ހޮލީވުޑްގައި ދީޕިކާ ޕަދުކޯންއަށް ވުރެ ދިޝާ ޕަޓާނީ މާ ކާމިޔާބު
ހޮލީވުޑްގައި ދީޕިކާ ޕަދުކޯންއަށް ވުރެ ދިޝާ ޕަޓާނީ މާ ކާމިޔާބު

ބޮލީވުޑްގައި ދީޕިކާ ޕަދުކޯން ރަނިކަން ކުރިޔަސް ހޮލިވުޑްގައި އޭނާ ކުޅުނު ފިލްމު "ތުރީ އެކްސް: ރިޓާން އޮފް ޒެންޑާ ކޭޖް" ކާމިޔާބު ވާ ގޮތެއް ނުވި އެވެ.

ވިން ޑީސަލްއާ އެކު ދީޕިކާ ކުޅުނު މި ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް އިންޑިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދީޕިކާ ވަރަށް ބުރަކޮށް ކޮށްފައިވެ އެވެ. އަދި ގިނަ ބަޔަކު އުންމީދުކުރީ މި ފިލްމަށް ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމަށެވެ. ޚާއްސަކޮށް ވިން ޑީސަލް ކަހަލަ ހޮލީވުޑްގެ މަޝްހޫރު ބަތަލަކާއި ބޮލީވުޑްގެ އެއްވަނަ ބަތަލާގެ ފިލްމެއް ވަރަށް ހިނގާނެކަމަށް ގަބޫލުކުރި މީހުން ގިނަ އެވެ.

ނަމަވެސް އުންމީދުކުރި ވަރާ ގާތަށް ވެސް ފިލްމެއް ނުހިނގި އެވެ. ނޯތު އެމެރިކާ ބޮކްސް އޮފީހުގައި ވެސް ފިލްމުގެ ވިޔަފާރި އެވްރެޖްކޮށް އުޅުނުއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެސް މި ފިލްމަށް ލިބުނީ ފިނި ތަރުހީބެކެވެ. އަދި އިންޑިޔާގައި ވެސް ފިލްމު ރަނގަޅަށް ހިނގާ ގޮތެއް ނުވި އެވެ.

ޖެނުއަރީ 20 ގައ ރިލީޒްކުރި މި ފިލްމަށް މިހާތަނަށް ލިބިފައިވަނީ 154.82 މިލިއަން ޑޮލަރެވެ. މިއީ ހޮލީވުޑްގެ މި ފެންވަރުގެ ފިލްމަކާ ބަލާފައި ވަރަށް މަދު އަދަދެކެވެ.

ދީޕިކާގެ ފިލްމަށް ވުރެ "އެމް.އެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ"ގައި އަލަށް ބަތަލާގެ ރޯލު ކުޅުނު ދިޝާ ޕަޓާނީގެ ފުރަތަމަ ހޮލީވުޑް ފިލްމަށް ވެސް މާ ބޮޑު ކާމިޔާބީތައް ދަނީ ލިބެމުންނެވެ. އެކަމަކު ޖެކީ ޗެންއާ އެކު ދިޝާ ކުޅުނު "ކުން ފޫ ޔޯގާ" ޕްރޮމޯޓްކުރުމުގެ މަސައްކަތް ވެސް "ތުރީ އެކްސް: ރިޓާން އޮފް ޒެންޑާ ކޭޖް" އާ ގާތަށް ވެސް ނުކުރެ އެވެ. އަދި ޖެކީ ޗެންގެ ފިލްމު މިހާތަނަށް ރިލީޒްކޮށްފައި ވަނީ ވެސް މަދު ގައުމެއްގަ އެވެ. ނަމަވެސް ޖެނުއަރީ 28 ގައި ރިލިޒްކުރި "ކުން ފޫ ޔޯގާ" އަށް މިހާތަނަށް 179.5 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.

އަލަށް ފިލްމު ކުޅެން ފެށި ބަތަލާ ދިޝާއަށް ވުރެ ވިއްސަކަށް ފިލްމު ކުޅެފައިވާ ދީޕިކާގެ ހޮލީވުޑް ފެށުން ދަށްވުމުން ޚުދް ދީޕިކާ ވެސް ވަނީ މިހާރު ވަރަށް ހިތްހަމަނުޖެހިފަ އެވެ. އަދި އިތުރަށް ހޮލީވުޑް ފިލްމު ނުކުޅެން ދީޕިކާ ވިސްނަމުންދާ ކަމަށާއި ހޮލީވުޑް ފިލްމުތައް އިތުރަށް ނުހޯދުމަށާއި ބޮލީވުޑް ޕްރޮޖެކްޓްތަކަށް އިސްކަން ދިނުމަށް ދީޕިކާ އޭނާގެ މެނޭޖަރުންނަށް މިހާރު އަންގާފައިވާ ކަމަށް ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.