ނާމާން ފަޅުރަށް
ނާމާން ފަޅުރަށް

އާދިއްތަ ދުވަހާ ގުޅޭ

ބޮއްކުރައާއި ޑިންގީ ވެސް އޮޔާދަމަން ފެށީ ކަނޑަށެވެ. ފުންމިން ނޭނގޭ، ސިއްރުންފުރިގެންވާ މާކަނޑަށެވެ. ރާޅުހުރީ އަހަރުމެންނަށް ފަހިކޮށެއް ނޫނެވެ. ފައިރޫޒު ކިޔާ އެއްޗެއް ބަދީއުއަކަށް ނުވިސްނެއެވެ. ބަދީއު ބުނާ އެއްޗެއް ފައިރޫޒަކަށް ސާފެއް ނުވެއެވެ. ކޮންމެ މީހަކު ވެސް އުޅެނީ ތިމާގެ ބޮލުންނައްޓާލައި، އަނެކާގެ ބޮލުގައި ތުހުމަތުއަޅުވާށެވެ.

"މަ އޭރު ވެސް ބުނިން އިންޖީނު މައްސަލަޖެހެޔޭ!" ބޮއްކުރާ ދުއްވި ބަދީއު ބުންޏެވެ. "އެތައް ފަހަރަކު ބުނިން މަރާމާތުކުރާށޭ! އާ އިންޖީނެއް ގަންނާށޭ! މި ކަހަލަ ބޮއްކުރާގަނޑެއްގަ ރޭގަނޑު ދަތުރުކުރާކަށް ނުވާނޭ ވެސް ބުނިން. އަޑެއްނޭހި!"

"ބަލަ އަޑުއެހިޔެކޭ ކިޔާފަ ކީއްތަ ކުރާނީ؟" ޑިންގީގައި އިން ފައިރޫޒު ހަޅޭއްލަވައިގަތެވެ. "ރުފިޔާ މައްޗަކުން ނުފައިބަޔޭ! ކޯދުލާފަ އަޑިއަކުން ނުވެސް އަރާ! ދެނޯ؟ ކަލޭ ކަންނެތްކަމުން ދަތުރެއްކޮށްލެވެނީކީ ނޫން. ދެ ދަޅައަށް ސެންޓުޖަހާފަ ޖުމާނާ ގޭދޮށުން ދުއްވީމަ ނިމުނީ. ވާހަކަދެއްކީމާ ދައްކާކަމަށްވާނީ."
ދެބެންގެ އަރާރުން ފެށުނެވެ. ހީވާ ކަހަލައެވެ. މޮޅުވާނީ އެންމެ މޮޅު އެއްޗެއް ބުނެވޭ މީހާއެވެ. މައްސަލަ ހައްލުވުމުގެ އުންމީދު ދިޔައީ ކަނިވަމުންނެވެ. ހަމްދާންގެ ހާސްކަން ދިޔައީ ބޮޑުވަމުންނެވެ. ދެން ވެއްޓުނީ ރިހޭ ފައިމައްޗަށް ފޮޔެވެ

"ވަރަށް ސަކަރާތް ގޮތެއް މި ވަނީ،" ފިކުރުބޮޑުވެފައިވާ އަޑަކުން ޖަލީލު ބުންޏެވެ. "މި ދޭތެރޭގަ ވަރަށް އޮއިބާރުވާނެ. ބޮއްކުރާ މިހާރު އޮންނާނީ ދެ ރަށުން ވެސް ކަޓާފަ. އިންޖީނު ނެހެދިއްޖެއްޔާ އަތުޅޮ ވެސް އަތުނުވާނެ. ދެން ލައްވާލާނީ ލަންކާއަށް."

ޖަލީލު އެހެން ބުނުމާއެކު ހަމްދާނަށް ރޮވިއްޖެއެވެ. ޖަލީލަކީ ބަދީއުގެ އެހީތެރިޔާއެވެ. މާ ބޮޑު ބޭނުމެއްހިފޭ މީހެއް ނޫނެވެ. ނުވާތާކަށް ބުއްދިއެއްހުރި މީހެއް ވެސް ނޫނެވެ. ކިރިޔާ ވެސް ބުއްދިއެއްހުރި ނަމަ، އެ ފަދަ އެއްޗެއް، އެ ވަގުތަކު ނުބުނާނެއޭ އަންވަރު ހިތަށްއެރިއެވެ.

"ހަމްދާން ކީއްވެތަ ތި ރޮނީ؟" އާދިލް ސުވާލުކުރިއެވެ. "މި ކަހަލަ ވަގުތުގަ ޖެހޭނެ ހިތްވަރުކުރަން.

ހަމްދާންގެ އަޑު ހައްތަހާ ދިޔައީ ގަދަވަމުންނެވެ. ރޯކަށް އޭނަ ބޭނުމެއް ނޫނެވެ. އެކަމަކު ހުއްޓައެއް ނުލެވުނެވެ. ދަތުރަށް ތައްޔާރުވީއްސުރެ ހަމްދާންގެ ހިތުގައި ބިރުވެރިކަން އުފައްދަމުންއައި ހާދިސާ އެންމެ ފަހުން ކުރިމަތިވީއެވެ. ހަތަރުފަރާތުން މާޔޫސްކަން އައިސް ހަމްދާން ވަށައިގެން ފޮތިގަނޑެއްހެން އޮޅައިލި ކަހަލައެވެ.

"މި ކަހަލަ ވަގުތު ހެޔޮއެއްޗެއް ކިޔޭތޯ ބަލާ!" ތަންކޮޅެއް މަޑުމަޑުން އަންވަރު ބުންޏެވެ. "ބޮޑުސިންގާ ފިރިހެނަކު ތިހެން ރޯކަށް ނުވާނެ. ތީ އަހަރުމެންގެ ބޮޑަކަށް އައިސްހުރި މީހާޔޭ!"

އަންވަރު އެހެން ބުނުމުން ހަމްދާން ވަކި އެއްޗެއް ނުބުނެއެވެ. ރުއިން ހުއްޓައިލިއެވެ. ހެޔޮއެއްޗެއް ކިއިކަމެއް ނުކިޔާކަމެއް ވެސް އަންވަރަކަށް ނޭނގެއެވެ. ކޮންމެވެސް އެހީއެއްވާން އަންވަރު ބޭނުމެވެ. މައްސަލައަކީ ބޮއްކުރާގައި ތިބި މީހުން ގިނަކަމާއި، ރޯލުކުރާލެއް ބޮޑުވުމެވެ. އިންޖީނު ހެދޭތޯ ފަޅުވެރިން މަސައްކަތްކުރާ ތަން ބެލުން ނޫން ގޮތެއް ނެތިފައި ތިން މީހުން ވެސް ޖެހުނީ ތިބޭށެވެ. ދެން ވެސް ފޯނުން ބަޔަކާ ގުޅޭތޯ އެކަކު ވެސް ނޫޅެއެވެ

"މިހެން ތިބެގެން ނެތް ވާކަަށް،" ޖަލީލު ބުނި އަޑުއިވުނެވެ. "ހިނގާ އެންމެން އެއްކޮށް ފުންމާލަން. އެހެން ނޫނީ އޮޔާ މާ ދުރަށް ގެންގޮއްސާނެ. ދެން އަނބުރައެއް ނާދެވޭނެ. ހިޔެއްނުވޭ އިންޖީނު ހެދޭނެހެނެއް."

ހަމްދާނަށް އެ އަޑުއިވުނީ ގުގުރިއެއްޖެހިހެންނެވެ. ކުރިޔަށް ވުރެ ބާރަށް ބޮއްކުރާގައި ހިފޭއްޓިއެވެ. ފުންމަން ހިތަށްއަރުވާކަށް ވެސް ހަމްދާން ބޭނުމެއް ނޫނެވެ.

"ނުފުންމާތި!" ޑިންގީން ފައިރޫޒު ގޮވައިލި އަޑުއިވުނެވެ. "މި ތަނަށް ފުންމައިލައިފިއްޔާ ބޭރަށް ނޫނީ އަޑިޔަށް ދަމައިގަންނާނީ. އެކަކު ވެސް ސަލާމަތެއް ނުވާނެ. ކަލޭމެންނަކަށް ނުފެނޭތަ އަހަރުމެން އޮއިގަޖެހިފައޮތް ވަރެއް؟ ކީކޭ ދެން ބުނާނީ؟"

ހަމްދާން އަޑުގެކޮޅަށް ރޮއިގަތެވެ. އެ އަޑު ނުފޯރާ އެކަކު ވެސް އެ ތާކު ނެތެވެ. ހީވާ ކަހަލައެވެ. ރުއީމައި މެޓާލިބޭހެން މައްސަލަ ވެސް ހައްލުވާނެއެވެ.

"ކާކުތަ އެ ރޮނީ؟" ޑިންގީން ފައިރޫޒު ރުޅިއައިސްފައި ހަޅޭއްލަވައިގަތެވެ. "ރޯވަރުކަމެއް އަދި ނުވެއެއްނު! ތިހާ ފިނޑިމީހުން ކީއްކުރަން މި ކަހަލަ ތަންތަނަށް އަންނަނީ؟ ހިތްވަރުކޮށްފަ ހެޔޮއެއްޗެއް ކިޔޭތޯ ބަލާބަލަ!"

ގާތުގައި އިން އަންވަރު މަޑުމަޑުން ހަމްދާންގެ ކޮނޑުގައި ފިރުމައިލިއެވެ. އެ ނޫން ކަމެއް ކުރެވޭކަށް ނެތެވެ.

"ހަމްދާން ހާސްނުވެބަލަ! މަ ވެސް މިހިރީނު!" އަންވަރު މަސައްކަތްކުރީ ހިތްވަރުދޭށެވެ. "ބަލާ ހެޔޮއެއްޗެއް ކިޔޭތޯ! ކުރުސި ކިޔާ!"

"ކުރުސިއެއް ނޭނގެޔޭ!" އަސަރާއެކުގައި ހަމްދާން ބުންޏެވެ.

"އޭނ؟" ހައިރާންވެފައި އާދިލް ބުންޏެވެ. "ކުރުސިއެއް ނޭނގެޔޭ! އިސްލާމަކަށް ވިއްޔާ ކުރުސި އެނގެންޖެހޭނެއްނު! ނަމާދުކޮށް ނިންމާފަޔާ ނިދާ އިރު ވެސް ކިޔަންޖެހޭ އެއްޗެކޭ ކުރުސިއަކީ. ހަމްދާން ނަމާދެއް ވެސް ނުކުރަންތަ؟"

"އާނ! ތި ތަހުގީގުކުރާނީ ފަހުން،" އަންވަރު އަމިއްލައަށް ފަނޑިޔާރަކަށްވެފައި ބުންޏެވެ. "އިހަށް ހިނގާ މިހާރަށް ވިސްނަމާ! އަލްހަމްދު އެނގޭނެއްނު! ކިޔާފަ ބަހައްޓާ! ވުލޫދުއާ، ބަންގިދުއާ.. ގުނޫތު ވެސް ހެޔޮ! އެނގޭ އެއްޗެއް ކިޔާ!"

ހަމްދާން ތުންތެޅުވިހެން އަންވަރަށް ހީވިއެވެ. ކިއީ ކޯޗެއްކަމެއް ނޭނގެއެވެ. ބޮއްކުރައަށް ވުރެ ޑިންގީ ލުޔެވެ. އެހެންކަމުން ބޮޑަށް އޮޔާދަމަނީ ޑިންގީއެވެ. ކަފުޖަހާފައިއޮތުމުން ޑިންގީގެ ބާރުގައި ބޮއްކުރާ ވެސް ދިޔައީ ހައްތާހާ ބޭރަށެވެ. އިރުކޮޅަކުން ފައިރޫޒު ބޮއްކުރައަށް އަންނަންވެގެން ވަލަށް ދަމަން ފެށިއެވެ. ބޮއްކުރާ ބޭރަށްދާލެއް ހައްތަހާ ވީ ބޮޑެވެ.

"ހިނގާ ދޭތި އެއްކޮށް ގޮށްޖަހާލަމާ!" ފައިރޫޒު އެދުނެވެ. "އޭރުން ވާ އެއްޗެއްވާނީ އެންމެނަށް އެއްކޮށްނު."

"އުހުނ! އެހެންނަހަދާތި!" ފައިރޫޒުގެ ކޮއްކޮ ބަދީއު ހަޅޭއްލަވައިގަތެވެ. "އެންމެ ގޯސްވީމަ އެހެން ހަދާނީ. އޭގެ ކުރިން ފުންމާލަންކަން ނޭނގެ ޖެހޭނީ."

އެހެން ބުނާ ކޮންމެ ފަހަރަކު ހަމްދާނަށް ރޮވެއެވެ. ނުރޯން ހުއްޓަސް ރޮވެނީއެވެ. ފަތަންނޭނގުމުގެ ބިރުވެރިކަމުގެ ތެރެއިން ހަމްދާންގެ ލޮލަށް ސިފަވަނީ، އަޑިން ފެނުނު މަޑިތަކެވެ.

"ރަށުގެ ނިވާފަޅިއަށް ދިޔައިމަ އޮއިގަނޑު މަޑުވާނެ. ދަނޑިވަޅު ލިބޭނެ." ބަދީއު އިރުޝާދުދިނެވެ. "މަ ބުނާނަން. ބުނީމަ އެންމެން ފުންމާލާފަ ފަތައިގަންނާނީ. ކޮންމެވެސް އެއް ރަށަކަށް ލައްވާލާނެ."

"ނޫނެކޭ!" ހަމްދާން ހަޅޭއްލަވައިގަތެވެ. "އަހަންނަކަށް ނޭނގެޔޭ ފަތާކަށް. ކަލޭމެން އަހަރެން އެއްލާލާފަ ދޭ!"

"އަނެއްކާ އަނެއް ކަންތައް،" ރައްދުދެނީ ބަދީއުއެވެ. "މަ ނުދެކެން ތިހާ ފިނޑިމީހެއް. އަހަރުމެން ތިބޭނަމޭ ކައިރީގަ.

އެ ހިސާބުން މީހުން ދެ ޓީމަކަށް ބެހުނެވެ. ރަށުމީހުންނަކީ އެއް ޓީމެވެ. މާލެއިން އައި މީހުންނަކީ އަނެއް ޓީމެވެ. ހަމްދާން ދޫކޮށްލައިފައި ފުންމައިލާކަށް ހަމްދާންގެ އަނެއް ދެ އެކުވެރިންނަކަށް ނުކެރުނެވެ. އެމީހުން ނިންމީ، ރަށުމީހުން ފަތާފައި ރަށަށް އަރައި، އެހެން އެއްޗެއްގައި ބަލައިއަންނަންދެން އެމީހުން ބޮއްކުރާގައި ތިބޭށެވެ. ހުރިހައި ގޮތެއް ހުސްވުމުން ނޫނީ އަގުހުރި ސާމާނުތައް ދޫކޮށްލާފައި ނުދާށެވެ. އެ ހިސާބަށްދިޔަ އިރު އިންޖީނުގެ މަތިގަނޑު ނެގިއްޖެއެވެ. އެއީ ވެސް ނޭވާހިފާއްޓައިލަންޖެހުނު ވަގުތުކޮޅެކެވެ. އިންޖީނުން ނެއްޓި އިސްކުރެއް އަތުން ދޫވެގެން ވެއްޓިއްޖެއްޔާ، ބޮއްކުރާ ތެރެއަށް ވެއްޓުނަސް އެޔެއް ނުހޯދޭނެއެވެ. މޫދަށް ވެއްޓިއްޖެއްޔާ ދެން އެ ވާހަކަ ދައްކާނެކަމެއް ވެސް ނެތެވެ. އެންމެންގެ ހިތުގައި އެ ބިރުވެރިކަން އޮތެވެ. އެ ވާހަކަ ނުދައްކާކަމެވެ.

"މަތިގަނޑު ނެގިއްޖެ!" ބަދީއު ގޮވައިލިއެވެ. "އެކަމަކު ބޭބެ ތި ބުނާ ތަނެއް ނުފެނޭ!"

"ތި ނެގީ އަނެއްފަޅިއޭ!" ރުޅިއައިސްފައި ފައިރޫޒު ގޮވައިލިއެވެ. "އަނެއް ފަޅި ނަގާށޭނު މަ ބުނީ!"

"ނެގުނީ އަނެއް ފަޅި. ނަގަންވީ ވެސް އަނެއް ފަޅި،" ބަދީއު މާ ރުޅިއައެވެ. "ކަލޭ ތި ކިޔާ އެއްޗެއް ރަނގަޅަށް ކިޔާބަލަ! ނޫނީ ގޮތްކިޔަން ތީގަ ނީނދެ ކަލޭ އައިސްބަލަ މި ހަދަން."

"ކިތައް ފަހަރު ބުނެފިން ކަލޭ މިއަށް އަރާށޭ!" ފައިރޫޒު ގޮވައިލިއެވެ. "މަ ބޮއްކުރައަށް އަރުވަބަލާށޭ! ބުނާ ގޮތެއް ހަދަނީކީ ނޫން. ކަލެޔާ ހެދިޔޭ މަ މިއަށް އަރަންޖެހުނީ ވެސް. ބުނެފި ތިމަންނައޭ ދުއްވާނީ. ވަރަށް ތާހިރެއްނު! މާ ދަންނަ މީހަކަށް ހެދިގެން އުޅޭ އިރު ނޭނގޭ ތިމާ މީ ރޯނުއެދުރެއްކަމެއް. ނޭނގޭކަމެއް ނެތް. އެނގޭކަމެއް ވެސް ނެތް."

އަނެއްކާ ޒުވާބު ފެށުނެވެ. ބޮޑުފޮތުގެ ނިމޭކޮޅުން ފެށިއެވެ. އެމީހަކާ އެމީހެކެވެ. ބޮއްކުރާ އޮތް ތަނަށް އަޑިޔަށްނުދާކަން ރަނގަޅޭ ވެސް ހަމްދާން ހިތަށްއެރިއެވެ. އެހައި ވެސް ހުތުރު ބަސްތައް ދިޔައީ ބަދަލުކުރެވެމުންނެވެ. ކޮންމެ މީހަކު ވެސް ބޭނުންވަނީ އަނެކަކުގެ އަނގަ ބަންދުކޮށްލާށެވެ. ގާތްތިމާގެކަމުގެ ވަސް ވެސް ނެތެވެ. އޭރު ވެސް ބޮއްކުރާ ދިޔައީ ރަށާ ދުރުވަމުންނެވެ.

"އަހަރުމެން ދެން ސަލާމަތެއް ނުވާނެ،" ހަމްދާން ރޮމުން ބުންޏެވެ. "ލަންކާއަށް ދެވޭ އިރު އަހަރުމެން ތިބޭނީ މަރުވެފަ. މަ ބޭނުން މަންމައަށް ގުޅަން."

"އޭރުން ކަމަކުނުދާނެ،" އަންވަރު ބުންޏެވެ. "އެމީހުން ކިހާ ޓެންޝަނަށްދާނެ؟ ކޮން ކަމެއް ކޮށްދެވޭނީ ވެސް؟"

"ހެޔޮ!" ހަމްދާން އަޑެއް ނޭހިއެވެ. "އޭރުން ކޯސްޓުގާޑަށް ވެސް ގުޅޭނެއްނު!"

"ކޯސްޓުގާޑޭ؟" ބަދީއުއަށް އަޑުއިވިގެން ބުންޏެވެ. "ކޯސްޓުގާޑަށް ނުގުޅާތި! ލައިފުޖެކެޓެއް، ޓޯކީއެއް، އެކައްޗެއް ވެސް މިއަކު ނެތް. ބޮޑު މައްސަލައަކަށްވާނީ. މައިތިރިވެބަލަ އިންޖީނު ހެދެންދެން. ހެދޭނޭ! މީ އަހަރެން ދުވާލަކު އެއްފަހަރު ރޫޅާ އިންޖީނެއް."

ހަމްދާން ފޯނު ނެގިއެވެ. އަވަސްއަރައިގެން ތެޅިގަތް ވަގުތު ފޯނު ދޫވެގެން މޫދަށް ވެއްޓުނެވެ. އެއް ފޯނުގެ ދުވަސް ދިޔައީއެވެ.

"އެ ފޯނު ނަގަންޖެހޭނެ!" ހަމްދާން ބުންޏެވެ. "ކޮންމެވެސް މީހަކު ފުންމާލަބަލަ! ހުރިހާ ކޮންޓެކްޓެއް ހުންނާނީ އޭގަ. ބެކަޕެއް ވެސް ނުނަގާ މި އުޅެނީ."

ފުންމާނެ މީހަކު ނެތެވެ. ސަބަބު ވަރަށް ސާފެވެ. ފުންމާލާ މީހާ ނަގަން ބޮއްކުރައަށް އާދެވޭނެ ގޮތެއް ނެތެވެ. އެ ފަދަ ފައްތަރެއްގައި ތިބި އިރު އެހެން މީހެއްގެ ފޯނު ނަގައިދޭން ގުރުބާންވާނީ ކާކުހެއްޔެވެ؟ އަންވަރު އިނީ ދެ ހިޔާލެއްގައެވެ.

"އަންވަރުގެ ފޯނު ގެނޭ!" ހަމްދާނަށް ކުރެވުނީ އަމުރެވެ.އަންވަރު އެއްބަހެއްނުވިއެވެ. އާދިލްގެ ފޯނު ދޭން ހަމްދާން އެދުނެވެ. އާދިލް ވަގުތުން އިންކާރުކުރިއެވެ. އަނެއްކާ އެ ދެމީހުންގެ ޒުވާބު ފެށުނެވެ. އެއްބަޔަކު އިންޖީނުގެ ނުބައިފަޅީގެ މަތިގަނޑުނެގިގެން އެކަމާ އަރާރުންވަނީއެވެ. އަނެއްބަޔަކު ފޯނާ ހެދި އަރާރުންވަނީއެވެ. ކުއްލިއަކަށް އިވުނީ އިންޖީނު އިސްޓާޓުވި އަޑެވެ.

-ނުނިމޭ-