އިޒްރޭލަށް އޮތް ހަމްދަރުދީ ގެއްލިއްޖެ: އެމެރިކާ
އިޒްރޭލަށް އޮތް ހަމްދަރުދީ ގެއްލިއްޖެ: އެމެރިކާ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޒްރޭލާ މެދު އޮތް ހަމްދަރުދީ މިހާރު މުޅިން ގެއްލިފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އެމެރިކާގެ ޓީވީ ޗެނަލެއް ކަމަށްވާ އެމްއެސްއެންބީސީ ގައި ވާހަކަ ދައްކަވަމުން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ މެމްބަރު މާކް ވޯނާ ވިދާޅުވީ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލު ސިފައިން އަމަލު ކުރަމުން އަންނަ ގޮތުގެ ސަބަބުން، އިޒްރޭލާ މެދު ގިނަ ބަޔަކު ނަފްރަތު ކުރާ ކަމަށެވެ. އިޒްރޭލާ މެދު އޮތް ހަމްދަރުދީ ގެއްލޭ ކަންކަމުގެ ގޮތުގައި، ފަލަސްތީނުގެ އާންމު ރައްޔިތުން މެރުމުގެ އިތުރުން އޭނާ ފާހަގަ ކުރެއްވި އެއް ކަމަކީ، ފަލަސްތީނުގެ ފައިސާތައް އިޒްރޭލުން ހިފެހެއްޓުމެވެ.

ފަލަސްތީނު ސަރުކާރަށް ލިބެންޖެހޭ އެތައް ބިލިއަން ޑޮލަރެއް އިޒްރޭލުގައި ހިފަހައްޓާފައި ހުރުމުގެ ސަބަބުން، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އެތައް އުނދަގޫތަކެއް ވަނީ ތަހައްމަލު ކުރަންޖެހިފަ އެވެ. އެހެންކަމުން، ދުނިޔޭގެ ގައުމުތަކުގެ ހަމްދަރުދީ އަލުން ހޯދަން އެދޭ ނަމަ، އިޒްރޭލުން ހިފަހައްޓާފައި ހުރި ފައިސާތައް ދޫކޮށްލަންޖެހޭ ކަމަށް ވެސް މާކް ވިދާޅުވި އެވެ.

ޣައްޒާގައި އިޒްރޭލު ސިފައިން ހިންގި ގަތުލު އާންމުތަކުގެ އިތުރުން އޭނާ ފާހަގަކުރެއްވި އަނެއް ކަމަކީ، ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ހިންގަމުންދާ ޖަރީމާތަކެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުގެ ފަހުން، އެއްވެސް ގޮތެއްފޮތެއް ނުބަލައި އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން، ހުޅަނގު އައްސޭރީގެ ސަލާމަތީ ކަންތައް ބެލެހެއްޓުން ފަލަސްތީނު ސަރުކާރުން ދޫކޮށްލަފާނެ ކަމުގެ ބިރު އެބަ އޮތް ކަން ވެސް މާކް ފާހަގަކުރެއްވި އެވެ.

އެފަދަ ހާލަތަކަށް ހިނގައްޖެ ނަމަ، ހުޅަނގު އައްސޭރީގައި އިޒްރޭލަށް ކުރިމަތިވާނެ ނުރައްކާތައް މިހާރަށް ވުރެ މާ ބޮޑުވާނެކަން އޭނާ ފާހަގަކުރެއްވި އެވެ. ހުޅަނގު އައްސޭރީގައި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މިހާރު ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ އަށް ވުރެ ވެސް ނުރައްކާތެރި ހަނގުރާމައެއް ފެށުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އިޒްރޭލު ސިފައިން ޣައްޒާ އަށް ދިން ވަރުގަދަ ހަމަލާތަކުގައި ޣައްޒާގެ ބޮޑު ސަރަހައްދެއް ވަނީ ސުންނާފަތި ކޮށްލައިފަ އެވެ. އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު 15000 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އޭގެ ތެރެއިން 10000 އަށް ވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ޣައްޒާ އިން ޒަޚަމްވި މީހުންގެ އަދަދު 36000 އަށް ވުރެ މަތިވެފައިވާ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވުމުގެ ސަބަބުން ނުވަތަ އެ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 7000 އަށް ވުރެ މަތިވެފަ އެވެ.