09 ފެބުރުއަރީ 2017 - 13:07

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއު ރޭޑިއަންޓުން ހއ. ކެލާ އަދި ހދ. މުރައިދޫއަށް ދަތުރެއްކުރަން ނިންމައިފި އެވެ.
މާދަމާ އިން ފެށިގެން މި މަހު 18 ވަނަ ދުވަހަށް ކުރިޔަށްގެންދާ މި ޓުއާގައި ނިއު އިން ދެ މެޗެއް ކުޅުމަށް ވަނީ ނިންމައިފަ އެވެ. ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ކުޅޭނީ ހއ. ކެލާއާ އެވެ. ދެ ވަނަ މެޗުގައި މި މަހު 17 ވަނަ ދުވަހު ކުޅޭނީ ހއ. މުރައިދޫއާ އެވެ.
ނިއު އިން ވަނީ އާ ސީޒަނަށް ފަރިތަކުރުމުގެ ގޮތުން މިދިޔަ މަހު 16 ވަނަ ދުވަހު ފަރިތަކުރުންތައް ފަަށައިފަ އެވެ. އެ ޓީމުން ވަނީ ފުރަތަމަ ޑިވިޝަންގެ ބައެއް ކްލަބްތަކާ އެކު ޕްރެކްޓިސް މެޗުތަކެއް ވެސް ކުޅެފަ އެވެ. އޭގެ ތެރޭގައި ގަލޮޅު ދަނޑުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު ހިމެނެ އެވެ.
ނިއު އިން ބުނީ މި ދަތުރުގައި ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވާނެ ކަމަށެވެ. ނިއުގައި މި ވަގުުތު ބިދޭސީ ފަސް ކުޅުންތެރިން އެބަތިބި އެވެ. އެއީ ޗެލްސީގެ 18 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަންކޮށްފައިވާ ގާނާގެ ޑިފެންޑަރެއް ކަމަށްވާ ޑެނިއަލް ޕަޕޯ، ނެދަލެންޑްސްގެ މިޑްފީލްޑަރު ޖަމެލް ލީފްލޭންގް، ސްޕެއިން ފޯވާޑު އެޑްރިއަން ގަލާޑޯ ވަލްޑެސް، ޖަޕާނުގެ މިޑްފީލްޑަރު ކެއިސޫކޭ އޮގާވާ އަދި މޮންޓެނީގްރޯގެ ޑިފެންޑަރު ސްޓެފަން މާކޮވިޗެވެ.
އެފްއޭއެމް އިން ކަނޑައަޅާފައިވާ ގަވާއިދުގައިވާ ގޮތުން ކޮންމެ ޓީމެއްގައި ވެސް ޖެހޭނީ ބިދޭސީ ހަތަރު ކުޅުންތެރިންނެވެ. އެނގިފައިވާ ގޮތުގައި ނިއު އިން ވަނީ ޕަޕޯ ދޫކޮށްލުމަށް ނިންމައިފަ އެވެ.
މި ސީޒަނުގައި ނިއު އަށް އިރުޝާދު ދޭނީ ޕޯޓޯ އާއި ބެންފީކާގައި މަސައްކަތް ކޮށްފައިވާ ޕޯޗުގަލްގެ ބެނާޑޯ ޓަވަރެސް އެވެ. އަދި އޭނާއާ އެކު ފިޓްނަސް ކޯޗަކަށް ޕޯޗުގަލްގެ ޔަކީމް ވެލިންހޯ ހަރަކާތްތެރިވާނެ އެވެ.