28 ނޮވެމްބަރ 2023 - 11:15

ރާއްޖެ އަށް ތުރުކީ އިން އިތުރު 30 ސްކޮލަޝިޕްގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
ތުރުކީ އަށް މިހާރު އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ އިއްޔެ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ދިވެހިން ވަނީ ތަމްރީނުތަކާއި ސްކޮލަޝިޕްތަކުގެ ފުރުސަތުތައް ދިވެހިންނަށް އިތުރަށް ފަހިކޮށްދިނުމަށް އާ ރައީސް ޑރ. މުއިއްޒުގެ އަރިހުގައި އެދިފަ އެވެ.
ރައީސް ވިދާޅުވީ ތުރުކީގެ ސަރުކާރުގެ އިސްބޭފުޅުންނާ އެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު، އެ ބޭފުޅުން ވަނީ އަންނަ އަހަރުން ފެށިގެން ރާއްޖެ އަށް ހާއްސަކޮށް 30 ސްކޮލަޝިޕް ފުރުސަތު ދެއްވާނެކަން ޔަގީންކޮށް ދެއްވާފައި ކަމަށެވެ.
އެ ފުރުސަތުތައް އަންނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވައިލާނެ ކަމަށް އެ ގައުމުގެ އިސްބޭފުޅުން ވިދާޅުވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ނެތުމުން ދިމާވާ ދަތިތައް ވެސް ބައްދަލުވުމުގެ ބައިވެރިވި ދިވެހިން ވަނީ ރައީސަށް ދަންނަވައިފަ އެވެ. އެކަމާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދިވެހި އެމްބަސީއެއް ތުރުކީގައި ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ކާޑު ލިމިޓްގެ ސަބަބުން ދިމާވާ ދަތިތައް ވެސް ރައީސާ ހިއްސާކޮށް، އެ މައްސަލަ ހައްލުކޮށްދިނުމަށް ދިވެހން އެދުނެވެ.
ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބީއެމްއެލް އިން މިހާރު ކަނޑައަޅާފައިވާ މިންގަނޑަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ އިއްޔެ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން މަޝްވަރާ ކުރެއްވި އެވެ.