އިޒްރޭލުން މިނިވަންކުރި އަދަދަށް ހައްޔަރުކޮށްފި
އިޒްރޭލުން މިނިވަންކުރި އަދަދަށް ހައްޔަރުކޮށްފި

ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިޒްރޭލާ ދެމެދު، ގަތަރު މެދުވެރިވެގެން ވެފައިވާ، ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ދަށުން، މިނިވަންކުރި ފަލަސްތީނުގެ އަސީރުންނާ ދާދި އެއް އަދަދަކަށް ފަލަސްތީނުގެ އިތުރު މީހުންތަކެއް އިޒްރޭލުން ހައްޔަރުކޮށްފި އެވެ.

އޮކްޓޫބަރު 7، 2023 ގައި ފެށި ހަނގުރާމަ 51 ދުވަހަށް ފަހު މެދުކަނޑައިލުމަށް ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، ހަމަލާތައް މެދުކަނޑާލާފައި އޮންނަ ހަތަރު ދުވަހުގެ ތެރޭގައި، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ ރަހީނުންގެ ތެރެއިން 50 މީހުން މިނިވަންކުރަންޖެހެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު އަސީރުންގެ ތެރެއިން 150 މީހުން މިނިވަންކުރަންޖެހެ އެވެ.

މިހާރު އަމަލުކުރަމުން އަންނަ އެއްބަސްވުމާ އެއްގޮތަށް، ހަތަރު ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ 150 އަސީރުން މިނިވަންކޮށްފަ އެވެ. އެއީ 117 ކުޑަކުދިންނާއި 33 އަންހެނުންނެވެ. އޭގެ ބަދަލުގައި ހަމާސް އިން ވަނީ ރަހީނުންގެ ތެރެއިން 69 މީހަކު މިނިވަންކޮށްފަ އެވެ. އެއީ އިޒްރޭލުގެ 51 މީހަކާއި އެހެން ގައުމުތަކުގެ 18 މީހެކެވެ.

ގަތަރު މެދުވެރިވެގެން، ވެފައިވާ އެއްބަސްވުމުގެ ދަށުން ޣައްޒާ އަށް ހަމަލާ ނުދިން ނަމަވެސް، އިޒްރޭލުގެ އިސްތިއުމާރީ ސިފައިންގެ އަނިޔާވެރިކަމަށް މެދުކެނޑުމެއް ނާދެ އެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާއާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރުމާ އެކު، ހުޅަނގު އައްސޭރީގައި ވެސް އިޒްރޭލު ސިފައިންގެ އަސްކަރީ ހަރަކާތްތައް ފެށި އެވެ.

ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް އިޒްރޭލު ސިފައިން ކޮންމެ ދުވަހަކު ވަދެގަނެ، ގެތައް ބަލައި ފާސްކުރުމުގެ ތެރޭގައި އެތައް ބަޔަކު ހައްޔަރު ކުރި އެވެ. އަދި ފަލަސްތީނުގެ އާންމު ރައްޔިތުންގެ ގަޔަށް ބަޑިޖަހައި އެތައް ބަޔަކު ވަނީ ޝަހީދުކޮށްފަ އެވެ.

ހަމާސް އާއި އިޒްރޭލާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ހުޅަނގު އައްސޭރި ހިމެނިފައި ނުވާތީ، ޣައްޒާ އަށް ދެމެން ދިޔަ ހަމަލާތައް މެދުކަނޑައިލުމަށް ފަހު، ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގާ އުދުވާންތައް މިހާރު ވަނީ ކުރިއަށް ވުރެ ވަރުގަދަ ކޮށްފަ އެވެ.

ޣައްޒާ އަށް ދެމުން ދިޔަ ހަމަލާތައް ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު މެދުކަނޑައިލުމަށް ފަހު 27 ވަނަ ދުވަހުގެ ނިޔަލަށް އިޒްރޭލުން ވަނީ ފަލަސްތީނުގެ 150 މީހަކު މިނިވަންކޮށްފަ އެވެ. ނަމަވެސް ހަމަ އެ މުއްދަތުގައި ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގި އުދުވާންތަކުގައި ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 133 އަށް އަރައިފަ އެވެ.

"ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުގެ އަޅުވެތިކަން އޮތްހާ ހިނދަކު މީހުން ހައްޔަރު ކުރުމެއް ނުހުއްޓޭނެ. އެއީ އިޒްރޭލުގެ އިސްތިއުމާރީ ދައުލަތުގެ މައިގަނޑު ސިޔާސަތު. އަދި އެއީ އަޅުވެތިކަމާ ދެކޮޅަށް އެއްވެސް ކަމެއް ކުރިޔަ ނުދިނުމަށްޓަކައި ހިންގާ ޖަރީމާތަކެއް،" ފަލަސްތީނުގެ އަސީރުންގެ ޖަމިއްޔާގެ ތަރުޖަމާނު އަމާނީ ސަރްހާނާ ވިދާޅުވި އެވެ.

"މިއީ ކޮންމެ ދުވަހަކު ހިނގާ ކަމެއް. މިއީ އޮކްޓޫބަރު 7ގެ ފަހުން ފެށިގެން އުޅޭ ކަމެއް ނޫން. ހަމަލާ ބަދަލުކުރުން މެދުކަނޑާލާފައި އޮންނަ ދުވަސްތަކުގައި އަދިވެސް އިތުރު މީހުން ހައްޔަރުކުރަމުން ދާނެ."

އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު ހަނގުރާމަ ފެށިފައިވަނީ، ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން ކުއްލި ގޮތަކަށް ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި 1200 އަށް ވުރެ ގިނަ މީހުން މަރާލައި 240 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ ވިދިގެންނެވެ. އެކަމަށް ބަދަލު ހިފުމަށް އިޒްރޭލުން ގާޒާ އަށް ދިން 51 ދުވަހުގެ ހަމަލާތަކުގައި ފަލަސްތީނުގެ 15000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.