29 ނޮވެމްބަރ 2023 - 21:22

މާލޭގައި ހިންގި ގުރޫޕް މާރާމާރީއަކާ ގުޅިގެން ތިން މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
ހެންވޭރުގައި ހުންނަ ޗީބޯ ކެފޭ ކައިރީގައި މިއަދު ހަވީރު ހިނގި އެ މާރާމާރީގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ފުލުހުން ބުނީ އެ މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ތިން މީހަކު އެ ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ 18 އަހަރާއި 22 އަހަރާ އަދި 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މި މާރާމާރިއާ ގުޅިގެން އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ތިއްބެވެ. އަދި އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ފުލުހުންނަށް ފިލަން ވެސް ދެ މީހަކު މަސައްކަތް ކުރެ އެވެ.
އެ ދެ މީހުން ފިލަންވެގެން ސައިކަލެއްގައި ވަރަށް ބާރަށް ދުއްވާފައި ދަނިކޮށް، އެ މީހުންގެ ކުރިމަތިން ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި ޖެހި ބިން މައްޗަށް ވެއްޓެވެ. އަދި އެ ދެމީހުން ތެދުވެ ދުއްވައި ގަންނަނިކޮށް އެތަނުން އެކަކު ފުލުހުން ހިފަހައްޓަ އެވެ. ދެވަނަ މީހާ ހިފަހައްޓަން ފުލުހުން ދުވާތަން ވެސް އެ ވީޑިއޯ އިން ފެނެ އެވެ.