11 ޖޫން 2016 - 19:31

ޖެންޑާ މިނިސްޓްރީގެ ކޭސް މެނޭޖްމެންޓް ޑިޕާޓްމެންޓުން މައުލޫމާތު ހިފަހައްޓާތީ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މައްސަލަތައް ފުނިޖެހިފައިވާ ކަމަށް ވިދާޅުވެ އެ ކޮމިޝަންގެ ނައިބު ރައީސް ޝިފާގް މުފީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ. އެ މައްސަލާގައި ޖެންޑާ މިނިސްޓްރީގެ އިސްވެރިންނާ މެދު ފިޔަވަޅު އަޅަން ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.
ޖެންޑާ މިނިސްޓްރީން ކަންކުރައްވާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން އޭނާ ވަނީ ސޯޝަލްމީޑިއާގައި ވެސް އެ ވާހަކަ އާއްމުކުރައްވައިފަ އެވެ.
އެ ލިޔުމާ ގުޅޭގޮތުން ޝިފާގް "މިހާރު" އަށް ވިދާޅުވީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ބޮޑު ޕަސެންޓެއް ނުނިމި ވަނީ ޖެންޑާ މިނިސްޓްރީން މައުލޫމާތު ނުލިބިގެން ކަމަށެވެ. މީހުން ހުށަހަޅާފައިވާ މައްސަލަތަކާއި ކޮމިޝަނުން އަމިއްލަ އަށް އިސް ނަގައިގެން ބަލާ މައްސަލަތަކުގައި ވެސް މައުލޫމާތު ފޯރުކޮށްދޭން ތަކުރާރުކޮށް އެ މިނިސްޓްރީގައި އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިފާގް ވިދާޅުވި ގޮތުގައި އެ ކޮމިޝަނަށް މައްސަލަ ހުށަހަޅާ ފަރާތްތަކުން މައްސަލަ ލަސްވާ ސަބަބާ ގުޅޭގޮތުން ސުވާލުކުރުމުން "އެއީ ޖެންޑާ މިނިސްޓްރީން މައުލޫމާތު ނުލިބިގެންނޭ" ބުނާކަށް އެ ކޮމިޝަނަކަށް ފަސޭހައެއް ނޫނެވެ. މައުލޫމާތު ހޯދަން އެދިފައިވާ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނާ ގުޅޭ ސީރިއަސް މައްސަލަތަކެއް ހިމެނެ އެވެ.
"ދެން އޮންނާނެ ގޮތަކީ އެކަމުގައި އިސްކޮށް ތިއްބަވާ ބޭފުޅުންނާ މެދު ފިޔަވަޅު އެޅުން. ހިއުމަން ރައިޓްސް ގާނޫނުގެ ދަށުން މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ،" ޝިފާގް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެ ޑިޕާޓްމެންޓް ފާހަގަކުރެވެނީ ވާވެފައި އޮތް ތަނެއްގެ ގޮތުގައި."
ކޮމިޝަނުން އެދެފި މައުލޫމާތެއް ނުދީ ހިފަހައްޓައިފި ނަމަ ނުވަތަ ދޭން އިންކާރުކޮށްފި ނަމަ އެޗްއާރުސީއެމްގެ ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު ދީފައިވެ އެވެ.
އެ ކޮމިޝަނުން ކަމެއް ނިންމޭނީ މެމްބަރުންގެ އަޣުލަބިއްޔަތުން ކަން ފާހަގަކުރައްވައި ޝިފާގް ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ ކޭސް މެނޭޖްމެންޓްގެ އިސް ވެރިންނާ މެދު ފިޔަވަޅު އަޅަން އޭނާ ހުށަހެޅުއްވި ކަމަށެވެ. އެކަމަކު ފިޔަވަޅު އަޅާކަށް އެ ކޮމިޝަނުން މިހާތަނަށް ނިންމުމެއް ނިންމާފައެއް ނުވެ އެވެ.
ޖެންޑަ މިނިސްޓްރީގެ ބައެއް އެހެން ޑިޕާޓްމެންޓްތަކުން އެޗްއާރުސީއެމަށް އެއްބާރުލުން ދޭކަން ފާހަގަކުރައްވައި ޝިފާގް ވިދާޅުވީ މައްސަލަތައް އަވަހަށް ބަލައި ހައްލުކުރަން ޖެހޭ ޑިޕާޓްމެންޓް ދޯދިޔާވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެޗްއާރުސީއެމްގެ މެމްބަރެއްގެ ގޮތުގައި އޭނާ ހުންނަވައި، ސީރިއަސް މައްސަލަތަކާ މެދު އަޅާނުލާ ނުހުންނަވާނެ ކަމަށް ވިދާޅުވި އެވެ. ވ. ރަކީދޫގައި، މަންމަ އަނިޔާކޮށް އިބްތިހާލް މަރާލި ހާދިސާއަކީ އެންމެން އިބުރަތް ހާސިލްކުރަން ޖެހޭ ހާދިސާއެއް ކަން ފާހަގަކުރައްވައި ވިދާޅުވީ އެފަދަ ދެ ވަނަ މަރެއް އޭނާ މެމްބަރު ކަމުގައި ހުންނަވައިގެން ތަކުރާރުވާން ބޭނުން ނުވާ ކަމަށެވެ.
"ދެ ވަނަ އިބްތިހާލެއް މަރުވެގެންދާ މަންޒަރު ބަލަން މެމްބަރެއްގެ ގޮތުގައި އަޅުގަނޑެއް ނުހުންނާނަން. އެ ދުވަހަކީ އަޅުގަނޑު އިސްތިއުފާ ދޭ ދުވަސް،" ޝިފާގް ވިދާޅުވި އެވެ.