މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކު ވެންޓިލޭޓަރުގައި
މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކު ވެންޓިލޭޓަރުގައި

މާލޭ ބޮޑުތަކުރުފާނު މަގުގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

ފުލުހުން މިއަދު ބުނިގޮތުގައި ރޭ 11:26 ހާއިރު ވިލާ ކޮލެޖް ކުރިމަތީގައި މި އެކްސިޑެންޓް ހިނގީ ދެ ސައިކަލު ޖެހިގެންނެވެ. އަނިޔާވެފައި ވަނީ ދެ ސައިކަލް ތިބި މީހުންނަށް ކަމަށް ފުލުހުން ބުންޏެވެ.

މި ވަގުތު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނީ ދެ ފިރިހެނަކާއި އަންހެނަކަށެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި، އެ ތިން މީހުންގެ ހާލު ވެސް ސީރިއަސް އެވެ.

އެނގިފައިވާ ގޮތުގައި އެ ތަނުން ދެ މީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ. އެއީ މި އެކްސިޑެންޓުގައި އަނިޔާވި ދެ ފިރިހެނުންނަށެވެ.

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއިރު، ހުޅުމާލޭގައި މިދިޔަ ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިންޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެމަފިރިންގެ ތެރެއިން ފިރިމީހާ ވަނީ މިދިޔަ އަންގާރަ ދުވަހު މަރުވެފަ އެވެ.

އެ އެކްސިޑެންޓް ހިނގަން މެދުވެރި ކާރުގެ ޑްރައިވަރު ވެސް ވަނީ އެ މައްސަލާގައި ހައްޔަރުކޮށްފަ އެވެ.