެއް ނޯންނާނެ އެވެ. (އަލްއަޙުޒާބު 36).

ވީމާ މުސްލިމު ފަރުދެއް ވިޔަސް އަދި ޖަމާއަތެއް ވިޔަސް މާތްﷲގެ ވަހީގެ ޒަރީއާ އިން އައިސްފައިވާ ޝަރީއަތާ އެއްގޮތަށް އަމަލު ކުރުމުން މެނުވީ ފުރިހަމަ މުސްލިމުން ކަމުގައި ނުވާނެ އެވެ. މާތްﷲގެ ޝަރީއަތް، އިންސާނުން އަމިއްލަ އަށް ކަނޑައަޅާ ކަންކަމަށް ވުރެ ފުރިހަމަވާނެކަން ވެސް މުސްލިމުން ގަބޫލު ކުރަން ޖެހެ އެވެ. އެހެނީ އެކަލާނގެ އަށް ވުރެ ބޮޑަށް އެކަލާނގެ އަޅުތަކުން ދަންނަ، އެ އަޅުތަކުންނަށް އިހުސާންތެރިވާ، އެ އަޅުތަކުންނަށް އޯގާތެރިވާ އެހެން އެއްވެސް ފަރާތެއް ނުވާތީ އެވެ. "(ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެ (އެތަކެތި) ދެނެވޮޑިގެން ނުވާނޭ ހެއްޔެވެ؟ އެކަލާނގެއީ އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ." (އަލްމުލްކު 14).

މި ސަބަބުތަކަށްޓަކައި ﷲ ބާވާލެއްވި ހުކުމުން މީސްތަކުންގެ މެދުގައި ހުކުމް ކުރައްވަން އަދި އެއިން ބައެއް ވިޔަސް ދޫކޮށްނުލުމަށް އެކަލާނގެ ވަނީ އަމުރު ކުރައްވާފަ އެވެ. (އަލްމާއިދަތު 49). އަދި ބަނީއިސްރާއީލުން އެބައިމީހުންނަށް ބާވައިލެއްވުނު ފޮތުން އެއްބަޔަށް އީމާންވެ، އަނެއް ބަޔަށް ކުފުރުވުމުން މާތްﷲ ވަނީ އެކަން އިންކާރު ކުރައްވާފަ އެވެ. (އަލްބަޤަރާ 85).

އިސްލާމްދީނުގައި ވަހީ އަށް މިފަދަ މަތިވެރި ދަރަޖައެއް ދީފައި ވިޔަސް އަނެއްކޮޅުން ބަލާއިރު އިންސާނާގެ ބުއްދީގެ ދައުރު އެއްފަރާތް ކުރުމަށް އެ ދީން ގޮވައެއް ނުލަ އެވެ. އޭގެ ބަދަލުގައި، އަޅުކަންތަކާއި މުއާމަލާތާއި އެ ނޫން ވެސް އަމުރުތަކާއި ނަހީތަކުގައި ވަހީއާ އެއްގޮތަށް އަމަލު ކުރުމަށް އިސްލާމްދީން ގޮވާލާ ފަދައިން އިންސާނާގެ ބުއްދި އަށް އިހުތިރާމް ކުރުމަށް ވެސް އިސްލާމްދީން ގޮވާލަ އެވެ. ބުއްދީގެ ބޭނުން ހިފަން ގޮވާލަ އެވެ. އިސްލާމީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ބުއްދީގެ ބޭނުން ނުހިފައި ވަހީ ވެސް ސާބިތެއް ނުކުރެވޭނެ އެވެ. އެހެނީ އިސްލާމީ ޢަޤީދާގެ އެންމެ މުހިންމު ދެ ގަޒިއްޔާ ކަމުގައިވާ ﷲ ވޮޑިގެންވުމާއި ނުބުއްވަތު ސާބިތު ނުވަނީސް ވަހީ ސާބިތު ނުވާނެތީ އެވެ. ސަބަބަކީ ވަހީ ސާބިތު ކުރުމަށްޓަކައި ވަހީ ބާވައިލެއްވި ފަރާތް އެންމެ ފުރަތަމަ ސާބިތު ކުރަން ޖެހޭތީ އެވެ. ހަމަ އެފަދައިން ނުބުއްވަތު ސާބިތު ކުރުމަށްޓަކައި ނަބީންނާއި ރަސޫލުން ފޮނުއްވި ފަރާތް އެންމެ ފުރަތަމަ ސާބިތު ކުރަން ޖެހޭތީ އެވެ. މި ދެ ގަޒިއްޔާ އިންސާނުންނަށް ސާބިތުކޮށްދިނީ ބުއްދީގެ ދަލީލުތަކުންނެވެ.

އިންސާނާގެ ހިއްސުތަކާއި ކައުނުގައިވާ ހެކިތަކުގެ އެހީގައި، މާތްﷲ ވޮޑިގެންވާ ކަމާއި އެކަލާނގެ ކުޅަދުންވަންތަކަމާއި ހިކުމަތްވަންތަކަން ސާބިތު ކޮށްދިނެވެ. ކައުނުގައި މިވާ ހުރިހާ އެއްޗެއް ހެއްދެވި ފަރާތަކީ އެކަލާނގެކަން ސާބިތު ކޮށްދިނެވެ. އެ އަށް ފަހު، ބުއްދި ބުނަނީ އެކަލާނގެ އަޅުތަކުން މި ދުނިޔޭގައި އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލުމަކީ ހިކުމަތްވަންތަ، އޯގާވަންތަ، ކުޅަދުންވަންތަ އިލާހަށް ލާއިގުވެވޮޑިގެންވާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ އަޅުތަކުންނަށް ސީދާވެގެންވާ މަގު ދައްކަވައި އެ މީހުންގެ ދުނިޔެ އާއި އާހިރަތު ބާއްޖަވެރި ކުރާނެ ގޮތާއި އެ މީހުން ދުނިޔޭގައި އެކަކު އަނެކަކާ ގުޅިގެން ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ގޮތް އެކަލާނގެ ދައްކަވާނެ ކަމަށެވެ. މިއީ ބުއްދީގެ ހަމައިން ބަލާއިރު ލާޒިމު ކަމެއް ނަމަ އެއްވެސް އިންސާނަކަށް ކުޅަދާނަވެގެން ނުވާ މުއުޖިޒާތްތަކާ އެކު މީސްތަކުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން، ތިމަންމީ ﷲ ފޮނުއްވި ރަސޫލެކޭ، މި އޮތީ ތިޔަބައި މީހުން އުޅެން އެކަލާނގެ އެންގެވި ގޮތޭ، މިކަމުގެ ހެއްކަކީ އެކަލާނގެ ތިމަންނާއަށް ދެއްވި މި މުއުޖިޒާތްތަކޭ ބުނާ އިންސާނާ އެއީ ރަސޫލެއް ކަމުގައި ގަބޫލު ކުރަން ޖެހޭނެ ކަމަށް ބުއްދި ބުނެ އެވެ.

އިމާމް ޣަޒާލީ ވިދާޅުވާ ގޮތުގައި އިންސާނާގެ ބުއްދި މި މުހިންމު ދެ ގަޒިއްޔާ ސާބިތު ކޮށްދިނުމަށް ފަހު، ކުޑަވަގުތު ކޮޅަކަށް އެއްފަރާތަކަށް ޖެހިލަން ޖެހެ އެވެ. އެއީ އަމުރުތަކާއި ނަހީތައް ވަހީގެ ޒަރީއާ އިން ލިބިގަތުމަށެވެ. މިކަމުގައި ބުއްދިއަކަށް އިސްކަމެއް ނުދެވޭނެ އެވެ. އެހެނީ ބުއްދިއަކީ ވަހީގެ އިރުޝާދާ ނުލައި އެކަނި މަސައްކަތް ކުރާ ނަމަ ކުށް ހެދިދާނެ އެއްޗެކެވެ. މަގު ގެއްލި، ހަނދާންނެތި، އޮޅުން އަރައިދާނެ އެއްޗެކެވެ. އެކަމަކު މިއާ ހިލާފަށް ވަހީ އަކީ މާތްﷲގެ ހަޒްރަތުން ބާވައިލެއްވޭ އެއްޗެއް ކަމުން އޭގައި ކުށެއް މަގު އޮޅުމެއް، ހަނދާން ނެތުމެއް، އޮޅުން އެރުމެއް ނޯންނާނެ އެވެ. ވަހީއާ ދުރުން ނަބީއަކު ކަމެއްގައި އިޖުތިހާދު ކުރެއްވިޔަސް އޭގައި ކިތަންމެ ކުޑަނަމަވެސް ކުށެއްވާ ނަމަ ވަގުތުން އެކަން އިސްލާހު ކުރުމަށް ވަހީ ބާވައިލެއްވޭނެ އެވެ. އެހެނީ ބާތިލު އެއްވެސް ކަމަކަށް މާތްﷲ އިގުރާރުވެ ވޮޑި ނުގަންނަވާނެތީ އެވެ.

ވީމާ، ވަހީ ސާބިތު ކުރުމުގައި ބުއްދިއަކީ މުހިންމު ދައުރެއް އަދާ ކުރާ ވަސީލަތެއްކަން އެބަ ކަށަވަރުވެ އެވެ. ހަމަ އެއާ އެކު، ވަހީގެ ޒަރީއާ އިން އަމުރުތަކާއި ނަހީތައް ލިބި އެ ބަލައިގަތުމުގައި ވެސް ބުއްދީގެ ދައުރު އެކީ ނިމިގެން ނުދާކަން އެނގެ އެވެ. ބައެއް ކަންކަމުގައި ވަހީއާ އެކު ބުއްދީގެ ބޭނުން ހިފަންޖެހޭ ދާއިރާތަކެއް ނުވަތަ ހިސާބެއް އޮވެ އެވެ. އެއްކޮޅުން ބަލާއިރު މިކަން މިގޮތަށް އޮތަސް އަނެއްކޮޅުން ބަލާއިރު ދީނުގެ އަމުރުތަކާއި ނަހީތައް ލިބި އެ ބަލައިގަތުމުގައި ބުއްދި އަށް އެއްވެސް ދައުރެއް ދެވިގެން ނުވާނެ ކަންކަމާއި ހިސާބުތަކެއް އޮންނަކަން ވެސް ވެސް ޤުރްއާނާއި ސުންނަތުން އެނގިގެން އެބަދެ އެވެ. އެހެންކަމުން އިސްލާމްދީނުގައިވާ މި ވަޒަން ހިފެހެއްޓުން ދެނެގަނެ އަޅުގަނޑުމެންގެ ފިކުރު އެގޮތުގައި ބައްޓަންކުރަން ޖެހެ އެވެ.