އުރީދޫ ގްރޫޕުން ލާނިން އެކަޑަމީއެއް ލޯންޗުކޮށްފި
އުރީދޫ ގްރޫޕުން ލާނިން އެކަޑަމީއެއް ލޯންޗުކޮށްފި

އުރީދޫގެ މުވައްޒަފުން ތަރައްގީކޮށް، ތަމްރީނު ދޭން އުރީދޫ ގްރޫޕުން އުރީދޫ ލާނިން އެކަޑަމީ (އޫލާ)ގެ ނަމުގައި އެކަޑަމީއެއް ތައާރަފްކޮށްފި އެވެ.

މިއީ އެ ގުރޫޕުގެ ސަތޭކައެއްހާ ސްޓޭކްހޯލްޑަރުންގެ އެހީއާ އެކު އެކުލަވާލި އެކަޑަމީއެކެވެ. މި އެކަޑަމީގެ އަމާޒަކީ އެ ކުންފުނީގައި އިންޓާނަލް ޓެލެންޓް މާކެޓްޕްލޭސް އެއް ގާއިމުކުރުމަށް މުވައްޒަފުންގެ ފަރާތުން ބޭނުންވާ ހުނަރުތައް ތައްގީކޮށް، ކުންފުނި ފުޅާކޮށް ކުރިއެރުވުމުގައި ބޭނުންވާނެ ތައުލީމާއި ތަމްރީނުތައް ދިނުމެވެ. އަދި މި އެކަޑަމީން އެ ގްރޫޕުގެ ދަށުން ހިންގަމުން އަންނަ ހުރިހާ ކުންފުނިތަކެއްގެ މުވައްޒަފުންނަށް ތަމްރީނުތައް ދޭނެ ކަމަށާއި، ކޮންމެ ގައުމެއްގައި ވެސް ތަމްރީނުތައް ދޭނީ އެ ގައުމެއްގައި ހުންނަ ކުންފުނިތަކުގެ ބޭނުންތައް ދެނެގަނެ، އެ ބޭނުންތަކަށް އެކަށީގެންވާ ލޯކަލައިޒްޑް ސްޕެޝަލައިޒްޑް ކޯހެއްގެ ގޮތުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫ ގްރޫޕުގެ ޗީފް ހިއުމަން ރިސޯސް އޮފިސަރު، ފާތިމާ ސުލްތާން އަލް ކުވާރީ ވިދާޅުވީ މިއީ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާ އެކު އިންޑަސްޓްރީއަށް އަންނަ ބަދަލުތަކާ އެއް ހަމައެއްގައި ފައި ހަމަކުރާނެ މުވައްޒަފުންތަކެއް ބިނާކުރާނެ އެކަޑަމީއެއް ކަމަށެވެ.

މި އެކަޑަމީން ތަމްރީނުތައް ދިނުމުގައި މުވައްޒަފުން ވަޒީފާ އަދާކުރަމުންދާ އިރު ކޯޗިން އާއި މެންޓަރިން ފަދަ މެތަޑްތައް ބޭނުންކޮށްގެން ވަށައިޖެހޭ ސިސްޓަމެއްގައި ތަމްރީނުތައް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މި އެކަޑަމީން ޑިޖިޓަލް، ޓެކްނޮލަޖީ، ބިޒްނަސް، ޕްރޮކިއުމަންޓް، ފައިނޭންސް، ހިއުމަން ރިސޯސަސް، ލީޑާޝިޕް ޑިވޮލަޕްމަންޓް ފަދަ ކޯސްތަކަކުން އެކަޑަމީގެ ޕްރޮގުރާމުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އެކަޑަމީގެ ކޯސްތަކަކީ ފެންވަރު ރަނގަޅު ކޯސްތަކަކަށް ވާނެ ކަމަށް އެ ގްރޫޕުން ބުނެ އެވެ. އަދި މި ކޯސްތައް ހިންގުމަށް ހަމަޖެހިފައި ވަނީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ އެކި ޕާޓްނަރުންނާ އެކު ކަމަށް އެ ގްރޫޕުން ފާހަގަކުރެ އެވެ.