ޓެރިފް ނުލައި ތުރުކީއަށް މަސް އެކްސްޕޯޓު ކުރުމަށް މަޝްވަރާކޮށްފި
ޓެރިފް ނުލައި ތުރުކީއަށް މަސް އެކްސްޕޯޓު ކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއިން ތުރުކީއަށް މަސް އެކްސްޕޯޓު ކުރާ އިރު ޓެރިފް ކަނޑާލުމަށް މަޝްވަރާކޮށްފި އެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ތުރުކީއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ބެހޭ ގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތުރުކީގެ ޑެޕިއުޓީ މިނިސްޓަރު މުސްތަފާ ތުޒްކޫއާ ބައްދަލުކުރައްވައި ރާއްޖެއާ އެގައުމާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމަށް މަޝްވަރާތައް ކުރެވުނު ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ މަހުގެ އުފެއްދުންތައް މިހާރަށް ވުރެ ފަސޭހަކަމާ އެކު ތުރުކީއަށް އެކްސްޕޯޓު ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

"ރާއްޖެއިން ތުރުކީއަށް މަސް އެކްސްޕޯޓު ކުރާ އިރު ދައްކަންޖެހޭ ޓެރިފް ކަނޑާލުމަށް މަޝްވަރާކުރެވުނު،" މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ، ދެ ގައުމުގެ ވިޔަފާރި ގުޅުން ބަދަހިކޮށްގެން ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.

ރައީސް މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގެންނެވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެދަތުރުފުޅުގައި ވަނީ އެގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ ބައްދަލުކުރައްވާފަ އެވެ.