ޝަރުތު ހަމަނުވާ މީހުންނަށް ވެސް، މާކްސް ބަދަލުކޮށްގެން ފްލެޓް ދީފައި އެބަހުރި: އޭސީސީ
ޝަރުތު ހަމަނުވާ މީހުންނަށް ވެސް، މާކްސް ބަދަލުކޮށްގެން ފްލެޓް ދީފައި އެބަހުރި: އޭސީސީ

ޝަރުތު ހަމަ ނުވާ ކަމަށް ގެދޮރުވެރިޔާ ޕޯޓަލް އިން ދެއްކި ނަމަވެސް، ސުޕަވައިޒް ކުރާ ފަރާތްތަކުން އެ ބަދަލުކޮށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިހެން ބުނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލަން އޭސީސީން އެންގުމާ ގުޅިގެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް އެ މެންބަރުން ހާޒިރުކޮށް ސުވާލު ކުރުމުންނެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ޕޯޓަލް އިން ފްލެޓަށް އެދި ހުށަހަޅާފައިވާ ހުރިހާ ލިޔެކިޔުންތަކެއް އެއް ކުރުމަށް ފަހު އޮޓޯ އިން މާކްސްތައް ޖެނެރޭޓް ވާ ކަމަށެވެ.

އެހެން ނަމަވެސް މާކްސްތައް އެޕްރޫވް ކުރަން ހުންނަ ފަރާތްތައް ނުވަތަ އެޕްރޫވަލްގެ މައްޗަށް ސުޕަވައިޒް ކުރަން ހުންނަ ފަރާތްތަކުން މާކްސް ބަދަލުކޮށްފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުށަހަޅާ ލިޔެކިޔުންތަކުން ޝަރުތު ހަމައެއް ނުވޭ، އެހެންވެއްޖެ އެ ސިސްޓަމްތަކުން ޝަރުތު ހަމަ ނުވާ ކަމަށް ދައްކާ. ނަމަވެސް އެޕްރޫވަލް ލެވަލް އިން ޝަރުތު ހަމަވާ ކަމަށް ބަދަލު ކޮށްފައި ހުންނަ ކަމަށް އަޅުގަނޑުމެންނަށް ފާހަގަ ވަނީ." ސަލާމް ވިދާޅުވި އެވެ.

މިސާލެއް ގޮތުން އޭނާ ވިދާޅުވީ ފޯމެއްގައި ދަރިއަކު ނެތް ކަމަށް ޖަހާފައި އޮއްވާ އަދި ޑީއެންއާރްގެ ޑޭޓާތަކުން ވެސް އެކަން އެނގޭ އިރު އެޕްރޫވް ކުރަން ހުންނަ ފަރާތްތަކުން އޭނާގެ ދަރިއެއް ހުންނަ ކަމަށް ޖަހައި އިތުރަށް މާކްސް ދީފައި ހުރި ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ އެނގޭ ކޮންމެވެސް ދިމާލަކުން ޕޯޓަލް ތެރެއިން މާކްސްތައް އެބަ ބަދަލު ކުރާކަން. މިކަހަލަ ކަންކަން ފާހަގަވޭ." އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ބައެއް ފަރާތްތައް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި ހުރި އިރު ލިޔެކިޔުންތަކުން އެއީ މާލޭގައި ދިރިއުޅޭ މީހެއް ނޫން ކަން ވަރަށް ސާފުކޮށް ފެންނަން އޮންނަ ކަމަށް ސަލާމް ވިދާޅުވި އެވެ. އެފަދަ ފަރާތްތަކަށް ވެސް ޝަރުތު ހަމަވާ ކަމަށް ނިންމައި ފްލެޓު ވެސް ދީފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ދާއިމީ ލިސްތު ނެރުނު އިރު އެކަންކަން އިސްލާހު ކޮށްފައި ހުރިތޯ ތަހުގީގު ޓީމުން ބެލި ކަމަށް ސަލާމް ވިދާޅުވި އެވެ. ނަމަވެސް އެކަންކަން އިސްލާހު ކޮށްފައި ނުވާ ކަމަށާއި ފްލެޓު ދިނުން ހުއްޓުވީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް ވެސް ވިދާޅުވީ ބާރު ދޭ އެއްވެސް ލިޔެކިޔުމެއް ނެތި ކައުންސިލްތަކުން ސިޓީއެއް ހޯދައިގެން އެއީ މާލޭގައި އުޅޭ ފަރާތްތައް ކަށަވަރު ކުރުމުގެ ކަންކަމާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ނެތް ކަމަށް ބުނެފައި ވިޔަސް އެއަށް ވެސް ޕޮއިންޓް ދީފައި އެބަހުރި ކަމަށް ޝާމިލް ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ ގޯސް ނިޔަތެއް ނޯވެދާނެ. އެކަމަކު އަމަލުގެ ބައިން އަލުގަނޑުމެން ބަލާއިރު ނުކުތް ނަތީޖާ ގޯސް ވާތީ އަޅުގަނޑުމެން މި ތަހުގީގު ކުރިޔަށް ގެންދަން މަޖުބޫރުވީ،" އޭނާ ވިދާޅުވި އެވެ.