ޔަހޫދީ އަސީރުންގެ ޝުކުރާއި ތައުރީފު ހަމާސް އަށް
ޔަހޫދީ އަސީރުންގެ ޝުކުރާއި ތައުރީފު ހަމާސް އަށް

މިދިޔަ ހުކުރު ދުވަހުން ފެށިގެން ބައިނަލްއަގުވާމީ މީޑިއާތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދަމުން އަންނަނީ، ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިޒްރޭލާ ދެމެދު، މިދިޔަ ހަތަރު ދުވަހު ބަދަލުކުރި އަސީރުންގެ ވާހަކަތަކުންނެވެ. ޓީވީ ޗެނަލްތަކުންނާއި ވެބްސައިޓްތަކުން އެންމެ ގިނައިން ދެއްކީ އިޒްރޭލުން މިނިވަންކުރި ފަލަސްތީނު މީހުންނާއި ހަމާސް އިން މިނިވަން ކުރި އިޒްރޭލު މީހުންގެ މަންޒަރުތަކެވެ.

ޔަހޫދީ އަސީރުންގެ ޝުކުރާއި ތައުރީފު ހަމާސް އަށް
ޔަހޫދީ އަސީރުންގެ ޝުކުރާއި ތައުރީފު ހަމާސް އަށް

ނަމަވެސް މުޅި ދުނިޔެއަށް ފާހަގަވެގެން ދިޔައީ، ދެ ފަރާތުގެ އަސީރުންގެ ފަރާތުން ފެނުނު ތަފާތުތަކެވެ. އިޒްރޭލުން މިނިވަންކުރި ފަލަސްތީނުގެ ކޮންމެ އަސީރެއްގެ ދުލުން ދުނިޔެ އަށް ހާމަކޮށްދެމުން ދަނީ އިޒްރޭލު ސިފައިންގެ އަނިޔާވެރިކަމާއި، ގޮތެއްފޮތެއް ނެތް ކަމެވެ. ޖަލުތަކުގައި ފަލަސްތީނުގެ އަސީރުންނާ ކުރިމަތިވި ލާއިންސާނީ އަނިޔާތަކާއި އިންސާނިއްޔަތާ ޚިލާފު މުއާމަލާތުތަކެވެ.

ޔަހޫދީ އަސީރުންގެ ޝުކުރާއި ތައުރީފު ހަމާސް އަށް
ޔަހޫދީ އަސީރުންގެ ޝުކުރާއި ތައުރީފު ހަމާސް އަށް

ރެޑް ކްރެސެންޓުގެ އުޅަނދުތަކުގައި ގެނެސް ހުޅަނގު އައްސޭރި އަށް ދޫކޮށްލާ ފަލަސްތީނުގެ ކޮންމެ އަސީރަކު ކިޔައިދެނީ އެމީހަކަށް އިޒްރޭލުގެ ޖަލުތަކުގައި ކުރިމަތިވި އަނިޔާތަކުގެ ވާހަކަ އެވެ. ޖަލު ބަލަހައްޓަން ތިބޭ މީހުންގެ ބަސްމަގު ހުތުރު ވާހަކަ އާއި، އެކަށީގެންވާ ކާނާ އާއި ބޭސްފަރުވާގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ނުލިބޭ ވާހަކަ އެވެ.

ނަމަވެސް ހަމާސް އިން މިނިވަންކުރި އިޒްރޭލުގެ ރަހީނުންގެ ފަރާތުން ފެނުނީ މުޅިން ތަފާތު މަންޒަރުތަކެކެވެ. ހަމާސްގެ ހަނގުރާމަވެރިންގެ ބެލުމުގެ ދަށުން ގެނެސް، ރެޑް ކްރެސެންޓާ ހަވާލުކުރާ އިޒްރޭލުގެ ކޮންމެ ރަހީނަކު ހަމާސްގެ ހަނގުރާމަވެރިންނަށް އަތުން އިޝާރާތްކޮށް ހިނިތުންވުމާއެކު ސަލާމް ކޮށްލަ އެވެ.

އެއިން ކޮންމެ ރަހީނަކު ރެޑް ކްރެސެންޓުގެ އުޅަނދަށް އަރުވާއިރު، ހަމާސްގެ ހަނގުރާމަވެރިއަކު އެއިން ރަހީނެއްގެ ކޮނޑުގައި ފިރުމާލައި އަލްވަދާއު ކިޔަ އެވެ. ރަހީނެއްގެ ގޮތުގައި މަހަކަށް ވުރެ ގިނަ ދުވަސް ހޭދަކުރުމަށް ފަހު މިނިވަންވެގެން ދާއިރު ވެސް، ހަމާސްގެ ހަނގުރާމަވެރިންނާ މެދު ހިތްހަމަޖެހިފައި ތިބި ކަމުގެ މާނައެއް ދޭހަވެ އެވެ.

އެ މަންޒަރުތައް އެ ގޮތުގައި ފެނުނަސް، އިޒްރޭލު ސަރުކާރުން މަނާކޮށްފައި އޮތުމުން، ރަހީނެއްގެ ގޮތުގައި ހޭދަކުރި ގޮތުގެ ވާހަކަތައް މީޑިއާތަކާ ހިއްސާކުރެވޭކަށް ނޯވެ އެވެ. ނަމަވެސް، އަސީރުން ބަދަލުކުރުމުގެ ފުރަތަމަ ދުވަހު ހަމާސް އިން މިނިވަންކުރި ޔަހޫދީ އަންހެނަކާއި އޭނާގެ ދަރިފުޅުގެ ފަރާތުން ވަނީ ހަމާސް އަށް ޝުކުރުގެ ސިޓީއެއް ދީފަ އެވެ.

ހުކުރު ދުވަހު ހަމާސް އިން މިނިވަންކުރި މީހުންގެ ތެރޭގައި ހިމެނޭ ދާނިޔާލް އާއި އޭނާގެ ހަ އަހަރުގެ އަންހެން ދަރިފުޅު އެމީލިޔާ އާލޯނީގެ ސިޓީގައި ވަނީ، ހަމާސްގެ މެހުމާންދާރީގައި ހޭދަކުރި މުއްދަތުގެ ތެރޭގައި އެމީހުންގެ ފަރާތުން ފެނުނު އާދަޔާ ޚިލާފު އިންސާނިއްޔަތުކަމަށްޓަކައި ޝުކުރު އަދާކޮށްފަ އެވެ. ދާނިޔާލް ބުނެފައިވާ ގޮތުގައި އޭނާގެ ދަރިފުޅު، ހަމާސްގެ ހަނގުރާމަވެރިންނާ އެކުގައި އުޅެފައިވަނީ ރާނީއެއް ފަދައިންނެވެ.

"މި ފަހު ހަފުތާތަކުގައި އަހަރެމެންނާ އެކުގައި އުޅުނު ޖެނެރަލުންނަށް. ހީވާ ގޮތުގައި މާދަމާ އަހަރެމެން ތިޔަ ޖެނެރަލުންނާ ވަކިވެގެން ދާނެ. އެހެން ނަމަވެސް، އަހަރެންގެ ހިތުގެ އެންމެ ފުނުން ތިޔަ ޖެނެރަލުންނަށް ޝުކުރު އަދާކުރަން،" ހަމާސް އިން ފުރަތަމަ މިނިވަންކުރާ ރަހީނުންގެ ތެރޭގައި ހިމެނުނުކަން އެނގުމުން، މިދިޔަ ބުރާސްފަތި ދުވަހު އަމިއްލަ އަތުން ލިޔެ، ހަމާސްގެ ހަނގުރާމަވެރިންނާ ހަވާލުކުރި ސިޓީގައި ދާނިޔާލް ލިޔެފައިވެ އެވެ.

"އަހަރެންގެ ދަރިފުޅު އެމީލިޔާއާ މެދު ތިޔަ ޖެނެރަލުންގެ ފަރާތުން ފެނުނު އާދަޔާ ޚިލާފު އިންސާނިއްޔަތުކަމަށްޓަކައި ޝުކުރު އަދާކުރަން. ދަރިފުޅާ ތިޔަ ޖެނެރަލުން ވީ އޭނާގެ މައިންބަފައިން ފަދަ ބަޔަކަށް. އަހަރެންގެ ދަރިފުޅު ބުނާ ގޮތުގައި ތިޔަ ޖެނެރަލުންނަކީ އޭނާގެ ވަރަށް ގާތް ރައްޓެހިންތަކެއް. ހަމައެކަނި ރައްޓެހިންނެއް ނޫން. އަދި ކިއެއްތަ، ތިޔައީ ވަރަށް ހެޔޮ ލަފާ އަދި ކުދިން ދެކެ ވަރަށް ލޯބިވާ ބައެއް. އަދި އެ ދަރިފުޅު ބެލެހެއްޓުމުގައި ތިޔަ ޖެނެރަލުން ހޭދަކުރި ގިނަ ވަގުތުތަކަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން."

ދާނިޔާލް ބުނި ގޮތުގައި ކުޑަކުދިންނަކީ އަސީރުކޮށްގެންވާނެ ބައެއް ނޫނެވެ. އެހެން ނަމަވެސް، ދަރިފުޅު ބެލެހެއްޓުމުގައި އުޅުނު ހަމާސްގެ ހަނގުރާމަވެރިންނާއި އެހެން ހަނގުރާމަވެރިންގެ ހެޔޮ ކަމުން އޭނާގެ ދަރިފުޅު ޣައްޒާގައި އުޅުނީ ރާނީއެއް ފަދައިންނެވެ.

"ގައްސާމް ބްރިގޭޑް (ހަމާސްގެ ހަނގުރާމަވެރިން) އަހަރެންގެ ދަރިފުޅާ މެދު މުއާމަލާތުކުރީ ވަރަށް ކެތްތެރިކަމާއެކު. އޭނާ ހިތް ފުރެންދެން ފޮނި ކާތަކެއްޗާއި މޭވަޔާއި އެ ނޫނަސް، އެވަރުގެ ކުއްޖަކަށް ބޭނުންވާނެ ހުރިހާ އެއްޗެއް – އެކަން ހުއްދަ ނޫން އިރު ވެސް - ގައްސާމް އިން ހޯދައިދިން. އަހަރެމެން ޣައްޒާގައި މި ހޭދަކުރި ދިގު ރާސްތާގައި އަހަރެމެންނާ ބައްދަލުވި ހަމާސްގެ ކޮންމެ ވެރިއަކާއި ހަމާސްގެ ކޮންމެ ހަނގުރާމަވެރިއަކުމެ އަހަރެންގެ ދަރިފުޅާ މެދު މުއާމަލާތުކުރީ ވަރަށް އޯގާތެރިކަމާއެކު ވަރަށް ކަމޭ ހިތައިގެން."

ދާނިޔާލްގެ ސިޓީގައި ބުނެފައިވާ ގޮތުގައި ހަމާސްގެ ހަނގުރާމަވެރިންގެ ފަރާތުން ފެނުނު ފުރިހަމަ މެހުމާންދާރީ އާއި އިންސާނިއްޔަތުކަން އޭނާގެ ހަޔާތުގައި އަބަދުވެސް ހަނދާން ހުންނާނެ އެވެ. އަދި ޣައްޒާގައި ފަލަސްތީނު މީހުންނާ ކުރިމަތިވެފައިވާ ދަތި ހާލާ މެދު ހިތާމަކުރާ ކަމަށް ވެސް ދާނިޔާލް ބުނެފައިވެ އެވެ.

"މި ދުނިޔެ މަތީގައި ހަގީގީ އެކުވެރިންގެ ގޮތުގައި އުޅުމުގެ ނަސީބު އަހަރެމެންނަށް (ފަލަސްތީނު މީހުންނާއި އިޒްރޭލު މީހުންނަށް) މިންވަރު ކުރައްވާށި،" ދާނިޔާލްގެ ސިޓީ ނިންމައިލަމުން ބުނެފައިވެ އެވެ.

ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލުގެ އާންމުންގެ ބަޔަކާއި ސިފައިންނާއި ފުލުހުން ހިމެނޭހެން 240 އަށް ވުރެ ގިނަ މީހުން ރަހީނުކުރީ، ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުގެ މާއިރާ ކުއްލި ގޮތަކަށް އިޒްރޭލަށް ދިން ހަމަލާތަކެއްގަ އެވެ. ވަޔާއި އެއްގަމާއި ކަނޑުމަގުން، ޣައްޒާގެ ރަށްބޭރުގައިވާ ޔަހޫދީ އަވަށްތަކަށް އަރައިގަނެ އެ ދުވަހު ދިން ހަމަލާތަކުގައި އިޒްރޭލުގެ އާންމުންގެ 859 މީހަކާއި ސިފައިންނާއި ފުލުހުންގެ 345 މީހުން މަރައިލި އެވެ.

ހަމާސްގެ އެ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ހަމަ އެ ދުވަހު އިޒްރޭލު ސިފައިން ޣައްޒާ އަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށި އެވެ. "އެކަތައިގެ ކަނޑި"ގެ ނަމުގައި އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ 49 ދުވަހަށް ފަހު މެދުކަނޑައިލީ، ގަތަރުން އިސް ނަގައިގެން މިސްރާއި އެމެރިކާގެ ބައިވެރިވުމާ އެކު، އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު ކުރި މަޝްވަރާތަކަށް ފަހު، މި މަހުގެ 24 ވަނަ ދުވަހު އެވެ.