28 ނޮވެމްބަރ 2023 - 19:15

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތުރަކް އަބްދުﷲ އަލްއަޖާލީން އަލްދައުސަރީ، އިސްލާމިކް މިނިސްޓްރީއަށް ޒިޔާރަތް މިއަދު ވަޑައިގަތުމުން ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފި އެވެ.

ސަފީރު މިއަދު އެ މިނިސްޓްރީއަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ މިނިސްޓަރު ޑރ. ޑރ. މުހައްމަދު ޝަހީމެވެ. މިނިސްޓަރާ އެކު މިނިސްޓްރީގެ މުވައްޒަފުން ސަފީރުގެ އިސްތިގުބާލަށް ނުކުތެވެ.

ސަފީރުގެ އިހުތިރާމްގެ ޒިޔާރަތުގައި މިނިސްޓަރު ވަނީ ރާއްޖެއާ ސައުދީއާ ދެމެދު ޒަމާނުއްސުރެ އޮތް ގާތްގުޅުމާއި ސައުދީން ކޮށްދީފައިވާ ކަންކަން ފާހަގަކުރައްވައިފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ސައުދީއަކީ އިސްލާމީ އެހީ ރާއްޖެއަށް އެންމެ ގިނައިން ދީފައިވާ ގައުމެވެ.
އޭގެ އިތުރުން ރާއްޖޭގެ އެންމެ ގިނަ އިލްމުވެރިންނަށް ހިލޭ ކިޔަވައިދިނުމާއި އެންމެ ގިނަ މިސްކިތް ހިލޭ އެޅުމާއި އެންމެ ގިނަ އިސްލާމިކް ސެންޓަރުތައް ހިލޭ އެޅި ގައުމަކީ ވެސް ސައޫދީ ކަމަށް ވިދާޅުވި އެވެ.
ސައުދީން އުމްރާވެރިންނާއި ހައްޖުވެރިންނަށް ދީލަތި އެހީ ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވައި އެކަން އިތުރަށް ފަސޭހަ ކޮށްދިނުމަށް ރާއްޖޭގައި އެމްބަސީއެއް ހަދައި ސައުދީގެ ސީދާ ފްލައިޓްތައް ރާއްޖެއަށް ފަށާފައިވާކަން ވެސް ފާހަގަކުރައްވައިފަ އެވެ.
އާ ސަރުކާރުން އަންނަނީ ސައުދީއާ ގާތް ގުޅުމެއް ބާއްވަމުންނެވެ. ސަފީރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ކުރިން އެ މަނިކުފާނާ ބައްދަލުކުރައްވައިފަ އެވެ.
ރައީސްގެ އެންމެ ފުރަތަމަ ބޭރު ދަތުރު ހަމަޖެއްސީ ވެސް ސައުދީއަށެވެ. ނަމަވެސް އެ ދަތުރު ފަސްކުރަން ޖެހުމުން މިހާރު ވަނީ ތުރުކީއަށް ވަޑައިގެންފަ އެވެ.