28 ނޮވެމްބަރ 2023 - 13:28

ވިލާ ކޮލެޖުން ބާއްވަމުން އަންނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން (އައިސީއެސްއާރުއައި)ގެ އަންނަ އަހަރުގެ އެޑިޝަން އިއުލާނުކޮށްފި އެވެ.
ވިލާ ކޮލެޖުން ބުނި ގޮތުގައި މި ކޮންފަރެންސް އަންނަ އަހަރު ބާއްވާނީ ޖޫން 8-9 އަށެވެ. މި ކޮންފަރެންސް އަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ވަސީލަތްތައް ބެލެހެއްޓުމުން ފެށިގެން އިޖުތިމާއީ ހަމަހަމަކަމާއި، ޒިންމާދާރު ޓެކްނޮލޮޖީ އެޑޮޕްޓްކުރުމަށް މުހިންމު ގޮންޖެހުންތަކާ ކުރިމަތިލުމަށް މަޝްވަރާކޮށް އެ ފަދަ މައުލޫތަކަށް ރިސާޗް ޕޭޕަރުތައް ހުށަހަޅާ ބާއްވަމުން ދާ ކޮންފަރެންސް އެކެވެ.
އަންނަ އަހަރު އޮންނާނީ މި ކޮންފަރެންސްގެ އަށް ވަނަ އެޑިޝަނެވެ. އަންނަ އަހަރުގެ މި ކޮންފަރެންސް އަށް އެ ކޮލެޖުން ކަނޑައަޅާފައިވާ މައުލޫ އަކީ "އިނޮވޭޝަންސް ފޯ ސަސްޓެއިނިބިލިޓީ: ފޯޖިން ދަ ޕާތް އަހެޑް" މި އެވެ.
އަންނަ އަހަރުގެ އައިސީއެސްއާރު ކޮންފަރެންސްގައި ވެސް ފާހަގަކޮށްލެވޭ ކީނޯޓް ސްޕީކަރުން ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މައުލޫއާ ގުޅޭ ޕެނަލް ޑިސްކަޝަންތައް ވެސް އެ ކޮންފަރެންސްގައި ކުރިއަށް ދާނެ އެވެ.
މި ކޮންފަރެންސްގެ ބައިވެރިންނަށް ފިޒިކަލްކޮށް އަދި އޮންލައިންކޮށް ރިސާޗް ޕޭޕަރު ހުށަހެޅުމުގެ ފުރުސަތު ލިބޭނެ އެވެ. މި ކޮންފަރެންސް އަށް ޕޭޕަރު ހުށަހެޅޭނީ އަންނަ އަހަރުގެ މާޗު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ކޮންފަރެންސަށް ރަޖިސްޓްރީ ކުރެވޭނީ މެއި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ކޮންފަރެންސްގެ ހުރިހާ އިވެންޓްތަކާއި ސެޝަންތައް ފޭސްބުކް މެދުވެރިކޮށް ލައިވްކޮށް ކުރިއަށް ގެންދާއިރު، މުހިންމު އިވެންޓްތައް ވެސް ކޮންފަރެންސްގެ ބްރޯޑްކާސްޓިން ޕާޓްނަރު މެދުވެރިކޮށް ޓީވީން ލައިވްކޮށް ދައްކާނެ އެވެ. އަދި ކޮންފަރެންސަށް ހުށަހަޅާ އެންމެ ރަނގަޅު ކަރުދާސް ހޮވާ، އެންމެ މޮޅަށް ހުށަހަޅާ ހަ ޕޭޕާ ޕްރެސެންޓޭޝަންތަކަށް ބެސްޓް ޕްރެސެންޓޭޝަން އެވޯޑު ދޭނެ އެވެ.
މި ކޮންފަރެންސް އަކީ ވިލާ ކޮލެޖުން އަހަރަކު އެއް ފަހަރު ބާއްވަމުންދާ ބައިނަލްއަގުވާމީ ކޮންފަރެންސްއެކެވެ.